ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް 21 ބޭފުޅަކު އައްޔަން ކުރައްވައި އެ ބޭފުޅުން މިއަދު ވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ. އެ މިނިސްޓަރުންނާ އެކު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އުޝާމް ވެސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށްފަހު، ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ހުވާ ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިރޭ ރައީސް އޮފީހުގައެވެ.

ރައީސްގެ ކުރިފުޅުމަތީގައި އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ނައިބު ރައީސް ހުސައިމް މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް އެކޮނޮމިކް މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު ސައީދެވެ. ސައީދަކީ އެންމެ ފުރަތަމަ ޕީޕީއެމް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރއެވެ. އޭނާ އެންމެ ފަހު ވަގުތާއި ޖެހެންދެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ. އޭނާއަކީ ދިރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި، އޭޝިއާ އިންފްރާސްޓްރަކްޗަރ އެންޑް އިންވެސްޓްމަންޓް ބޭންކުގެ ޑިރެކްޓަރުކަމާއި، ދައުލަތުގެ ބޮޑު ތިިން ކުންފުންޏެއްގެ ސުޕަރ ސީއީއޯގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޓޫރިސްޓް ރިސޯޓްތައް ހިންގުމުގައި 18 އަހަރު މަސައްކަތް ކުރެއްވިއިރު، އޭނާވަނީ އިޓަލީވިލާތާ އިނގިރޭސިވިލާތުގައި ޓޫރިޒަމްގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމަށް އައްޔަން ކުރެއްވީ އިބްރާހިމް ފައިސަލެވެ. އޭނާ އަކީ މެލޭޝިއާގެ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ އިދާރާގައި މީގެ ކުރިން މަސައްކަތް ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރކަމުގެ މަގާމުގައި 2013 ވަނަ އަހަރުން 2015 ވަނަ އަހަރާއި ހަމައަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އޭނާ ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މަސައްކަތް ކުރައްވާފައެވެ.

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. ހައިދަރު އަހުމަދެވެ. އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަންވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. ހައިދަރަކީ ޕްލޭނިން ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާއި، ޑިވޮލޮޕްމަންޓް ޕްލޭނިންގ ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގައިވެސް މަސައްކަތް ކުރައްވާފައެވެ. 1981 ވަނަ އަހަރު ދިވެހި ސަރުކާރާއި ގުޅުނު ޑރ، ހައިދަރު ވަނީ އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އެކި މަގާމުތަކުގައި ރާއްޖޭގެ ރަށްވެހި ތަރައްގީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭނާ ވަނީ 2008 ވަނަ އަހަރުވެސް ހައުސިންގ މިނިސްޓަރުކަމުގެ މަގާމު އަދާ ކުރައްވާފައެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އައްްޔަން ކުރެއްވީ ޑރ. އަބްދުﷲ ހަލީލެވެ. 1997 ވަނަ އަހަރު ދިވެހި ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި ޑރ. ހަލީލަކީ ދިވެހިރާއްޖޭގެ މާލީ ވުޒާރާގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އަދި އަރިއަތޮޅު އުތުރުބުރިއާ، ނޫނު އަތޮޅުގެ އަތޮޅުގެ ވެރިކަން ކުރެއްވިއިރު، ދިވެހި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއިރު، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. އޭނާ ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން، ޔުނިވަރސިޓީ އޮފް ބުރޫނާއީ ދާރުއްސަލާމްއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އިސްމާއިލް ޝަފީއުއެވެ. އޭނާއަކީ އިސްލާމިކް ޔުނިވާސިޓީގެ ސެންޓަރ ފޯ ރީސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަގާމުގައި މިހާތަނަށް ހުންނެވި ބޭފުޅެކެވެ. އޭނޭއަކީ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައި 2008 ވަނަ އަހަރުން ފެށިގެން ގައުމަށް ހިދުމަތް ކޮށްދެއްވުމަށް ފެއްޓެވި ބޭފުޅެކެވެ. ނ. ހޮޅުދޫ މޭނާ ސްކޫލްގެ ޕްރިންސިޕަލެއްގެ މަގާމުވެސް ފުރުައްވާފައިވާ ޑރ. އިސްމާއިލް ވަނީ 2012 އިން ފެށިގެން 2015 އަށް ރާއްޖޭގެ ތައުލީމީ ވުޒާރާގެ ނައިބް ކަމުގެ މަގާމުގައި ހުންނަވައިގެން މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަން އިން 2019 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެެކެވެ.

