ލ. މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކޮށް، ހޮޓެލް ސްކޫލެއް ގާއިމްކޮށްދެއްވާނެ ކަމަށެ ދައިދޭން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ލ. މާމެންދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި ލ. ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓްގެ މަސައްކަތް އަލުން ފައްޓާނެ ކަމަށެވެ. އަދި މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި ވެސް ރިސޯޓެއް ތަރައްގީކޮށް، ހޮޓެލް ސްކޫލެއް ގާއިމްކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އެތަނަކީ ތަމްރީނު ލިބޭ، ތަމްރީނު ދޭ، އޮން ދަ ސްޕޮޓް ޓްރެއިނިން އާއެކު ވަޒީފާއާ އެކު ޓްރެއިނިން ލިބިގެން ހިންގޭ ތަނަކަށް ވެއްޖިއްޔާ ރިސޯޓު ވެސް ހިންގުނީ. އާމްދަނީ ވެސް ލިބުނީ. ރައްޔިތުން ވެސް ތަމްރީނު ކުރެވުނީ. އިތުރު މީހުންނަށް ވަޒީފާ ލިބިގެން ދަނީ،" މުއިއްޒު ވިދާާޅުވިއެވެ.

ޑރ.މުހައްމަދު މުއިއްޒު ލ.މާމެންދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން އެދޭގޮތަށް އެރަށަށް ތަރައްޤީ ގެންނާނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މާމެންދޫގެ މަގުތައް ހުރީ ވަރަށް ދަށް ފެންވަރުގައި ކަމަށާއި މިދިޔަ ސަރުކާރުގައި އޮންނަން ޖެހޭނީ މަގުތައް ހެދިފައި ކަމަށާއި ނަމަވެސް އެކަން ނުވެ އޮތުމުން މަގުހެދުމަށް ހަމަޖެހިފައިވާ ރަށްތަކުގެތެރޭގައި މާމެންދޫ ހިމަނައިގެން މަގުހެދުމުގެ މަޝްރޫއެއް އެރަށުގައިވެސް ހިންގާނެ ކަމަށެވެ. އެރަށުގެ މަގުތަކުގައި ތާރު އަޅައިދީ ރަނގަޅު ފެންވަރުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެފައެވެ.

ޑރ.މުހައްމަދު މުއިއްޒު ލ.މާމެންދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މީގެއިތުރުން ބިންހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ޒުވާނުން ކުޅިވަރުކުޅުމަށް ބޭނުންވާ ތަނެއް ހަދައިދީ އެތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ ހައްދުންމަތިން އެއްބުރުން އިންތިހާބު ކާމިޔާބުކުރުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ހަފްތާ ތެރޭގައި ކެމްޕެއިންނަށް މުއިއްޒު ވަނީ އ. ރ. ބ. ޅ އަދި ލ. އަތޮޅަށް ވަޑައިގެންފައެވެ. ލ އަތޮޅުގެ ދަތުރުގެ އެއްބައި ނިންމެވުމަށް މާލެ ވަޑައިގެން ރިޔާސީ ބަހުސް ނިންމަވާ ތ. އަތޮޅަށް ވަޑައިގެން އަލުން މިހާރު ހުންނެވީ ލ. ގެ ބާކީ އޮތް ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށަށް ކުރައްވާ ދަތުރުގައި ލ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަތަރި

    މުއިއްޒުއަކީ ވައުދު ފުއްދާ މިހެއް. އިބޫ ސަރުކާރުގަ އަންނަނީ އަންނަނީ ކިޔާލަ ކިޔާލަ 5 އަހަރު ދިޔައީ. ދެން ތިބި ކޯލިޝަން މީހުން މިހާރު ވޯޓުގެ ބޭނުމުގަ މާ ރަނގަޅު ބަޔަކަށް ވެގެން އުޅުނަސް މި 5 އަހަރު އެމީހުންވެސް އެ ޖާރީމާޔަކުގަ ބައިވެރިވި. އެހެންވީމަ މަގޭ ވޯޓު މުއިއްޒުއަށް

  2. ލައްޓިބޮޑޭ

    ލ. އަތިޅުގަ ހުރެ އަދުރޭ މާމެންދޫ މީހުންގެ ބޮލަށް ޗިޕެއް ޖެހުމަށް ތިވާހަކަ ބުނެލަން ކިޔާލުދިނުމުގެ ކުރިން ހުޅިމެންދޫ ލިޔާ ރަށެއް އޮތްކަންވެސް މުއިއްޒަކަށް އެނގުނުކަމަކަށްނުވޭ.

  3. ސާނީޒް

    މުއިއްޒު އުޅެނީ ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަން ލިބޭތޯ. މިއަދުގެ ހާލަތު ތަނެއް ނުދޭ ޕީޕީއެމް އަކަށްވެސް އަދި އެމްޑީޕީއަކަށްވެސް. މި ދެޕާޓީއޮތީ ވެރިކަން ދިނީމަ ބޮޑުތަނުން ފެއިލްވެފަ. މި މީހުންނަށް ހުރިހާ ދިވެިހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ އަދި މި ސިޔާސީ ފިތުނަ ހުއްތުވާލައި ގައުމު އަމާން ބަނދަރަކަށް ގެންނާނެ އިޚްލާތެރި ވެރިޔަކު ހުރި ޖުމްހޫރީ ޕާޓީއަށް ފުރުސަތު ބޮޑުތަނުން ހުޅުވާލަން ޖެހޭ. މިފަހަރުގެ ވޯޓަކީ ރާއްޖޭގެ ނިމުން ނުވަތަ ދިރުން ކަމުގައި ހުރިހާ ރައްޔިތުން ދަންނަންޖެހޭ. ވަތަނީ ލީޑަރު ގާސިމް އިބްރާހިމްއަށް ވޯޓުދެއްވާ މި ސިޔާސީ އަނދުނުން ސަލާމަތްވަމާ.

    2
    1