ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ޕްލާސްޓިކް މަދު ކުރުމަށް ވޯޓަރ ފިލްޓަރ ސިސްޓަމް ގޭބިސީތަކަށް ފޯރުކޮށްދޭނެ ކަމަށް ރިޔާސީ މެނިފެސްޓޯގައި ބުނެފިއެވެ.

ޕްލާސްޓިކް މަދު ކުރުމަށް މިހާރުވެސް ގިނަ މަަސައްކަތްތަކެއް ކުރެވެމުން ދެެއެވެ. އޭގެ ތެރެއިން މި ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ލެވީއެއް ނަގަން ފެށުމެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް، އަދި ދަނގަތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ނާޒިމްގެ މެނިފެސްޓޯގައި ބުނެފައި ވަނީ ނާޒިމްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމުގެ ގޮތުން، ސަބްސިޑައިޒް ކުރެވިގެން ވޯޓަރ ފިލްޓަރ ސިސްޓަމް ގޭބިސީޓަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

ނާޒިމްގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ވަހުދަތު، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު، އަދުލު އިންސާފު، ނަޒާހަތްތެރި ވެރިކަމެވެ.

އޭގެ ތެރޭގައި ހިމެނޭ ބާއްޖަވެރި އާއިލާއަކަށް ގެންދިއުމުގެ ގޮތުން ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކޮށް ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރަން ވަނީ ނިންމައިފައެވެ.

އަދި ރަށްރަށުގެ ކަރަންޓު ވިޔުގައަށް އިއާދަކުރަނިވި ހަކަތަ ގުޅާލައި، ކަރަންޓް އުފެއްދުމަށް ތެޔޮ ބޭނުންކުރާ ނިސްބަތް ދަށްކޮށް، ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކުރަން ވެސް ހިމަނާފައި ވެއެވެ.