މިނިސްޓަރ އޮފް ކްލަައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ ތޯރިގު އިބްރާހިމެވެ. އޭނާއަކީ ބިލްޑިންގް ސައިންސްގެ ދާއިރާއިން ސިންގަޕޫރްގައި އަދި ބިލްޑިންގް ސާވިސަސް އިންޖީނިއަރިންގ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ. މީގެ ކުރިން އެޗްޑީސީ އާއި އެމްޓީސީސީގެ ޑިރެކްޓަރ ބޯޑުގައިވެސް މަސައްކަތް ކުރައްވިއިރު، މޯލްޑިވްސް އެނާޖީ އޮތޯރިޓީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރު ކަން ކުރެއްވިއެވެ. އަދި މޯލްޑިވްސް ޕްލާސްޓިކް އެލަޔަންސްގެ އެއް މުއައްސިސްއަކީ ވެސް ތޯރިގެެވެ. އޭނާ ވަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓަރުކަމުގެ މަގާމު ފުރުައްވާފައެވެ.

މިނިސްޓަރ އޮފް ޖެންޑަރގެ މަގާމަށް އަައްޔަން ކުރެއްވީ ޑރ. އައިޝަތު ޝިހާމެވެ. އޭނާއަކީ ޓީޗަރެއްގެ ގޮތުގައި 1983 ވަނަ އަހަރުު ނުކުމެވަޑައިގެންނެވި ކަނބެލެކެވެ. މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވިއެވެ. އަދި މިނިސްޓްރީ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަގާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި ވެއެވެ. އޭނާ މަތީ ތައުލީމް ހާސިލްކުރައްވާފައި ވަނީ ކައުންސެލިންގ އަދި ސައިކޮލޮޖީގެ ރޮނގުންނެވެ. ސައިކޮލޮޖީގެ ރޮނގުން އޭނާ ޕީއެޗްޑީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލް ގައެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު އަމީން (ކެޕްޓަން އަމީން)އެވެ. އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލެއްގެ ގޮތުގައި ރާއްޖެއަށް ހިދުމަތް ކުރައްވަން ފެއްޓެވި އަމީންއަކީ ސްރީލަންކާއިން ޕައިލެޓް ލައިސެންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެެވެ. އަދި ކެނެޑާ، އެމެރިކާ، މެލޭޝިޔާ، އަދި ސިންގަޕޫރުން މިދާއިރާގެ އެކި ކޯސް ފުރިހަމަކުރެއްވިއެވެ. އޭނާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަންކަމާއި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒްއަށް އައްޔަން ކުރެއްވީ މޫސާ ޒަމީރެވެ. ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ މޫސާ ޒަމީރަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސިވިލާތުގައި ތައުލީމް ހާސިލްކުރައްވާފަައިވާ ބޭފުޅެކެވެ. އޭނާ ވަނީ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 އަހަރު ވަންދެން މަސައްކަތް ކުރައްވާފައެވެ. ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައިވެސް އަށް އަހަރު ވަންދެން މަސައްކަތް ކުރެއްވިއިރު، އޭނާއަކީ ވިޔަފާރީގެ ދާއިރާއާ ސިޔާސީ ދާއިރާގައިވެސް ތަޖްރިބާކާރު ޚިދުމަތްތެރި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސްއަށް އައްޔަން ކުރެއްވީ ޣައްސާން މައުމޫނެވެ. އޭނާއަކީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ބަޔޮމެޑިކަލް ސައިންސް ރިސާޗްގެ ދާއިރާއިންނާ، މޮލެކިއުލާ ބަޔޮލޮޖީގެ ދާއިރާއިން، ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފާހަގަވެގެން ގޮސްފައި ވަނީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައެވެ. ސިޔާސީގޮތުން މަގުބޫލް ޝަހުސިއްޔަތެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ޣައްސާން މީގެ ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އިމްޕްލިމޭޝަން ޑިޕާޓްމެންޓުގައި މަސައްކަތް ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވިއިރު، ޒުވާނުންނާ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. އޭނާ މަގާމާއި ހަވާލުވަންދެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އައްޔަން ކުރެއްވީ އާދަމް ޝަރީފް އުމަރެެވެ. އޭނާއަކީ އިނގިރޭސިވިލާތުގައި ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްލްކުރައްވާފައިވާ އެ ދާއިރާގެ ތަޖްރިބާކާރެކެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1981 ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވި އޭނާއަކީ ޓީޗަރުން ތަމްރީން ކުރުމުގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން އަދާ ކުރެއްވި މަގާމުތަކުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ފާހަގަކޮށްލެވެއެވެ. އޭނާ މަގާމާއި ހަވާލުވަންދެން އެންމެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށް އައްޔަން ކުރެއްވީ އަހުމަދު ޝިޔާމެވެ. ޖަޕާނުގެ އޮސާކާގެ ނަގޯޔާ ޔުނިވަރސިޓީ އޮފް ކޮމާރސް އެންޑް ބިޒްނަސް (އެން.ޔޫ.ސީ.