ޝަރުއީ ހުކުމްތައް ތަންފީޒުކުރާ ފަރާތްތަކުގެ ނަމުގައި ޝާއިއު ކުރާ ހަބަރުތަކާ ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ބުނެފައި ވާތީ، އެކަމާ ގުޅޭ ގޮތުން ބައެއް މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ކަރެކްޝަންސްގެ ކަމާ ބެހޭ ބޭފުޅުންނާ ބައްދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ބޭއްވުނު މިބައްދަލުވުމުގައި ދެ ފަރާތުގެ ކަންބޮޑުވުންތައް ހިއްސާކުރައްވައި އެކަންކަން ހައްލުކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމުގެ މައްޗަށް ވާހަކަދެކެވުނެކަމަށް މީޑިޔާ ކައުންސިލް އިންބުނެއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުން ބުނީ ހަމަޖެހިފައިވާ ގަވައިދުގެ ތެރެއިން ގައިދީންނާ ބެހޭ ގޮތުން މައުލޫމާތު ހަމަކުރުމަށް ކަރެކްޝަންސް އިން ފަސް ނުޖެހޭނެ ކަމަށް އެ ސާވިސް އިން ބުނެފައިވާ ކަމަށެވެ. އަދި ގަވައިދު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މައުލޫމާތު ހާމަކުރާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށާއި ގައިދީންނާ ގުޅޭ ގޮތުން މީޑިއާގައި ޝާއިއުކުރާ މައުލޫމާތަކީ ގާނޫނާ ގަވައިދާ އެއްގޮތަށް ހޯދާ މައުލޫމާތަށް ހެދުމަށް ކަރެކްޝަންސް އިން އެދުނު ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެ އެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ނަމުގައި ޚަބަރު ޝާއިއުކުރާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ކަރެކްޝަންސް އިން ބުނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ނަމުގައި މިހާރަކަށް އައިސް މީޑިއާގައި ޝާއިއުކުރަމުންދާ ޚަބަރުތަކަކީ ގާނޫނާ ގަވާއިދާ ޚިލާފަށް ޝާއިއުކުރަމުންދާ ޚަބަރުތަކެއް ކަމަށެވެ.

މީޑިއާތަކުން ވެސް ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުއްވުމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވުމަކީ، މީޑިއާ ކައުންސިލުންވެސް ބާރުއަޅުއްވާ ކަމެއްކަމަށާއި މީޑިއާތަކުން ވެސް އެ އިމުގެ ތެރޭގައި މަސައްކަތްކުރެއްވުމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވާކަން ފާހަގަ ކުރެއްވޭ ކަމަށް މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ހާމަކުރެއްވިއެވެ.