މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގެ މަގުތަކާއި ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ހިދުމަތާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ. ސިޓީ ކައުންސިލުގެ މުވައްޒަފުން އެ މަސައްކަތް ކުރާ އިރު، ކައިރީގައި ފުލުހުން ތިބެއެވެ.

މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ގުޅިގެން މީގެ ކުރިން ވެސް ވަނީ މާލޭގެ އެކި ތަންތާގައި ކުރަހާފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް އަލުން އަނެއްކާ ވެސް އެ ތަންތަނުގައި ވަނީ ކުރަހައިފައެވެ.

މީގެ ކުރިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަހާފައިވާ "ނޭދެވޭ" ގްރެފިޓީތައް ފޮހެ ސާފު ކުރީ ވެސް މާލެއަކީ ޗާލު ސިޓީއަކަށް ވާން މާލޭ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ ވިސްނުމުގައި ކަމަށެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ، ގްރެފިޓީތައް ނައްތާލި ސަބަބަކީ ކުރެހުންތެރިންނާއި އެކި ފަންނުގެ މީހުންގެ ޝުއޫރުތައް ފާޅު ކުރުމުގެ ފުރުސަތު ބަންދު ކުރުމުގެ ވިސްނުމުގައި ނޫން ކަމަށެވެ. ސިޓީ ކައުންސިލުން ކަނޑައަޅާ ވަކި ތަންތަނުގައި ވަކި މިންގަނޑެއްގައި އެ ކަން ކުރަން ފުރުސަތު ދެއްވާނެ ކަމުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސެއިން

    ޙުޅުމާލޭ ޗެނަަލް ބުރިޖްގައި ވެސް ގުރެފިޓީ ކުރަހާފަ

  2. މެންބީ

    ބުރޯ ކިތަންމެވަރަކަށް ފޮހުނަސް ކުރަހާނެ ނުލާހިކު ކުރަހާހިއްވާ ކުދިން އުޅެނީ