ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ ކަމަށް އޭނަގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގއި ވިދާޅުވެފައިވަނީ ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު އެވަނީ ޖަލު ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.

ވުމާއެކު މިހާރުން މިހާރަށް ރިޔާޒުގެ ޙުކުމް ތަންފީޒުވެ ނިމިއްޖެކަމުގައި ކަނޑައަޅައި ރިޔާޒު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށްވެސް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

" މިހާރުން މިހާރަށް ރިޔާޒުގެ ޙުކުމް ތަންފީޒުވެ ނިމިއްޖެކަމުގައި ކަނޑައަޅައި ރިޔާޒު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރަން " ރިޔާޒުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ރިޔާޒުގެ ވަކީލުން ވިދާޅުވީ މާރޗު 2 ވަނަ ދުވަހުގެ ހަވީރު ސިޔާސީ ޕާޓީތަކުން ޞުލްހަވެރިކަމާއެކު މާލޭގައި ބޭއްވި އެއްވުމެއްގައި ރިޔާޒު، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުންދަނިކޮށް ހައްޔަރުކުރުމަށްފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް 6 މަސްދުވަސް ވެއްޖެ ކަމަށާއި އަދި އެދުވަހު ބަންދުކުރުމަށްފަހު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަން އޮގަސްޓް 14 ވަނަ ދުވަހު ރިޔާޒަށް ވަނީ ލިޔުމުން އަންގާފަ ކަމަށެވެ.

ވަކީލުގެ ބަޔާނުގައި އިތުރަށް ވަނީ ރިޔާޒު ހައްޔަރުކުރި ފަހުން މިއަދަށް 6 މަސް ދުވަސް ފާއިތުވީއިރުވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިލްތިމާސްއާމެދު އެކޯޓުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ރިޔާޒަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތައް ލިބިވަޑައިގަންނަވަމުން ނުދާކަމުގައި ރިޔާޒު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކޯޓުތަކުގައި ރިޔާޒުއާ ދެކޮޅަށް ހިންގޭ ޝަރީޢަތްތައް ހިންގުމުގަޔާއި މައްސަލަ ބައްލަވާ ފަނޑިޔާރުން ބަދަލުކުރުމަށްފަހު ވަކި ނަތީޖާއެއް ނެރެވިގެންދިޔައީ އެ އުސޫލުގެ މަތީންކަމަށް ދޭހަވާގޮތަށް ކަންކަން ހިނގާފައިވުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ އިސްތިއުނާފުގެ މައްސަލަތައް ކޯޓުތަކުގައި ނުހިނގައި ލަސްވަމުން ދިޔުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ ޝަކުވާގެ ސިޓީތަކާއި ގުޅިގެން ކޯޓުތަކުން ޖަވާބު ނުދިނުންފަދަ ކަންކަމަކީ ދިވެހި އެއްވެސް ރައްޔިތަކާމެދު ޢަމަލުކުރެވިގެންވާނެ ގޮތެއްކަމުގައި ރިޔާޒު ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

" އޯގާތެރި ސަރުކާރަކާއި ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަރީއަކާއި މިނިވަން ރައްޔިތުންގެ މަޖިލީހެއް ރައްޔިތުންނަށް ލިބުމުގެ ކުރިން ރިޔާޒުގެ ސިޔާސީ ޙަޔާތަށް ކުޑަނަމަވެސް ހުއްޓުމެއް ނާންނެކަމުގެ ޔަޤީންކަން ރިޔާޒު ދެއްވާ" ވަކީލުން ނެރެފައިވާ އެ ބަޔާނުގައި ވެއެވެ.