ލ. މާވަށުގައި އައިސް ޕްލާންޓެއް ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

މާވަށުގައި ގާއިމްކުރަން ހަވާލު ކުރީ 25 ޓަނުގެ އައިސް ޕްލާންޓްއެކެވެ.

އޭގެ އިތުރުން 50 ޓަންގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ފެނަކަ ކޯޕަރޭޝަންއާ މިއަދު ވަނީ ހަވާލު ކޮށްފައެވެ. އެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ހަ މަސް ދުވަހެވެ.

ނަމަވެސް އެ މަސައްކަތަށް ހޭދަވާ އަދަދެއް ސާފެއް ނޫނެވެ.

މާވަށުގެ އިތުރުން އެހެން ރަށްރަށުގައި ވެސް އައިސް ޕްލާންޓްތައް ހެދުމަށް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީޒަރެއްގެ އިތުރުން 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއް ގާއިމް ކުރެވޭނެއެވެ.

ގިނަ ރަށްރަށުގައި އައިސް ޕްލާންޓްތައް ހަދަން މި ސަރުކާރުން ވައުދުވި ނަމަވެސް އެ މަސަައްކަތްތައް މާބޮޑަށް ވެސް ލަސް ކަމަށް ބުނެ އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.