ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ފުވައްމުލައް ސިޓީގައި 500 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކޮންމެ މީހަކު ވެސް އަބުރުވެރި، ފުދުންތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށެވެ. އެކަން ވާނީ ގެދޮރުވެރިކަން ޔަގީންވެ، އާމްދަނީގެ ފުރުސަތުތައް ފަހިވެގެން ކަމަށް ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި މި ދެކަންތަކަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީފައި ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ހަމަހަމަ ގޮތެއްގައި މި ދެންނެވި ދެ ކަންތައް އަޅުގަނޑު ހިމަނާފައި ވަނީ މިހެންވެގެން. ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް އެ ގެދޮރުވެރިކަން ޔަގީންކޮށް ދިނުމަކީ ރައްޔިތުން، އަޅުގަނޑު އެކަން ކުރަން ހަވާލުކޮށްފިނަމަ ފަސް އަހަރުގެ ތެރޭގައި ކޮށްދީ ނިންމާނެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން، ފުވައްމުލައް ސިޓީގައި 500 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިންގަވައި ދެއްވާނެ ކަން މުއިއްޒު ވަނީ އިއުލާން ކުރައްވައިފައެވެ. އަދި އެ ހައުސިން ޔުނިޓްތައް އަތްފޯރާ ފަށެއްގައި އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެއާޕޯޓު ތަރައްގީ ކުރުމާއެކު މުއިއްޒުގެ ގިނަ ވައުދުތައް ފުވައްމުލަކަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 400 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެއީ އެންމެ ހައްގުވާ މިންވަރު ނޫން ކަމަށް މުއިއްޒު މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ފުވައްމުލަކަށް ވެވަޑައިގެންނެވި ބޮޑެތި ވައުދުތައް:

1- ބަނދަރު ބޮޑު ކުރުން.
2- ސިޓީ ހޮޓަލެއް ގާއިމު ކުރުން.
3- ހޮސްޕިޓަލް ޒަމާނީ ހޮސްޕިޓަލަކަށް ހެދުން.
4- ކުޑަކުދިންނާއި މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުން.
5- ވަގްފު އިމާރާތެއް އެޅުން.
6- މާލޭގެ ރަސްފަންނު ގޮތަށް ރީތި ބީޗެއް ހެދުން.
7- އެކޮމޮޑޭޝަން ފެސިލިޓީއެއް ތަރައްގީ ކުރުން.
8- ޒަމާނީ ލައިބްރަރީއެއް ގާއިމު ކުރުން.
9- ގެދޮރުވެރިކަން ޔަގީން ކުރުން.

މުއިއްޒުގެ ވާހަކައިގައި ވަނީ ފުވައްމުލަކުގައި ފަތުރުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރުމަށް ހުރިހާ ފުރުސަތެއް ހުޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންޓެގްރޭޓަޑް އެކޯ ޓޫރިޒަމްގެ އެކި ކަހަލަ މަޝްރޫއުތައް ހިންގެވުމަށް މަގުފަހިކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަކީ އެމްއާރުއައި އާއި ސީޓީ ސްކޭނާއި އެހެނިހެން ހިދުމަތްތައް ދެވޭ ފެންވަރުގެ ތަރައްގީ ކުރެވިފައިވާ ތަނަކަށް ހަދައި ދެއްވާނެ ކަމަށެވެ. އަދި ޑީކޯ ޗެމްބަރެއް ފުވައްމުލައް ސިޓީގައި ވެސް ގާއިމުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.