ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ޅޮހީއަށް ވަޑައިގެން ރައީސް ދެއްވީ އުފާވެރި ޚަބަރެކެވެ. ބޮޑު ތިލަދުންމައްޗާއި ހުވަދު އަތޮޅު ބަދަލުކޮށްލި އާރުޓީއެލްގެ ފެރީގެ ޚިދުމަތް އެއަތޮޅުގައި ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެއަތޮޅަށް ބޭނުންވާ ފެރީ ބަންނަން މިހާރު ހަވާލުކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އާރްޓީއެލް ފެރީގެ ނިޒާމާ އެކު ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް މި ރަށްތަކަށް ލިބިގެންދާނެ. ހިތްހަމަޖެހިގެން ދަތުރު ކުރެވޭ ވަރުގެ ލޯންޗުތަކެއް މި ހޯދައިދެނީ. ނ. އަތޮޅަށް ބޮޑު ބަދަލެއް އަންނަ ތަން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުވަދު އަތޮޅަށާއި ބޮޑު ތިލަދުންމައްޗަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމުން ދަތުރު ފަތުރުކުރުމުގައި ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެން ދިޔަ ކަމަށާއި ހަމައެގޮތަށް ނ. އަތޮޅަށްވެސް އެބަދަލު އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެކެވެ.

ނ. ޅޮހިން ރައީސަށް މަރުހަބާ ދަންނަވަނީ. - ފޮޓޯ | އެމްޑީޕީ

ޅޮހީ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވަނީ ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ އެރަށަށް ގިނަ ކަންތައް ކޮށްދޭނެ ކަމަށް ވައުދުވެފައެވެ. އެގޮތުން އެރަށުގެ ގިރާސަރަަހައްދު ހިމާޔަތްކުރުމާއި، ޓޫރިސްޓުންނަށް ވަކި ބީޗެއް ތައްޔާރުކުރުމުގެ އިތުރުން 24 ގަޑިއިރަށް ހެލްތު ސެންޓަރު ބަދަލުކޮށް ލެބޯޓަރީއެއް ގާއިމްކުރުން، މަލްޓިޕާޕަސް ހޯލާއި ރިސޯސް ރޫމްތައް ގާއިމްކުރުން، ޔޫތު ސެންޓަރެއް ޤާއިމުކުރުން އަދި ފެނުގެ ނިޒާމްގެ މަސައްކަތް ސަރުކާރު ކުންފުންޏަކަށް ދީގެން ނިންމަން ވަނީ ވައުދުވެފައެވެ

ރައީސް ވިދާޅުވި ގޮތުގައި ޅޮހީގެ އަސާސީ ޚިދުމަތްތައްވެސް އޮތީ ވަރަށް ދަތި ހާލެއްގައި ކަމަށާއި އެކަންތައް ހައްލުކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އެމަނިކުފާނާ ވާދަވެރި ކެންޑިޑޭޓުންގެ ސިޔާސަތަކީ މިފަދަ ރަށްތައް ބާކީކުރުން ކަމަށާއި އެކަން އެގޮތަށް ކުރާނެކަން ފާޅުގައި ބުނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުގައި އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު 2023

    އަންނަނީ އަންނަނީގަ، ވެރިކަން ވެއްޓެނީ ވެއްޓެނީ. އިންޑިޔާއިން ފެރީ އައިސް އަގުހެޔޮކޮށް މޭވާ ތަރުކާރީ ލިބޭނެއޭވެސް ކި. ވީކަމެއް ހަރާން

    12
    1
  2. އ މ ރ ބ

    ދެ ވަނަ ދައުރެއް ދީގެންތާ، ނެތް ސޮރީ މި ފަހަރު ތިކަމެއްވާކަށް،

    11
    1
  3. ދެދ32ެސ3

    ނޫނޭ ތަރުތީބު އޮޅޫވާލާފަ ވަކި ހިސާބަކުން ޅ ގަ ރޓލ ފެށީމަ އެހެރީ ނިމިފާނޫންތޯ؟ އާބާދީގެ 3 ވަނަ އަތޮޅު މިއޮތީ ސުލޯވެފަ

    2
    1
  4. ޑައެލޯގް

    އާރުޓީއެލް ނަންބަދަލު ކުރިއަސް ދަތުރުން ގުޅާލުން އެއީ އަންނިގެ ތަސައްވުރެކެވެ، އަދި ބަސްދަތުރުތަކަކީ މައުނު އިރުންސުރެވެސް ކުރަމުން އައިކަމެކެވެ. ދެން ކޮންމެވެރިކަމެއްގައި ތަރައްގީވީއެވެ.

  5. Anonymous

    ޝުކުރިއްޔާ ލޮބުވެތި ރައީސް.
    ތަރައްޤީ އެބަފެނޭ. ކަންތައްތައް ކުރެވޭ ރަށްރަށުގައުވެސް. އެކަމަކު ދަރަނި މައްޗަށް ދަރަނި ބޮލުގައި. އެހެންވީމަ ކަމުނުދަނީ. ދެން ޤައުމުގެ ޅަދަރިން މަސްތުވާއެއްޗެހިން ސަލާމަތް ކުރަން ކަމެއްނުކުރައްވާތީ ދެރަ ވަރަށް ދެރަ. އިތުރަށް ބަނގުރާ ގިނަވެ މަސާޖުކުރާ ތަންތަން ގިނަވެ ބޭރު އައުމުގެ ސިފައިން ގިނަވެ. މިކަންތައްތައް ރަނގަޅު ނުވާތީ ހަމަ އިތުރު ދައުރެއް ދޭން ބޭނުން ނުވޭ