ސިޔާސީ ފަރާތްތަކަކީ އެމީހުން ބޭނުންވާ ކަންކަމުގައި، އެމީހުން ބޭނުންވާ ގޮތަކަށް ރައުޔު އަނބުރާލުމަށްފަހު ވާހަކަ ދައްކާ ބައެއްކަމަށް، ރައީސުލްޖުމްހޫރިއްޔާ އަދި އަންނަ ރިޔާސީ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ޕީޕީއެމް އަށް ތާއީދު ހޯދުމުގެ ގޮތުން، މިއަދު ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސިޔާސީ މީހުންނަކީ އެމީހުންނަށް ބޭނުންވާ ކަމެއްގައި، އެމީހުންނަށް ބޭނުންވާ ފަސޭހަ ގޮތެއްގައި އެމީހުންގެ ރައުޔު އަނބުރާލާފައި ހަމަ ކޮންމެ ވާހަކައެއް ބަދަލުކޮށްލާ ދައްކާ ބައެއް." ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަސްވަރުވެސް، ބައެއް ސިޔާސީ ފަރާތްތަކުގެ ކިބައިން ފެނިގެންދިޔައީ އެމަންޒަރުކަމުގައެވެ. އެގޮތުން، މިހާރު އިދިކޮޅުގައި ތިބި ޢަދާލަތު ޕާޓީގެ ފަރާތްތަކުގެ ކިބައިން، އެމަންޒަރު ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރު އޮތް ސަރުކާރު ލާދީނީ ވެގެން ދިޔައިމާ އެންމެ ބޮޑަށް އަޑު އުފުއްލަވާ އެވާހަކަ ދައްކަވަމުން ގެންދެވީ އަދާލަތު ޕާޓީގެ ޢިލްމުވެރިން. މިހާރުވެސް އެބޭފުޅުން ދެއްކެވި ވާހަކަތައް އެހެރީ ޔޫޓިއުބުގައި ވީޑިޔޯ ކްލިޕްތައް އެހެރީ. އެބޭފުޅުންގެ އަޑުފުޅުން ތަކުބީރާ އެކީ އެހުރީ އެވާހަތައް. އޭރުވެސް އަނިޔާވެރިކަން އޮވެގެން ދީނާ ޚިލާފަށް ނޫނީ ލާދީނީ ވެގެން އެވާހަކަފުޅުތައް ދެއްކެވި ބޭފުޅުން މިއަދު ކުރައްވަނީ ކޮން ފިކުރެއްތޯ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ބަލިވެގެން ފަރުވާއަށް ބޭރަށް ފޮނުވާ އެއްވެސް ޤައިދީއަކު އަނބުރާ ނާދޭ - ރައީސް

މިއަދުގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ޙުކުމެއް ތަންފީޛު ކުރަމުންދާ ޤައިދީން ބަލިވުމުން ބޭރަށް ފޮނުވާކަމަށާއި އެހެންނަމަވެސް އެގޮތަށް ފޮނުވާ އެއްވެސް ޤައިދީއަކު ނާންނަކަމުގައެވެ. ދެން ފެންނަނީ އެފަރާތްތަކުން އެހެން ކަންތައްތަކެއް ކުރާ މަންޒަރުކަމުގަޔާއި އެގޮތުން ގޮނޑި ދުއްވާ މަންޒަރުވެސް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.

"ބަލިވީމާ ޤައިދީން ރާއްޖެއިން ބޭރަށް ފުރުވަމޭ. އެހެން ފޮނުވާ ކޮންމެ މީހަކު ފިލައިގެން ގޮސް ހުންނަނީ. ބައެއް މީހުން ފުރޮޅުލީ ގޮނޑި ދުއްވާނެ އަނެއް ބައި މީހުން އެހެން ކަމެއް ކުރާނެ، އެކަމަކު ބަލިވެގެން ބޭހަށް، މާލޭގައި އޮވެގެން މަރަށް ދަތުރުކުރަނީ ކަމަށް ހީވެގެން ސަރުކާރަށް އާދޭސް ކުރީމާ އަޅުގަނޑުމެން ހުންނާނެ އެމީހުން ރާއްޖެއިން ބޭރަށް ފޮނުވާފައި." ރައީސް ޔާމީން ވިދާޅުވިއެވެ.

