ތަރައްގީއަކީ ކޮން އެއްޗެއްކަން ދަންނަ ހަމައެކަނި ބަޔަކީ ޕީޕީއެމް-ޕީއެންސީ ކޯލިޝަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން މ. މުލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ, އެ ޕާޓީން ވެރިކަން ހޯދުމަށް ނިކުންނަނީ ރައީސް ސޯލިހް ނުވަތަ ގާސިމް އިބްރާހިމްއާއި ވާދަކުރާކަށް ނޫން ކަމަށެވެ. ރިޔާސީ އިންތިހާބަށް ނިކުންނަނީ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ވާދަކޮށް އެ މައްސަލަތަކަށް ހައްލު ހޯދައިދޭން ކަމަށް ވިދާޅުވިއެވެ.

"މި ވަގުތަކީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެފައިވާ ވަގުތެއް. މި ވަގުތުގައި ހައްލުކުރަންޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި. އެ މައްސަލަތަކާއި ދޭތެރޭ ވިސްނާލާއިރު, ހޯދާހޯދާ ވެސް ނުފެނުނު މައްސަލަތަކަށް ހައްލު ހޯދައިދޭނެ އެހެން ކެނޑިޑޭޓެއް މުއިއްޒު ފިޔަވައި." އަދުރޭ ވިދާޅުވިއެވެ.

ރޭ އިދިކޮޅު މ.މުލީގައި ބޭއްވި ޖަލްސާގެ ތެރެއިން --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އަދުރޭ ވިދާޅުވީ, ރާއްޖޭގައި ކަންބޮޑުނުވާ އެއްކަމެއް ވެސް ނުފެންނަ ކަމަށެވެ. ކޮންމެ އަޑެއް ކަންފަތައް އިވިގެންދަނީ ބިރުވެރި އަޑެއްގެ ގޮތުގައި ކަމަށާއި ކޮންމެ މަންޒަރެއް ލޮލަށް ފެންނަނީ ބިރުވެރި މަންޒަރެއްގެ ގޮތުގައި ކަމަށެވެ. އެއީ މިއަދު ދިވެހި ގައުމުގެ ހާލަތު އޮތްގޮތް ކަމަށް ވިދާޅުވިއެވެ.

އެކަން ކަމަށް ހައްލު ހޯދަން ބަލާއިރު, ހައްލުކޮށްދެވޭ ވަރުގެ ތަޖުރިބާކާރު ބޭފުޅަކު ވެރިކަމަށް ގެންނަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެން ކެނޑިޑޭޓުންނާއި އަޅާ ކިޔޭވަރަށްވުރެ, ޕީޕީއެމް-ޕީއެންސީ ކެނޑިޑޭޓްގެ ބުރަދަން ބޮޑުކަމަށް ވިދާޅުވިއެވެ.

ހިޔާލެއް ފިކުރެއް ކުރާނެ ކަމެއް ނެތް ކަމަށާއި ވޯޓު ކަރުދާސް އަތުގައި ޖެހުމާއެކު ކެނޑިޑޭޓް ނަންބަރު ހަތަރެއްގައި ފާހަގަޖެހުމަށްފަހު ގެއަށް ވަޑައިގެންނެވުމަށް އަދުރޭ ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ ތަރައްގީގެ ފިކުރޭ މުއިއްޒާއި ޔާމީން ވިދާޅުވަނީ ހަމައެކަނި ބަހެއްގެ ގޮތެއްގައެއް ނޫން. އެއީ މި ފިކުރު އުފެދިގެން ދިޔަ ހިސާބުން ފެށިގެން ރައްޔިތުންނަށް ހަގީގަތެއްކަން ސާބިތުވެފައިވާ ކަމެއް. ތަރައްގީއަކީ ކޯއްޗެއްކަމާއި ތަރައްގީ ގެންނާނީ ކިހިނެތްކަމާއި ތަރައްގީ ގެންނާނީ ކޮންގޮތަކަށް ހަމައެކަނި ދަންނަ ބަޔަކީ ޕީޕީއެމް-ޕީއެންސީ." އަދުރޭ ވިދާޅުވިއެވެ.

