ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މިއަދު ވެސް ސަލާމް ފޮނުއްވުމާ ގުޅިގެން، އެޖެންޑާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކެންސަލްކަން މެންބަރުންނަށް އަންގައިފިއެވެ.

ނަޝީދު މަގާމުން ވަކިކުރަން މިދިޔަ ހަދްތާގެ އާދީއްތަ، ހޯމަ، ބުދަ ދުވަހު ބާއްވާން ތާވަލު ކުރި ޖަލްސާތައް ވެސް ކެންސަލް ކުރީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމުންނެވެ. އަންގާރަ ދުވަހުގެ އެޖެންޑާގައި އޮތީ ބަޖެޓް ހުށަހެޅުމުގެ މައްސަލައެވެ.

ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ އެދުމަށް މިދިޔަ ހަފްތާގައު ޖަލްސާ ބޭއްވުމަށް މަޖިލީހުން ނިންމީއެވެ. އެ ޖަލްސާ ވެސް ކެންސަލް ކުރަން ޖެހުނީ އީވާ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އާދިއްތަ ދުވަހަކީ ވެސް އާންމުކޮށް ޖަލްސާ އޮންނަ ދުވަހެއް ނޫން ކަމުގައި ވިޔަސް އެމްޑީޕީގެ އެދުމަށް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާ ބޭއްވުމަށް އަނެއްކާ ވެސް ނިންމިއެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ވެސް ވަނީ އީވާ އާލާސްކަންފުޅާ އުޅުއްވާ ސަލާމް ވިދާޅުވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ.

އެމްޑީޕީން މިދިޔަ އާދީއްތަ ދުވަހު ވަނީ ޖަލްސާ ބޭއްވޭ ގޮތް ނުވުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ކޯޓުން ވަނީ ބަލައިގެންފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އެ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ ބ. ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ގޮތެއް ނިންމުމުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހާޒިރުވެވަޑައި ނުގެންނެވޭ ހިނދުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރުން މަޖިލީހުގެ އިދާރާއަށް ލަޒިމްވާނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނޫނީ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރާއި މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާން ކޮށްފައިވާތި، މިހާރު ހުށަހަޅާފައިވާ ގަރާރާއި މެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    މީނާގެ މަރުބަލިތަ ޖެހިގެން މިއުޅެނީ

  2. އިބްރާހީމް

    ކިހާބޮޑު ނުހޮރޮއްޕާނެއް. އިސްތިއުފާ ދީފަ ގެއަށް ދޭބަލަ. އޭރުން ތިބި ބަޔަކު ތިކަން ކުރާނެއެއްނު! ބޯ ހަލާކު.

  3. ރަޔާން

    ރައީސްފުޅު ވަކިފުޅު ކުރާ މައްސަލަފުޅު ތާވަލުފުޅު ކުރާހާ ހިނދަކު ތިޔަ އީވާފުޅު ގެ އާލާސްކަންފުޅު ދުވަހަކުފުޅުވެސް ރަނގަޅުފުލު ނުވާނެފުލު. ...ހައްޕު !!!!

  4. އިސްތިއުފާ

    ދެން ނުކުންނާނެ ކަމެއްނެތް އަވަހަށް އިސްތިއުފާދީ .