ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުން މުޅިން އަލަށް އެއްމާބަނޑު ބަލިވެ އިނުމަކުން ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖަރެއް ކަމަށްވާ އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

ޓްރީޓޮޕުން ބުނި ގޮތުގައި އެސިންކްރޮނަސް ޓްވިން ބާތްސް އަކީ ވަރަށް މަދު ހާލަތްތަކުގައި ދިމާވާ ކަމަކަށް ވުމުން، ދިމާވެދާނެ އުނދަގޫ ހާލަތްތައް އަވަހަށް ދެނެގަތުމުގެ ގޮތުން މައިމީހާގެ ބޭނުންތަކަށް ހާއްސަ ފަރުވާއެއް ވަނީ ފޯރުކޮށްދެވިފައެވެ.

އަދި މި ޕްރޮސީޖާގައި އެކުލެވިގެންވާ ތަފާތު ރިސްކުތަކުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ޑޮކްޓަރުންގެ ޓީމުން ބަލިވެ އިނުމުގެ މަރުހަލާތަކަށް ފަރުވާތެރިކަމާއެކު ގަވާއިދުން ބެލުމަށް ހާއްސަ ސަމާލު ކަމެއްދީގެން ކާމިޔާބުކުރި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"އެގޮތުން މި ޕްރޮސީޖާ ކާމިޔާބު ކުރުމަށް ހޮޕިޓަލުގެ ގާބިލު އޮބްސްޓެޓްރިކް އަދި ގައިނެކޮލޮޖިކަލް ޑޮކްޓަރުންގެ ޓީމްވަނީ ސްވިފްޓް އެމަޖެންސީ ސިޒޭރިއަނެއް ފުރިހަމަ ކޮށްފައި." ޓްރީ ޓޮޕުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ވިހެއުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ތުއްތު ދަރިފުޅަށް ބޭނުންވާ ފަރުވާދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުޅަދާނަ ކުޑަކުދިންގެ ޑޮކްޓަރުން ވަނީ އެންމެ އެކަށޭނަ ފަރުވާ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ފޯރުކޮއްދިނުމަށްފަހު ދުޅަހެޔޮ ސިއްހަތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

މި ޕްރޮސީޖާ ކާމިޔާބުކޮށްދިނުމުގައި އިސްކޮށް އުޅުއްވީ އޯބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ އާއި އޭނާގެ ޓީމާއެކު ނިއޯނެޓޮލޮޖިސްޓުން ކަމަށްވާ ޑރ. އިންގްރިޑް، ޑރ. ބިޕިން، ޑރ. މުސްތަފާ އަދި ކުޑަކުދިންގެ ޑޮކްޓަރުން ކަމަށްވާ ޑރ. އެލެސަންދްރާ / ޑރ. ސުބިންއެވެ.