ރޭ އިދިކޮޅު މ.މުލީގައި ބޭއްވި ޖަލްސާގެ ތެރެއިން --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް ރާއްޖެއަށް ބަޔަކު ތަރައްގީ ނުފެންނަ ވަރަށް ތަރައްގީ ގެނައީމޭ މިއަދު ރައީސް އެބަ ވިދާޅުވާ ކަމަށާއި ނަމަވެސް އެ ތަރައްގީ ލޮލުން ދުށް ރައްޔިތަކު ނެތީމަ ހައިރާންވާން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ގައުމުގެ ރައީސްއަކަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭންގުމުން ދެވަނަ ދައުރެއް ދޭނީ ކިހިނެއްތޯއެވެ. އެންމެ ކަންބޮޑުވާ ކަމަކީ ދިވެހިންގެ ދިވެހިކަން ގެއްލިގެން ދާތީ ކަމަށާއި ރައީސް ސޯލިހްގެ ނުބައި ނުލަފާ އަނިޔާވެރިކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ ގައުމިއްޔަތު ފުޑާލާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަގިނާ

    އަދުރޭ އަކީވެސް ހުރިހާކަމެއްއިނގޭ ކިޔަވަިގެންހުރި ވަރަށްމޮޅުމީހެއް ލޮލް

    8
    1
  2. ޙާލު

    ތިޔަހެން ނުބުނުއްވާ! ތިމާއަކީ އެންމެ މޮޅުމީހާކަމަށް ހެދުމުކީ ވަރަށް ގޯސްސިފައެއް. ތިމާމެންގެ ހުރި އިލްމަކާއި ހިލްމެއް އެހެންމީހަކު ގައިގަހުރެދާނެތީ ބިރުނުގަނޭ. އެންމެންވެސް ދާންޖެހެނީ ހަމަ ކައްވަޅަށް ! ތިޔަ މޮޅުކަމަށް ވުރެ އާހިރަތައް އެއްކުރާ ހެޔޮއަމަލު މާމޮޅުވެފަ ފައިދާބޮޑުވާނެ!

  3. ލޮލް

    އަދުރޭމެން މީހުން އެއްކޮށްގެން މަގުމަތީ ކުރި މުޒާހަރާތަކުގައި ދެއްކި ވާހަކަތަކާއި އިންތިޚާބަށް ރަށްރަށަށްގޮސް ޕޯޑިއަމްތަކުގައި މިހާރު ދައްކާ ވާހަކަތަކާ އެއްވެސް ވަރަކަށް ދިމާނުވޭ!

    3
    2
  4. ލޮލް

    އަހަރެމެން ފެންފަޅޯ ތަރައްގީއެއް ބޭނުމެއްނޫން. ފެންފަޅޯ ތަރައްގީއަކީ އެތަރައްގީ އަކުން އަތަށް އެއްޗެއް ނުލިބި އަދި އަތުގައި ހުރި އެއްޗެހި ހުސްކޮށްގެން ގެންނަ ތަރައްގީ.

  5. ނެތް

    ކަލޭމެން ވައްކަންކޮށް މުއްސަނދިވާކަށް ވެރިކަން ދެވޭކަށް ނެތް. ތިބުނާ މުއިއްޒު ޔާމީނުގެ ވެރިކަމުގައި އަޅާފައި ހުރި ޓަވަރު އެހެރީ މާލޭގައި ފެންނަން.އެދުވަސް ވަރު ގޭގައި އުޅުނު މެއިޑަކަށް ވެސް ކޮންމެސް ކަމެއް ވިޔޭ އަޑުއެހިން. މުއިއްޒުއަކީ އަޑިނޭނގޭ މީހެއް. ވޯޓެއް ނުދޭނަން.

    3
    1