އިންޑިއާގެ ޑެންޓިސްޓަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އެއްކުރި ފައިސާތައް މަކަރާއި ހީލަތުން އަތުލައި، ޑެންޓިސްޓަށް ލަނޑުދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ފުލުހުން އެގައުމުގެ ތިން ސްޓޭޓެއްގައި ހިންގި އޮޕަރޭޝަނަކަށްފަހު މިމައްސަލައިގައި ހިމެނޭ މީހާ ހައްޔަރު ކުރީ ޕަންޖާބުންނެވެ. އޭނާ އަކީ އިންޑިއާގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ޓްރެވަލް އެޖެންޓަކަށް ވެގެން އިންޑިއާގެ ޑެންޓިސްޓަކާއި މުއާމަލާތް ކުރި މީހާ ވަނީ ރާއްޖެއަށް އައުމަށް ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސައި ދޭނެ ކަމަށް ބުނެ ޑެންޓިސްޓް އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލާފައެވެ. ޑެންޓިސްޓް ފައިސާ ޓްރާންސްފާ ކުރުމުން އެޖެންޓް ފޯނަށް ޖަވާބެއް ނުދިނެވެ. އެހައި ހިސާބުން ޑެންޓިސްޓް ވަނީ އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އިންޑިއާ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިމައްސަލައިގައި ހިމެނޭ މީހާ ހައްޔަރު ކުރީ އޭނާގެ ފޯންގެ ލޮކޭޝަން ބަލައިގެން ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރު ކުރަން ފުލުހުންނަށް އެންމެ ބޮޑަށް ދަތިވީ އޭނާ ދަތުރު ކުރަމުންދާ ކަމަށް ފޯންގެ ލޮކޭޝަނުން ދައްކަމުން ދިއުމުންނެވެ. އެހެންވެ ތިން ސްޓޭޓެއްގައި އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހުނެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދިޔައިރު އޭނާގެ ބޭންކް އެކައުންޓް ވަނީ ފްރީޒް ކޮށްފައެވެ. އެހެންވެ ފުލުހުންނަށް އަތުވުމުގެ ކުރިން ފައިސާތައް ބޭނުން ކޮށްލުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.

އިންޑިއާ އަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ގިނަ ގައުމެކެވެ. ފަތުރުވެރިންނަށް އަމާޒުކޮށް ވެސް އިންޑިއާގައި ތަފާތު ސްކޭމްތައް ހިންގައެވެ. އެފަދަ ކަންތައް ކުރާ މީހުން އެމީހުންނަކީ ހަގީގަތުގައި ވެސް ވިޔަފާރި ކުރާ ބައެއްކަން ދެއްކުމަށް އޮފީސްތަކާއި ކޯލް ސެންޓަރުތައް ވެސް ހުޅުވާފައި ހުރެއެވެ.

ރާއްޖެ އަންނަން އިންޑިއާ މީހަކު އެއްކުރި ފައިސާތައް މަކަރާއި ހީލަތުން މީހަކު ފޭރިގަތް އިރު އިންޑިއާ މީހުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލަކަށް ވެފައި ވަނީ ރާއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަނާއި ދިމާކޮށް ރިސޯޓްތަކުގެ އަގުތައް ހެޔޮ ކުރުމުން މިދުވަސްވަރު އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވެފައެވެ.