މާލޭގެ ގެއެއްގައި މަސައްކަތް ކުރަނިކޮށް ކުޑަކުއްޖަކަށް އަނިޔާކޮށްގެން ހައްޔަރު ކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އެ އަންހެން މީހާ އެ ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ އެންމެ ފުރަތަމަ މީސްމީޑިއާގައި އާންމުވެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ އަންހެން މީހާ އެކުއްޖާ ނިންދެވުމަށް މަސައްކަތްކުރެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ކުއްޖާގެ މޫނުމަތީގައި ވަރަށް ބާރަށް ތަޅާ އަނިޔާކުރާ މަންޒަރު ފެނެއެވެ.

މިމައްސަލައިގައި އެ އަންހެން މީހާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ޖަހާފައި ވަނީ 15 ދުވަހެވެ.

މިކަމާ ގުޅިގެން ފުލުހުން އިއްޔެ ވިދާޅުވީ މާލޭގެ ގެއެއްގައި ގެންގުޅޭ އިންޑިއާ މީހަކު އެގޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ތަހގީގުކުރަމުންދާ ކަމަށެވެ.