އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އާއި ބައްދަކުރުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް ޕީޖީ ރައީސް އޮފީހަށް ހާޒިރުކޮށްފިއެވެ.

އިދިކޮޅުން ޕީޖީ އާއި ބައްދަލުކުރުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހު އާ ބައްދަލުކުރަން މަސައްކަތް ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޖީ އާއި ބައްދަލުކުރުމަށްފަހު އިދިކޮޅު ޓީމް ރައީސް އޮފީހަށް ވަޑައިގެން މާގިނައިރެއް ނުވަނީސް ޕީޖީ ރައީސް އޮފީހަށް ހާޒިރުކުރެވުނު ކަމަށެވެ. ޕީޖީ ޝަމީމްގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތް އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ރައީސް އޮފީހަށް ހާޒިރުކުރެވުނު ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުން - ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެންގެ ޓީމް ރައީސް އޮފީހަށް ދިޔަތާ ނުވާނެ ފަސް މިނެޓްވެސް ދެން ފެނިގެން ދިޔައީ ޕީޖީ ރައީސް އޮފީހަށް ހާޒިރު ކުރިތަން. ޕީޖީއާއި އެކުއެކީގައި ހޯމް މިނިސްޓަރ އިމްރާންވެސް ހާޒިރުކުރި. އިމްރާނާއެކީގައި އެޓާނީ ޖެނެރަލް ރިފްއަތުވެސް ހާޒިރުކޮށްފި. އޭޣެ ކުޑައިރުކޮޅެއްފަހުން ސީޕީ ހަމީދު ހާޒިރުކޮށްފި. އެހެންވީމަ ރައީސް އަޅުގަނޑުމެންނަކާއި ބައްދަލެއް ނުކުރައްވާ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ސޯލިހު މިބޭފުޅުންނާއި ބައްދަލުކުރެއްވީ ކުރިޔަށް އޮތް އީދު ބަންދު ތެރޭގައިވެސް ރައީސް ޔާމީނަށް އަނިޔާކުރެވޭނެ އިތުރު ގޮތެއް ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލު މިކުރައްވަނީ މިއެންމެންނާ ރައީސް ސޯލިހު ބައްދަލު މިކުރެއްވީ ވަރަށް ބޮޑު ބަންދަކަށް ދާތީ އެބަންދުގެ ތެރޭގައިވެސް ރައީސް ޔާމީނަށް އަނިޔާ ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށް އަޅުގަނޑުމެން ގަބޫލު މިކުރަނީ. އެހެންނޫންނަމަ ކުއްލިއަކަށް އަޅުގަނޑުމެން އިންޓަވިއު ދިނުމާއެކީގައި އެއެންމެން ހާޒިރުކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުން - ފޮޓޯ: ޕީޕީއެމް

އަދުރޭ އިތުރަށް ވިދާޅުވީ ޕީޖީ އާއި ބައްދަލުކުރުމަށްފަހު ގިނަ ކަންބޮޑުތައް ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ މަތީ ކޯޓަށް ހުށަހެޅިފައިވަނިކޮށް އެ މައްސަލައަށް ހައްލެއް ނުލިބި ދަށު ކޯޓަށް މައްސަލަ ހުށަހެޅިގެން ނުވާނެ ކަމަށާއި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި 270 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު ހަމައެކަނި ރައީސް ޔާމީނަށް އަނިޔާ ކުރަނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފައެވެ.

