ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއްވެސް ޕާޓީއަކާއެކު މަސައްކަތް ކުރަން ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫމްވަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ އެކްސްކޯ މެމްބަރު އިސްމާއިލް ޒަބީހު ވަނީ އެއްވެސް ޕާޓީއަކާއު އެކު މަސައްކަތް ކުރަން އަދި ނިންމާފައި ނުވާކަން ޔަގީންކޮށްދެއްވައިފައެވެ.

އެހެން ނަމަވެސް އޭގެ އިތުުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ޒަބީހު ވިދާޅުވީ އެމްއާރުއެމް އުވާލީ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށާއި އެއާއެކު އިލެކްޝަންސް ކޮމިޝަނަށް މިހާރު އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެމްއާރުއެމް އުވާލި މައްސަލަ މަޑުޖައްސާލަން ސިވިލް ކޯޓަށް ހުށަހެޅުމުން ވަނީ އެފަދަ އަމުރެއް ނެރެދީފަ އެވެ.

އެ މައްސަލައިގައި އީސީން ވަނީ އެ އަމުރު މުރާޖާކުރުމަށް އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން އެ އަމުރު މުރާޖާއެއް ނުކޮށްދިނެވެ.

ޒަބީހު ވިދާޅުވީ މިހާރު އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުންގެ އަމަލުކުރައްވަމުން ގެންދަވާ ގޮތުން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

ޒަބީހު ވިދާޅުވީ އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަކީ ދުނިޔޭގެ ހުރިހާ ބައެއް ވެސް އެއްބަސްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ މަސައްކަތް މި ކުރަނީ ވަކި އަސާސްތަކެއް މައްޗަށް. ވަކި ހަމަތަކެއްގެ މަތިން. ވަކި ހުދޫދުތަކެއްގެ ތެރެއިން. އަޅުގަނޑުމެން މި ގޮތަށް މަސައްކަތް ކުރާއިރު އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ވެސް އެއްބަސްވެވޭ އަސާސްތަކެއް ހުރޭ. އެގޮތުން އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ މިނިވަންކަމާއި އިންސާފަކީ ހުރިހާ ޕާޓީތަކަށް ވެސް ހުރިހާ ބޭފުޅުންނަށް ވެސް ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރާ އަސާސީ ހައްގެއް" ޒަބީހު ވިދާޅުވިއެވެ.

އެމްއާރުއެމްއިން އެއްވެސް ޕާޓީއަކާއެކު އަދި މަސައްކަތް ކުރަން ނިންމާފައި ނުވާ އިރު އެ ޕާޓީގެ ދެ އިސް މެމްބަރުން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދިވެސް ތިއްބެވީ ކެބިނެޓްގައެވެ. އެހެން ނަމަވެސް ޒަބީހު މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައިމޫ

    ވަކި ކެންޑިދޭޓެއް ނެރެގެން އިބޫއާ ވާދަކުރުން ރަނގަޅުވާނެ

  2. ޢެޑްމުންޑޯ

    ދެމީދާފެހި ބުޅަލަށް ވީވަރު ވެދާނެތީ ދެރަވަނީ