ބީ) މާސްޓާރސް އޮފް ބިޒްންސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވާފައިވާ ޝިޔާމަކީ ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުންވެސް ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާއަކި ޕްރޮފެޝަނަލް ސްކޫބާރ ޑައިވިންގ އިންސްޓްރަކްޓަރެއްގެ އިތުރުން، ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ވިޔަފާރީގެ ދާއިރާއާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެތައް ހިދުމަތްތަކެއް އޭނާ ކުރެއްވިއިރު، އޭނާއަކީ ފާއިތުވެދިޔަ ނުވަ އަހަރު ތެރޭގައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރުވެސް މެއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް، އިންޓަރނަލް ސެކިއުރިޓީ އެންޑް ޓްކެނޮލޮޖީ އައްޔަން ކުރެއްވީއަލީ އިހުސާނެވެ. އޭނާއަކީ އެމެރިކާގެ މިލިޓަރީ އެކެޑެމީގައި ޑިފެންސް ސްޓްރެޓެޖިކްގެ ރޮނގުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނަންޔަންގް ޓެކްނޮލޮޖީ ޔުނިވަރސިޓީގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން އޭނާ މާސްޓަރސް ހާސިލް ކުރައްވާަފައިވާއިރު، އެމްއެންޑީއެފްގައި ކެޕްޓަންގެ ރޭންކުގައި 11 އަހަރު ވަންދެން އޭނާ ވަނީ ހިދުމަތް ކުރައްވާފައެެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްފެ މަގާމަށް އައްޔަން ކުރެއްވީ ޑރ. މަރިޔަމް މާރިޔާއެވެ. ތައުލީމީ ދާއިރާގައ 31 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޑރ. މާރިޔާއަކީ ތަޖްރިބާކާރު ޓީޗަރެއް އަދި ޓިޔުޓަރެކެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން، ނިއުޒީލެންޑާ، އޮސްޓްރޭލިއާއާ، އިނގިރޭސިވިލާތުގެ އެކި ޔުނިވާސިޓީތަކުގައި ތަޢުލީމަށް ހިދުމަތްކުރައްވާފައެވެ. އަދި ރާއްޖޭގައި ވިލާ ކޮލެޖާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައިވެސް މަސައްކަތްކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ހާސިލް ކުރައްވާފައި ވަނީ ނިއުޒީލޭންޑުގެ މޭއްސީ ޔުނިވާސިޓީގައި އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިންނެެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެެއަރޒްއަށް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭނާ ޕީއެޗްޑީ ހާސިލް ކުރައްވާފައި ވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮނގުންނެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމް ޝަހުސިއްޔަތުގެ ލިސްޓުގައި މިހާރުވެސް ހިމެނިވަޑައިގަންްނަވާ ބޭފުޅެކެވެ. ބައިނަލްއަގްވާމީ ބޮޑެތި އިސްލާމީ ޖަމާއަތްތަކުގައި ހިދުމަތްކުރައްވާ މަތީ މަގާމުތައް ފުރުއްވާފައި ވެއެވެ. މީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވިއިރު، ދީނީ އަދި އިލްމީ މައުޟޫތަކަށް ފޮތް ލިޔުއްވާފައި ވެއެވެ. އަދި އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުުރުވުމުގައި އޭނާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް ފިޓެންސް އެންޑް ރިކްރިއޭޝަން އައްޔަން ކުރެއްވީ އަބްދުﷲ ރާފިއުއެވެ. ސްޕޯޓްސް މެޑިކަލްގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ރާފިއުއަކީ އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ގައުމީ ޓީމްގެ މެޑިކަލް ލީޑަރެއްގެ ހައިސިއްޔަތުން 2019 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ސިއްހީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިކަން ދެއްވުމުގެ މަސައްކަތް 2003 ވަނަ އަހަރުން ފެށިގެން ފެއްޓެވިއެވެ. އޭނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައިވާ އަދި ކަސްރަތާއި ހަށިހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ފިނޭންސްއަށް އައްޔަން ކުރެއްވީ: ޑރ. މުހައްމަދު ޝަފީގެވެ. އޭނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓިން ޕީއެޗްޑީ ހާސިލްކުރައްވާފާއިވާ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ހައުސިންގ އެންޑް ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ފައިނޭންޝިއަލް އޮފިސަރެއްގެ މަގާމުގައި އަދާކުރެއްވިއިރު، އެ ކޯޕަރޭޝަންގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވިއެވެ. މާލީ އަދި އިގްތިސޯދީ ކަންކަމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށްވެސް އޭނާ ކޮންސަލްޓެންސީ ދެއްވާފައި ވެއެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަންވެސް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަދާ ކުރައްވާފައި ވެއެވެ.

