ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަންފަށާފައި ހުރިކަންކަން ކުރިޔަށް އޮތް ދައުރުގައިވެސް އިތުރަށް ފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ފުލުހުންގެ ކިބައިން އެމަނިކުފާނު މިއަދު މިކަމަށް އެދިވަޑައިގެންނެވީ މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ނިމިގެންދާ 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ފަސް އަހަރު ކަމަށެވެ. މިގޮތުން ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި، ޚާއްސަގޮތެއްގައި ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވިފައިވުން ނައިބު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް، ކޮވިޑް-19ގެ ހާލަތުގައި، ފުލުހުން ކުރި މަސައްކަތްތައް ނައިބު ފާހަގަކުރެއްވިއެވެ. މިގޮތުން ކޮވިޑް-19އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ފުލުހުން އަދާކުރި ދައުރުގެ މައްޗަށްވެސް ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތަކާއި އެކު މަގުމައްޗާއި، ކަނޑުދަތުރާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ދިމާވާ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ޚާއްސަގޮތެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްޤީކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމަޢެއް ޤާއިމް ކުރުމަށް ފުލުހުންނާއިއެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު