ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވި ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފިއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާ ދެކޮޅަށް މި މަހުގެ 7 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެއާއި އެކީ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވެސް ވަނީ ހަމަލާތަކެއް ދީފައެވެ.

ޣައްޒާގެ އާންމުންނަށް ބެލުމެއް ނެތި އިސްރާއީލުގެ ނިރުބަވެރިން ހަމަލާތައް ދިނުމާއި ގުޅިގެން ޣައްޒާގެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އަދި މިވަގުތު ކާބޯތަކެތީގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.

އައިއޭސީން ބުނީ، "ޣައްޒާ އެމަޖެންސީ ރިލީފް 2023" ފަންޑަށް މިހާތަނަށް 23،987،108 ރުފިޔާ އަދި 13،023 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

މިފަންޑަށް އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ތަފާތު ހަރަކާތްތައް ވެސް ބާއްވައިގެން ފައިސާ އެއްކޮށް، ފަންޑަށް ހަދިޔާކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ދިޔައީ ވަރަށް ފޯރިއާއިއެކުކަން ފާހަގަވެއެވެ. މީގެ އިތުރުން ފަންޑް ރެއިސް ކުރުމަށް ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާ ކަހަލަ އެކި އެއްޗެހި ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

އައިއޭސީން ވަނީ އިސްލާމީ އުއްމަތަށް ދިމާވާ ހުރިހާ ކަމެއްގައި ރައްޔިތުން ދެއްވާ އެހީ އަދި އެބޭފުޅުންނަށް ދެއްވާ އެއްބާރުލުމަށް ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    އައި.އޭ.ސީން ދެން ކުރަންވީ ކަމަކީ ތިޔަ ލާރިތައް ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލް ރައްޔިތުންނާ ހަމައަށް ތިލަ ކޮށްދޭންވީ... މިގޮތުން؛
    އެހީތަށް ބެހުމުގައި ހަރަކާތްތެރިވި މީހުންގެ މުސާރަ؟
    ދަތުރުތަކަށް ދިޔަ ޚަރަދު؟
    ކާނާއާއި މިނޫންވެސް ވަސީލަތްތަކަށް ދިޔަ ޚަރަދު؟
    ބާކީ ހުރިނަމަ ހުރި ފައިސާގެ އަދަދު؟
    މިގޮތަށް މިކަން ކޮށްފިނަމަ، އައި.އޭ.ސީއަށް ރައްްޔިތުން ކުރާ އިތުބާރު ބޮޑުވެ، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. ނޫންނަމަ، ފައިސާއަށް މީހާގެ ހިތް ލަންބުވާލަފާނެ. މާތްﷲ ތިބޭފުޅުން ތެދުވެރިކަމާއެކު ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި. އާމީން.