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްއަށް އައްޔަން ކުރެއްވީ އާދަމް ނަސީރު އިބްރާހިމެވެ. އޭނާއަކީ ދިވެހި ބަހުގެ ފުންނާބު އުސް އުސްތާޒެކެވެ. އޭނާއަކީ ބަހަވީ ފަންނުތަކާއި ޅެންވެރިމަކާއި، ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަން އުނގުންނައިދެއްވުމުގައި ގައުމީ ހިދުމަތްތެރިއެކެވެ. ރާއްޖޭ އެންމެ މަގްބޫލު ޝާއިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަސީރަކީ ތާރީހީ އަދަބީ އަދި ސަގާފީ ލިޔުންތައް ދިރާސާ ކުރައްވާ ބޭފުޅެކެވެ. މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ނަސީރަކީ ފުލުހުންގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އާއި ބަސް ކޮމެޓީގެ މެންބަރު ކަމުގެ މަގާމް ފުުރުއްވި ބޭފުޅެކެެ. އަދި އޭނާވަނީ ދިވެހި ބަސް އުނގުންނައިދިނުމުގެ ރޮގުން މާސްޓަރސް ހާސިލް ކުރައްވާފައެވެ.

ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް އައްޔަން ކުރެއްވީ އިބްރާހިމް ވަހީދު (އަސްވާޑު)އެވެ. އޭނާއަކީ ދިވެހި ނޫސްވެރިކަމާއި މީޑިއާ ދާއިރާގައި ވަަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ. އޭނާއަކީ ރާއްޖެ އާއި ރާއްްޖެއިން ބޭރުން އެ ދާއިރާއިން ގިނަ ތަމްރީނުތަކެއްވެސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަސްވާޑް ފާހަގަވެގެން ގޮސްފައި ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވި ބޭފުޅެއްގެވެސް ގޮތުގައެވެ. އޭނާއަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން، ވަގުތު ޓީވީގެ އެއް މުއައްސިސެވެ. އަދި ސަންގު ޓީވީ ހިންގުމުގެ އިތުުރން، ރާއްޖެ ޓީވީ އާއި މިނިވަން ނިއުސް، ހާމަ ނިއުސް ޓީވީ މޯލްޑިވްސް ފަދަ ތަންތަނުގައިވެސް އޭނާ ވަނީ ހިދުމަތް ކުރައްވާފައެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ،އަށް އައްޔަން ކުރެއްވީ ޑރ. އައިޝަތު ރަމީލާއެެވެ. 1990 ވަނަ އަހަރު ނަރުހެއްގެ ވަޒީފާއިން ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވި ޑރ. ރަމީލާއަކީ މީގެ ކުރިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާއި ހިދުމަތްތަކުގެ ދާއިރާގައިވެސް މަސައްކަތް ކުރެއްވިއިރު، އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ މުއްތަލިބެވެ. އޭނާއަކީ އިނގިރޭސިވާތުގެ ލަންޑަނުން ސިވިލް އިންޖީނިއަރިންގ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު، ފުލުހުންގެ ވަޒީފާއާ 2009 ވަނަ އަހަރު ގުޅިވަޑައިގަތް ބޭފުޅެކެވެ. އޭނާ ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަެއް ހޭދަ ކުރައްވާފައި ވަނީ ރަށްވެހި ތަރައްްގީ އާއި ގައުމު ބިނާ ކުރުމުގެ ދާއިރާގައެވެ. މިގޮތުން އެޗްޑީސީ އާއި ހައުސިންގ މިނިސްޓްރީގައި މަތީ މަގާމުތަކެއް އަދާ ކުރެއްވިއިރު، އޭނާ ޕީއެޗްޑީ ހާސިލް ކުރައްވާފައި ވަނީ ޖިއޯ ޓެކްނޮލޮޖީ އިންޖީނިއަރިންގ ދާއިރާއިންނެވެ.

އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ އަހްމަދު އުޝާމެވެ. އޭނާ އަކީ ގާނޫނީ ދާއިރާއާ، ބައިނަލްއަގްވާމީ ގުޅުންތަކުގެ ދާއިރާއިން، މެލޭޝިއާއާ އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލް ލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 10 އަހަރު ވަންދެން އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ޑެޕިއުޓީ ސްޓޭޓް އެޓާނީ ކަމާއި، ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމު ފާހަގަކޮށްލެވެއެވެ. އޭނާ މި މަގާމާއި ހަވާލުވަންދެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.

މުއިއްޒު ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން މީގެ ކުރިން ވިދާޅުވީ، ކެމްޕެއިންގެ ވައުދުވެވަޑައިގެންނެވި ގޮތަށް ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނޫހް

    'މަރުހަބާ

  2. ބަލާތި

    ތި ވަޒީރުންގެ ތެރޭން އިގްތިސޯދީ ވަޒީރު އަދި ތިމާވެއްޓާއި ހަކަތަ އާއި ބެހޭ ވަޒީރު ތޯބެ އެއީ ތަޖްރިބާ އާއި އަދި އެކަމުގެ އިލްމް ލިބިފައިވާ މީހުން ދެން މަމެންނަށް ނުފެނޭ ތިޔާތަނުން ކަމާއި ގުޅޭ އިލްމާއި ތަޖްރިބާ ލިބިފައިވާ ވަޒީރުން ފަތުރުވެރިކަމުގެ ވަޒީރު ކިޔެވީ ކޮން ވައްތަރު ފަތުރުވެރި ކަމެއްތޭ ޚާރިޖީ ވަޒީރު އެއީ ގައުމުގެ މޫނުމަތި އޭނާގެ ޚަރިޖީ އިލްމަކީ ކޮބާތޭ ވިޔަފާރި އާއި އިދާރީ ދާއިރާެއިން މާސްޓަރސް ނެގުން އެއީ ޚާރިޖީ ވަޒީރު ކަމަށް ކުފޫހަމަވާ މީހުންނޫނޭ އެކަން ފެންނާނެ 3 މަސްތެރޭ ބަލަން ތިބޭތި ދެން އެމެން ހަދާނީ ރޯ ބުހުތާނު ދޮގު ރައްޔިތުންނަށް

  3. ފެންނާނެއޭ

    ތި ވަޒީރުންގެ ތެރޭން އިގްތިސޯދީ ވަޒީރު އަދި ތިމާވެއްޓާއި ހަކަތަ އާއި ބެހޭ ވަޒީރު ތޯބެ އެއީ ތަޖްރިބާ އާއި އަދި އެކަމުގެ އިލްމް ލިބިފައިވާ މީހުން ދެން މަމެންނަށް ނުފެނޭ ތިޔާތަނުން ކަމާއި ގުޅޭ އިލްމާއި ތަޖްރިބާ ލިބިފައިވާ ވަޒީރުން ފަތުރުވެރިކަމުގެ ވަޒީރު ކިޔެވީ ކޮން ވައްތަރު ފަތުރުވެރި ކަމެއްތޭ ޚާރިޖީ ވަޒީރު އެއީ ގައުމުގެ މޫނުމަތި އޭނާގެ ޚަރިޖީ އިލްމަކީ ކޮބާތޭ ވިޔަފާރި އާއި އިދާރީ ދާއިރާެއިން މާސްޓަރސް ނެގުން އެއީ ޚާރިޖީ ވަޒީރު ކަމަށް ކުފޫހަމަވާ މީހުންނޫނޭ މިކަން ތަ ރައީސް މީހާ އަށް ފެންނާނެއޭ

    2
    1
  4. މޮޅޭމޮޅޭ

    އަދުރޭ އަކީ ހިސާބު އިލްމާއި އެތިކޮޅު ހޯދުމުގައި ދުނިޔޭގެ މައިކަލް ޖެކްސަން އަދުރޭ ތިކަމަށް އެންމެ ކުފޫ ހަމަވާނީ ވަރަށް ތައްލީމީ ގާބިލު މީހުންނޭ މުއިއްޒު ގެ ވެރިކަމުގައި މިވަތަން ހިންގަން ހުކުރު މިސްކިތުގެ އުތުރުން ހުރި ވަތަންގެ މައި އޮފީހުގެ ބޮޑުން ނަށް ލަނީ އެމެން ދަންނާނެ މާލޭގެ މަގުމަތީގައި ބޯވަ އޮންނަ ގޮތަށް މަޖީދީ މަގުގައި ސަލާމް ޖަހަން ތިބޭ މަސްތުވާތަކެތިން ދިރިއުޅޭ ގަމާރުން ތައް ވެސް އިސްލާހު ކުރާނެ ޚާއްސަ ގޮތް ތައް އަދުރޭ އަށް އިނގޭނެއޭ

  5. ވަކިކުރާށޭ

    ކުފޫ ހަމަނުވާ ވަޒީރުން ނަކީ 1. ޚާރިޖީ ވަޒީރު ކަމަށް ޒަމީރު 2. ފަތުރުވެރިކަމުގެ ވަޒީރަށް ފައިސަލް 3.މާލީ ވަޒީރު މީ މަމެން ބަލާއިރު ކުފޫ ހަމަނުވާ ވަޒީރުންނަކީ ވަޒީރުން ނުޖެހޭނެއޭ ރައީސް މީހާ ބުނާހާ ގޮތެއް ހަދަން ސަބަބަކީ ދިވެހި ދައުލަތަކީ ރައީސް މީހާގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ ކުފޫ ހަމަނުވާ ވަޒީރުން ވަކިކޮށް އެކަމަށް ކުފޫހަމަވާ މީހުންނަށް އެމަގާމް ތައް ދޭން މަމެން މުއިއްޒު އަށް ގޮވާލަމޭ އެމެން ވަކިކުރާށޭ ވަކިކުރާށޭ ވަކިކުރާށޭ

  6. ބަލާނަމޭ

    މުއިއްޒު ބުނިދޯ ވަޒީރުން މަސައްކަތް ކުރާނީ ރައްޔިތުންނާެި ގާތުން ކަމަށް މަމެން ބަލާނަމޭ އިގްތިސޯދީ ވަޒީރު ރާއްޖޭގައި އެންމެ ގިނައިން ރައްޔިތުން ފެލާ ފައިސާ އިން އެންމެ ގިނަ އަދަދަކަށް ދައުލަތުގެ ވިކުރާ އަށް ފައިސާދޭ 1000 ކުންފުނިތަކުގެ ވެރިންނާއި ބައްދަލުކޮށް އެމެންގެ ވިޔާފާރި ކުރިއަރުވަން އެމެންނަށް ތިލަފުށިން ބިން ތައް 100 އަހަރަށް ކުޑަ ކުއްޔަކަށް ދޭން މަސައްކަތް ކުރާވަރު މަމެން ބަލާނަމޭ ބަލާނަމޭ މަމެން ސައީދު އަށް އިތުބާރު ކުރަމޭ ކުރަމޭ

  7. ޝާހް

    ޑޮކްޓަރުންލައިގެން އޯލެވެލްވެސް ނެތި ގައުމު ހަރުދަނާކޮއް ހިންގިމީހުންނާއި ގާތަށް ކަމެެއް ކުރެވުނަސް ރަނގަޅުކަމުގައި ދެކޭނަން. އިޚްލާސްތެރިކަމާއި ހަރުދަނާ ހިކުމަތްތެރި ވިސްނުންނެތި ކިތަންމެ މޮޅު ފާސްތަކެއް ނަގާގެން ތިބި ބަޔަލު ލިޔަސް ހަމަދާނީ ޖަމަލު ފޮޑިއަށް ވެގެންނެވެ. މިތިބީ ހޭލާ ލޯމަރާނުލާ ބަލަން. އެނގިދާނެތާ. މިވެރިންނަށް ގައުމު ދަރަނިން ސަލާމަތްތޯ ކުރެވޭނީ ނުވަތަ ދަރަނިވެރިވެ 2026ގައި ގައުމު ޑީފޯލްޓުވުމުން ސަލާމަތް ކިރެވޭތޯ އަދި އެކުސްޗޭންޛު ރޭޓާއި ޑޮލަރުގެ ދަތިކަން ފިލުވާދެވޭތޯ މިތިބީ ބަލާށެވެ. އެންމެ ހިތާމަ ކުރަނީ މިނިސްޓުރީ އޮފް ދަރަނި ދެއްކުން ނުއުފައްދާތީއެވެ. އަދި ދަރަނި އެޅިފައިވަނިކޮއް އަދިވެސް ބިިންހިއްކުމުގެ ވާހަކަ އަލަތު ރައީސް ދައްކަވާތީއެވެ.

