ރާއްޖޭގެ މަންޒަރުތައް ފެންނަ ކުރެހުންތައް ހިމެނޭ މައުރަޒެއް ހުޅުވަން ތައްޔާރުވެއްޖެއެވެ. ޖާނީގެ ނަމުގައި މިކުރެހުމުގެ މައުރަޒު ބާއްވަނީ އަބްދުﷲ ފާއިޒް އެވެ.

އަބްދުﷲ ފާއިޒު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އާއިލާ މެންބަރުންނާއި ރަހުމަތްތެރިންގެ އެދުމުގެ މަތިން އޭނާ ބާއްވާ ފުރަތަމަ މައުރަޒުގައި ހުންނާނީ އޭނާ އިމްޕްރެޝަނިސްޓް ސްތައިލް އަށްކުރަހާފައިވާ ތަފާތު މަންޒަރުތައް ކަމަށެވެ. "ވަރަށް ކުރިއްސުރެ އަޅުގަނޑު އައީ ކުރަހަމުން. ނަމަވެސް މި ކުރެހުންތައް މިހާތަނަށް ފެނިފައި ވާނީ އާއިލާ މެންބަރުންނާއި ގާތް ރަހުމަތްތެރިންނަށް އެކަނި. މީގެ ކުރިން އެއްވެސް މައުރަޒެއް ބާއްވާފައެއް ނުވާނެ. ނަމަވެސް ވަރަށް ގިނަ ބައެއްގެ ރިކްއެސްޓަކާއިއެކު މިހާރު މިދަނީ މައުރަޒަކަށް ތައްޔާރުވަމުން." އަބްދުﷲ ފާއިޒް ވިދާޅުވިއެވެ.

އަބްދުﷲ ފާއިޒްގެ ކުރެހުމެއް
އަބްދުﷲ ފާއިޒްގެ ކުރެހުމެއް

އަބްދުﷲ ފާއިޒް ވިދާޅުވީ މިފަދަ މައުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ޒުވާނުންނާއި، ކުރެހުންތެރިން މައުރަޒުތައް ބާއްވައި އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ. "ކުރެހުމަށް ބޭނުންވާ ވަރަށް ކޮލެޓީ އުފެއްދުންތައް މިހާރު މާލެ އިން ވެސް ލިބެން އެބަހުރި. އެހެންވީމަ އެތަކެތި ބޭނުން ކޮށްގެން ހުރިހާ ކުދިން ވެސް ކުރިއަށް ދާން ހިތްވަރު ދިނުމަކީ އަޅުގަނޑުގެ މަޤުޞަދެއް." އަބްދުﷲ ފާއިޒް ވިދާޅުވިއެވެ.

ޖާނީގެ ނަމުގައި ބާއްވާ ކުރެހުމުގެ މައުރަޒުގައި މާލޭގެ ތާރީޚީ މަންޒަރުތަކާއި، ރާއްޖޭގެ ތާރީޚީ މަންޒަރުތަކުގެ ކުރެހުންތައް ހުންނާނެއެވެ. އަދި ފަހުގެ މަންޒަރުތަކުގެ ކުރެހުންތައް ވެސް ހުންނާނެއެވެ. އަބްދުﷲ ފާއިޒް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އައި ބަދަލުތައް ކުރެހުންތަކުން ފެންނަން ހުންނާނެއެވެ.

މިމައުރަޒުގައި 70 އަށް ވުރެ ގިނަ ކުރެހުން ހުންނާނެއެވެ.

އަބްދުﷲ ފާއިޒްގެ ކުރެހުމެއް
އަބްދުﷲ ފާއިޒްގެ ކުރެހުމެއް

އަބްދުﷲ ފާއިޒްގެ ކުރެހުންތައް ދައްކާލުމަށް ބާއްވާ މައުރަޒު އޮންނާނީ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައެވެ. މައުރަޒު ހުޅުވާ ދުވަހު ހަވީރު 18:00 އިން ރޭގަނޑު 22:30 އަށް މައުރަޒު ހުޅުވާފައި ހުންނާނެއެވެ. ޖުލައި 19 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:30 އަށް އަދި ހުކުރު ދުވަހު ހަވީރު 16:00 އިން ރޭގަނޑު 23:30 އަށް މައުރަޒު ހުޅުވިފައި ހުންނާނެއެވެ.