އެމްޑީޕީން އިސްލާހީ މަސައްކަތް ފެށީއްސުރެ ދެގޮތެއް ނުވެ ހއ. ތަކަންދޫގެ ރައްޔިތުން އެ ޕާޓީއާއިއެކު ދެމިތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ތަކަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2000 ކުރީކޮޅުގައި އެމްޑީޕީން ފެށި އިސްލާހީ މަސައްކަތުގައި އެ ރަށުގެ ރައްޔިތުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

"ކުރަން ޖެހުނު މުޒާހަރާތަކުގައި ބައިވެރިވި. ބައެއް ފަހަރު ޖަލުގެ ތޭރިތަކުގެ ފަހަތަށް ވެސް ތަކަންދޫގެ ބައެއް ރައްޔިތުން ދާންޖެހުނު. އަޅުގަނޑުމެންނާއެކުގައި ހަރަކާތްތެރިވެ އެކަން ވެސް ތަހައްމަލު ކުރި. މިއަދު އާދެވިފައިވާ ހިސާބަކީ އެ ދުވަހު ފެށި މަސައްކަތް. ތަފާތު ގޮންޖެހުންތަކާއިއެކުގައި މިއަދު އަމާޒު ހިފަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް.". ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ތަކަންދޫގައި. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި ތަކަންދޫން އެމްޑީޕީއަށް 63 އިންސައްތަ ލިބުނު ކަމަށެވެ. ބިރުވެރިކަމުގެ ތެރޭގައިވެސް ރައްޔިތުން ރައީސްއަށް ވޯޓުދެއްވީ ޒަމާނުއްސުރެ ކުދިކުދި ރަށްތަކަށްވެފައިވާ އިހުމާލުން އަރައިގަނެ ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ތަކަންދޫގެ ތަރައްގީއަށްޓަކައި މަސައްކަތްތަކެއް ފެށިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ބައެއް ކަންތައްތައް ކުރަން އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ހއ. ތަކަންދޫގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"މި ރަށުގެ ބަނދަރުގެ މައްސަލައެއީ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ. މިއަދު އަޅުގަނޑުމެންވާނީ މި ރަށުގެ ނެރު ފައިކަށްޓާއި ނެރު ބަދަލު ކުރުމަށްޓަކައި ކޮންޓްރެކްޓް ކުރެވިފައި. އެހެން ނަމަވެސް ކައުންސިލަރުންނާއި ރައްޔިތުންނާއި ބައްދަލުވިއިރު އެ ބޭފުޅުން އެދުނީ އެ މަސައްކަތް ކުރާއިރު ރަށުގެ ބަނދަރު ބޮޑުކުރަން. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރާނަން.". ރައީސް ވިދާޅުވިއެވެ.

ރަށުގައި އިޖްތިމާއީ މަރުކަޒެއް ގާއިމް ކުރުން އެއީ ރައްޔިތުންގެ އެދުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އިޖްތިމާއީ މަރުކަޒެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަތަރަސް

    ބަލަ ކޭއްގެ ބައިވެރިން ސިންގަޕޫރުގައި ކިހެނެވީތަ؟ ކުލިއަކާ ހާރިޖީ ތެޅިފޮޅެނީ ސަން އިރުއެރީތަ؟ ތިޔަސިޔާމު ތިޔަގާސިމުތިޔަނާޒިމުމެން ބަޑިތަޅާނީ ފެންބޮޑުތަނެއްގާ ފައިސާޔާ ފަޅާ ބިމާ ހޯދަން މަންމަގެ ފައްޓަރުބައިވެސްވިއްކާލާނެ އިބޫ ވެސް ވެރިކަމަން ކޮންމެކަމެއްކޮއްފާނެ؟

    • އައްޔަ

      ސިންގަޕޫރުގައިވެސް އިސްލާޙޯ މަސައްކަތް ކުރަނީ..... ކެކެކެކެކެކެ

  2. ރަށުދަރި

    ބީތާބެ، ތިތާ ތިތިބީ އެމްޕީ އަހަމަދު އާއިލާ އެކަނި، ތަކަންދޫ އިން އެމްޑީޕީ އަށް ނުލިބޭނެ %20 ވެސް މިފަހަރު،

  3. ތަކުރު

    އިންތިޙާބުވީ ތަކަނދޫ ބަނދަރު ފައިކަށި ބޮޑުކުރަން ވީވަޢުދާއެކު، އެމްޕީ ހޮވަން ވީ ފައިކަށި ފައިކަށި ވަޢުދު ، ތަކަންދޫ އެމްޕީއެއް، ތަކަންދޫ ކައިންސިލް ހޮވަން ވީ ފައިކަށި ވަޢުދު ، އަދިވެސް ފައިކަށި އޮތީ އޮތް ގޮތައް އޮއްވާ 2023 ގައި އަނެއްކާވެސް ފައިކަށި ވަޢުދު،