"އަޅުގަނޑުމެން ދެންނެވިން ޕީޖީ ގައި އިސްތިއުނާފީ މައްސަލައެއް މަތީ ކޯޓަކަށް ހުށަހެޅިފައި އޮތްވާ ދަށު ކޯޓަކުން ކުރިޔަށް ގެންގޮސް ނުވާނޭ އިސްތިއުނާފީ މައްސަލައަށް ހައްލެއް ހޯދައިނުދީ. އެއީއޭ ދުނިޔޭގައި މިކަން ކުރާ ގޮތަކީ. އަދި އެމއެމްޕީއާރުސީ މައްސަލައިގައި 270އަށް ވުރެ ގިނަ މީހުން ހިމެނޭއިރު ހަމައެކަނި ރައީސް ޔާމީން ހައްޔަރުކޮށްގެން އަނިޔާ ދެމުން މިގެންދަނީ ކޮން މަޤްސަދެއްގައިތޯ. މީ ކީއްކުރަން ކަމެއް ތޯ. މީ ކިހާވަރެއްގެ ނުފޫޒެއް އޮވެގެން ކުރާ ކަމެއްތޯ." އަދުރޭ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ރައީސް ސޯލިހުގެ އެންގުމަށް އެ މައްސަލަ އަނބުރާ ނަންގަވާފައިވާކަން ފާހަނގަކުރައްވަމުން އަދުރޭ ވިދާޅުވީ މަހުލޫފް ޝަރީއަތަށް ގެންގޮސްފިނަމަ ދައުލަތް އޮރިޔާންކުރާނެ ކަމަށް މަހުލޫފް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނަގެ މައްޗަށް ކުރެވުނު ދައުވާ އަނބުރާ ނަންގަވާފައިވަނީ ނުފޫޒުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އެހެން ދަންނަވާލަން މިޖެހުނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ދައުލަތުން ޕީޖީއަށް ފޮނުވީމަ މަހުލޫފް ވިދާޅުވެފައި އޮންނާނޭ ތިމަންނަ ޝަރީއަތަށް ގެންގޮސްސިއްޔާ ދައުލަތް އޮރިޔާންކޮށްލާނަމޭ. އެހިސާބުން މައްސަލަ ހުއްޓިފައި އޮތް ކަމާއި ދާދި ފަހުން ރައީސް ސޯލިހުގެ އެންގުމަށް އެ މައްސަލަ އަނބުރާ ގެންނަވައިފީމޭ." އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުން - ފޮޓޯ: ޕީޕީއެމް

މީގެއިތުރުން މީގެ ދެދުވަހެއް ކުރިން ރާއްޖެ ޓީވީގެ ސިޔާސީ ޕްރޮގްރާމަކަށް އަރާ ވަޑައިގެން ޕީޖީ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމުން އަދުރޭ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެއީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ޓީމާއި ރައީސް ސޯލިހު ބައްދަލުނުކުރެއްވީތީ އެކަމާ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް އަނިޔާކުރަމުންދާކަން އަދުރޭ ވަނީ ފާހަނގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހި މުސްކުޅިން

    ޕީޖީ ނުޖެހޭނެ ޝަރީޢަތުގަ ކަމެއް ހިގާ ޚަސްމެއްގެ ފަރާތުން އަންނަ ބަޔަކާ ބައްދަލު ކުރަން

    7
    1
  2. ނިއުމާ

    އެހާ ފަސޭހައިން ބައްދަލުކޮށް ހުރިހާވެރިން ހާޒިރުކޮށް ، ކޮންފަދަކަމެއް މީ . އިބޫ ގޭމްގަަ ނުޖެހޭތި ، އެއުޅެނީ ނުބާ ހަދަން.

    19
    5
  3. ޢީޅި

    އަދުރޭ ދުވަހަކުވެސް ނުހަދާނެ ތެދެއް ހެޔޮނުވާނެ އަދުރޭ ދައްކާވާހަކަ ހުރިހާ ކަމަކުންވެސް މަކަރު

    12
    45
  4. ުޫިއަތާ

    އަޖައިބެއް! ކަލޭމެން ކުރާ އެއްވެސް ކަމަކާ އަޅާނުލާތަ މި ސަރުކާރު އޮންންންވީ!! ކުރާ ހުރިހާކަމެއް ބަލާނޭ ކޮންމެ ސަރުކާރަކުންވެސް މޮޔަގޮވާނެކަމެއްނެއް!!! ފުރާޅުން ޓިނު ބާލާ ޗޮކުން ދުއްވާލާނީ ހަމަ!

    11
    35
  5. ޒުރާރު

    ޔާމީނު ހެދިގޮތަށް ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަޑިޔާރު ހައްޔަރު ކުރޭ ދެން ކަލޭމެން