ލ.އަތޮޅުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމް ކުރުމަށް އެ އަތޮޅުގެ ތިން ރަށަކުން އެދިފައިވީ ނަމަވެސް އެއާޕޯޓް އަޅާނެ ސަރަހައްދެއް ކަނޑައަޅާނީ ވަރަށް ވިސްނާފައި ދިރާސާތައް ކުރުމަށްފަހު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ ހިތަދޫ އަށް ވަޑައިގަތުމުން، މާމެންދޫ، ކުނަހަންދޫ އަދި ހިތަދޫގެ ގިނަ އަދަދެއްގެ ޒުވާނުން ތަކެއް ވަނީ ނިކުމެ މެންދޫގައި ޑޮމެސްޓިކް ވައިގެ ބަނދަރެއް ޤާއިމްކޮށްދިނުމަށް އެދިފައެވެ.

ހިތަދޫގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ލ.އަތޮޅުގެ 3 ރަށަކުން މިހާރު އެއާޕޯޓެއް ބޭނުންވާ ކަމަށް އެދިފައި ވާކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ލ.ކައްދޫގައި އޮންނަ އެއާޕޯޓްގެ އިތުރުން ލ އަތޮޅުގެ އެހެން ސަރަހައްދެއްގައި ވެސް އެއާޕޯޓެއް އޮންނަން ޖެހެއެވެ. ލ.އަތޮޅު ފަދަ ބޮޑު އަތޮޅެއްގައި އެންމެ އެއާޕޯޓެއް އޮތުމުން ފަތުރުވެރިކަމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭކަން ވެސް މުޢިއްޒު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

"ތިބޭފުޅުން އެބަ އޮތް އެއަށް ވަރަށް ރަނގަޅަށް ދިރާސާ ހައްދަވާފައި. އެހަމަ އަޅުގަނޑު ވަރަށް ރަނގަޅަށް ބަލައި އެއީ ކަމެއް ކުރާއިރުގައި އެކަމުގައި ހަގީގަތުގައި ވެސް ބަލަންޖެހޭނެ އޭގައި ހުރި ފައިދާ އާއި ގެއްލުން. ބޮޑަށް ރަނގަޅީ ކޮން ގޮތެއް ތޯ. އެހެންވީމަ ތިބޭފުޅުން އެބައޮތް އެއަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާފަ. އަޅުގަނޑު ހަމަ ބަލާނަން. ގޯ ތްރޫ ކުރާނަން. ދެން ވެސް ރިކުއެސްޓް ހުރި ދިމަ ދިމާލަށް ބެލޭނެ." މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ކެމްޕެއިންނަށް ލ.އަތޮޅުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެއާޕޯޓް ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް އަދި އެއާޕޯޓް އެޅޭނެ ވަކި ސަރަހައްދެއް ނިންމަވާފައި ނުވެއެވެ.

"އަޅުގަނޑު ކަމެއް ނިންމާއިރުގައި ރައްޔިތުންގެ އަޑު އަހައިގެން ކަންކަން މިހާތަނަށް ވެސް ކުރަނީ" ޑރ.މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އަޑު އައްސަވައިގެންކަމަށް އެމަނިކުފާނު ވަނީ ހިތަދޫގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

ޑރ.މުއިއްޒު އެއާޕޯޓާ މެދު ވަކި އެއްޗެއް ވިދާޅު ނުވި ނަމަވެސް އެމަނިކުފާނު ވަނީ މި ތިން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމާއި ދޭތެރޭ ވިސްނާނެކަމަށް ވިދާޅުވެ ޔަގީންކަން އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފީފީ

    މުޅިގަލުމު ފުރޭނީ އެއާޕޯޓުންދޯ..އެކަމަކު އެވިއްކާއަގުގަ ޓިކެޓު ގަނެވޭތަ.

  2. ޥާޔާ

    މުއިއްޒު އުޅެނީ ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ލިބޭތޯ. މިއަދުގެ ހާލަތު ތަނެއް ނުދޭ ޕީޕީއެމް އަކަށްވެސް އަދި އެމްޑީޕީއަކަށްވެސް. މި ދެޕާޓީއޮތީ ވެރިކަން ދިނީމަ ބޮޑުތަނުން ފެއިލްވެފަ. މި މީހުންނަށް ހުރިހާ ދިވެިހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ އަދި މި ސިޔާސީ ފިތުނަ ހުއްތުވާލައި ގައުމު އަމާން ބަނދަރަކަށް ގެންނާނެ އިޚްލާތެރި ވެރިޔަކު ހުރި ޖުމްހޫރީ ޕާޓީއަށް ފުރުސަތު ބޮޑުތަނުން ހުޅުވާލަން ޖެހޭ. މިފަހަރުގެ ވޯޓަކީ ރާއްޖޭގެ ނިމުން ނުވަތަ ދިރުން ކަމުގައި ހުރިހާ ރައްޔިތުން ދަންނަންޖެހޭ. ވަތަނީ ލީޑަރު ގާސިމް އިބްރާހިމްއަށް ވޯޓުދެއްވާ މި ސިޔާސީ އަނދުނުން ސަލާމަތްވަމާ.

  3. މުއިއްޒު އެއްބުރު

    ސާބަހޭ މުއިއްޒު ތި ކުރާ ހިއްވަރަށް. މުއިއްޒަކީ މަސައްކަތުގެ ޓްރެކް ރިކޯޑު އޮތް މީހެއް. އިރާދަކުރެއްވިއްޔާ މިކަން އެއްބުރުން ވާނެ