ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރަން ހުށަހެޅީ ނަމަކަށް ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ މެމްބަރުންނާއި އަދި އެ ޕާޓިންވެސް ތަކުރާރުކޮށް އެދެމުން ދިޔައީ ޖޭއެސްސީގެ މިނިވަންކަމާއި މެދު ސުވާލު ނޫފެދޭ ވަރަށް ވަކާލާތު ކުރުމަށް ކަމަށެވެ.

ޖޭއެސްސީ މިނިވަން މުސްތަގިއްލު ތަނަކަށް ހެދުމަށް ބިލަށް އިސްލާހު ހުށަހެޅި ހުށަހެޅުމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތް ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮވެ ފާއިތުވި ހަތަރު އަހަރު އެކަން ނުކޮށް އަދި ސަރުކާރުގެ އެއް ވައުދުގެ ގޮތުގައި ވިދާޅުވެ، އެކަން ނުކޮށް މިއަދު އެކަން ކުރަން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި އެއީ ތެދުވެރިކަމުގެ ނިޔަތެއް އޮވެގެން ރަނގަޅުކުރަން ކުރެއްވި ކަމެއް ކަަމަށް. އަޅުގަނޑުމެންނަށް މިއަދު ސިފަވަނީ އެކަން ނުކުރެވޭނެ ގޮތަކަށް އޮވެ އެކަން ކުރިތަން. މިއަދަކު ސަރުކާރަކަށް ނެތް ސުޕަ މެޖޯރިޓީއެއް. އެ ބަދަލެއް ނުއެއް ގެނެވޭނެ. އެހެންވީމާ ނަމަކަށް ކޮށްލި ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ" ނާޒިމް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތައް ކުޑަކުޑަ ބަދަލެއް ގެންނަން މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައެވެ.

ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި ނުހިމެނޭ ގޮތައް ގާނޫނު ބަދަލު ކުރާށެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި ބަންޑާރަނައިބު ޖޭއެސްސީގައި އިންނަވާނެއެވެ.

ނަމަވެސް ނާޒިމް މިއަދު ވިދާޅުވީ އެއްވެސް ސިޔާސީ މީހަކު، އަދި ސިޔާސީ މީހަކު ޢައްޔަނުކުރައްވާ ބޭފުޅަކު ޖޭއެސްސީގައި އިނދެގެން ނުވާނެ ކަމަށެވެ.