އެފަދަ ފަރާތްތަކަށްވެސް ރާއްޖެ އާދެވޭނީ، ރައީސް ޔާމީންގެ ވެރިކަން ނިމި އެހެން ވެރިކަމެއް ފެށުމުންކަން އެފަރާތްތަކަށް އެނގޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، އިދިކޮޅުގެ ވެރިކަމެއް 18 މަސް ދުވަހަށްވުރެ ކުރުވާނެކަމަށް ބުނަނީވެސް އެސަބަބާ ގުޅިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވެފައިވަނީ ކުރީގެ ނައިބު ރައީސް، އަޙުމަދު އަދީބުވެސް ބޭރަށް ފަރުވާއަށް ފޮނުވުމަށް އެދެމުންދާކަމުގައެވެ. އެހެންނަމަވެސް، އޭނާ ދައުލަތުން ނަގާފައިވާ ފައިސާ އަނބުރާ ރައްދުކޮށް ނުދެނީސް، އެ ފުރުޞަތު ދެވެން ނެތްކަމަށާއި، މި ޙާލަތުގައި އޭނާގެ އިންސާނީ ޙައްޤުތަކަށް ނުބެލޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭނާ ސަރުކާރުން ނެގި ފައިސާ އަނބުރާ ސަރުކާރަށް ދެއްކިއްޔާ ނޫނީ އޭނާ ރާއްޖެއިން ބޭރަށް ދާކަށް ހުއްދައެއް ނުދެވޭނެ. އަޅުގަނޑާ ދޭތެރޭ ހިނގާފައި އޮތްކަމަކީ އަމިއްލަ ކަމެއް. އަޅުގަނޑު މިހުރީ އެކަން ހަނދާން ނައްތާލާފައި އޭނާ ބޭހަށް ފުރުވުވަން އެކަމަކު ދައުލަތުން ނެގި ފައިސާ އަނބުރާ ދައުލަތަށް ދޭށޭ އަޅުގަނޑު މި ބުނަނީ. ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނިއްޔަކާއެއް ކިތަންމެ ބަލިވިޔަސް އޭނާގެ އިންސާނީ ޙައްޤެއް އޮންނާނެކަމަށް އަޅުގަނޑެއް ޤަބޫލެއް ނުކުރާނަން." ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ފަރާތްތަކުން މިއަދު އަދީބު މިނިވަން ކުރަން މަސައްކަތް ކުރާތީ ހައިރާންވާކަމުގައެވެ. އަދި، އެކެއް ފެބުރުވަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމަށް، ޤާސިމް އިބްރާހީމާއި އެހެން ސިޔާސީ ލީޑަރުން ކުރި މަސައްކަތްތައް ނޭނގިގެން ނޫޅޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، ރޭވެސް ޕީޕީއެމް އިން ވަނީ ފ. ނިލަންދޫގައި ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާޖަރާ

    ތިކަހަލަ ހުރިހާ ނުބައިކަމެއްގެވެސް އެންމެ ކުރީގައި ހުންނެވީ ހަމަ މިރައީސް ދެއްތޯ؟

  2. އަނދަވަޅު

    މަގޭ ސަލާމް!

  3. ޏ

    އިންކުލޫޑިންގ ޔޫ މިސްޓަރ ޕްރެޒިޑެންޓް..

  4. ގުއި ނުދެކޭ ދިވެހިން

    ވާހަކަ އޮޅުވާލައްވަނީ ވެސް މަނިކުފާނު ދެެއްތޯ......... އަމިއްލަ އަށް ބޭނެނީ ދޯ..........

  5. މާހިރު

    ޢެހެންވީރު ތިބޭޅާވެސް ހިމެނޭނެތާ ގޯހެއްނޫން މުޅިޔަކުން އެހެންވީއިރު ބުނެބަލަ ކޮބާ އެމްއެމް ޕީއާރުސީގެ ރފ ގޯނިތައް/ޕެލަޓްތައް

  6. ހައްޕުޑު

    އެމްޑީޕީ އަކީ ގައުމުގެ ހަލާކު.