ދަ ޑިމޮކްރެޓްސް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެ ޕާޓީއިން ނިންމައިފިއެވެ.

އެ ޕާޓީން ބުނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް "މެމްބާޝިޕް ޑްރައިވް" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތް އިފްތިތާހު ކުރުން މިއަދު ހަވީރު 4:00 ގައި ޕާޓީ ހަރުގޭގައި އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

ކޮންމެ މެންބަރަކު ޕާޓީއަށް ސޮއިކުރަން އިތުރު މީހަކާއެކު އެ ހަފްލާއަށް ދިއުމަށް ޑިމޮކްރެޓްސްއިން ވަނީ އެދިފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީއެވެ. އެ ޕާޓީ އުފެދިގެން ދިޔައީ އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލައެއްގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ތެރެއިންނެވެ. ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދިއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި އަހަރު މެއި މަހުގެ 24 ވަނަ ދުވަހުގައެވެ. އެ ޕާޓީން ވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ސޮއި ހަމަކޮށް ޖޫން މަހުގެ 1 ވަނަ ދުވަހު އީސީއަށް ހުށަހަޅާފައެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްދީފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުގައެވެ.

އީސީގެ ދަފްތަރުން ދައްކާ ގޮތުގައި އޮގަސްޓްމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސްގައި 3،280 މެންބަރުން އެބަ ތިއްބެވެ.

ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީ އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފައެވެ. އިންތިހާބުގައި އެ ޕާޓީ އަށް ލިބުނީ ތިންވަނައެވެ. މިއީ އަލަށް އުފެއްދި ޕާޓީއަކާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިދޫ

    އަޅުގަނޑުވެސް ބޭނުން. އެމްޑީޕީ މިހާރު ކަޑަ.

    3
    3
  2. ކޮރަލް

    މިއީ ހައްގުތަކުގެ ވާހަކަ ދައްކާމީހުންނެވެ. މިމީހުންނާ ކައިރި ވާކަށް ނުވާނެ އެވެ.