  8. މޮޅީއޭދޯ

    ޚަރަދު ކުޑަ ކުރައްވާނެ މިވެރިކަމުގައި ރައްޔިތުންންށް ކަމެއް ކޮށްދޭން ވެއްޖެނަމަ ފައިސާ ފޮށީގައި ފައިސާ ނުހުންނާނެ އެކަމަކު ހާކިމާގެ ކަންކަމަށް މިލިއަނުން ޚަރަދު ކުރާނެ ފައިސާހުންނާނެ ފެނިގެންމިދިޔާ ހުވާކުރުން ބޮޑު ނާޗަރަނގީ އެއްގޮތަށް 250 މިލިއަން އެކަމަށް ތަޅާ ބުރުއްސާލީ ރައްޔިތުންނަށް ދޭ ކާރޑު ކޮޅަށްދޭ ބަންޑާރަ ބައި ކަނޑާލާ ހަނޑޫ ކިލޯ އެއް 50 ރުފިޔާ އަށް ރައްޔިތުން ބަނގުރޫޓުވުމުގެ ރޮގުން ދުނިޔޭގެ ރިކޯރޑް ފޮތުން އެއްވަނަ ޕީއެޗްޑީ ވެރިކަން ހަމަ މޮޅީއޭދޯ

  9. މޮޅީއޭ

    ޚަރަދު ކުޑަ ކުރައްވާނެ މިވެރިކަމުގައި ރައްޔިތުންންށް ކަމެއް ކޮށްދޭން ވެއްޖެނަމަ ފައިސާ ފޮށީގައި ފައިސާ ނުހުންނާނެ އެކަމަކު ހާކިމާގެ ކަންކަމަށް މިލިއަނުން ޚަރަދު ކުރާނެ ފައިސާހުންނާނެ ފެނިގެންމިދިޔާ ހުވާކުރުން ބޮޑު ނާޗަރަނގީ އެއްގޮތަށް 250 މިލިއަން އެކަމަށް ތަޅާ ބުރުއްސާލީ ރައްޔިތުންނަށް ދޭ ކާރޑު ކޮޅަށްދޭ ބަންޑާރަ ބައި ކަނޑާލާ ހަނޑޫ ކިލޯ އެއް 50 ރުފިޔާ އަށް ރައްޔިތުން ބަނގުރޫޓުވުމުގެ ރޮގުން ދުނިޔޭގެ ރިކޯރޑް ފޮތުން އެއްވަނަ ޕީއެޗްޑީ ވެރިކަން ހަމަ މޮޅީއޭދޯ

  10. ވިއްކާށޭ

    ފުރަތަމަ ކަމަކީ އާ ސަރުކާރުން ރައްޔިތުން އަތުން ފެލާފައިސާ (ޓެކްސް) ނުނަގާ އަދި ކާރޑަށްދޭ ބަންޑަރަ އެހީ ކަނޑާނުލާ ދައުލަތުގެ އާމްދަނީއަށް މަހަކު 4 ބިލިއަން ޑޮލަރު ހޯދުމަށްޓަކައި މާލެސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ އެހިއްކާ ފަޅުތަކުން 1 ހެކްޓަރުގެ ބިން 10 މިލިއަންޑޮލަރަށް ބިމެއް ވިއްކާ މަހަކު 400 ހެކްޓަރުގެ ބިން ވިއްކުމަށް ޓަކައި ފޭދޫ ފިނޮޅު އިރުންއޮތް ފަޅުހިއްކަންވީއޭ އަދި މާފުށިފަޅު އެއްކޮށް ހިއްކާލަންވީ ކޮކޯ އާއި ޖެހެންދެން ފަޅު ހިއްކާފައި ބިން ވިއްކަންވީއޭ

  11. ޙަހަ

    މަ ހީކުރީ ތިބޭނީ 5 މިނިސްޓަރުން ކަމަށް

    2
    1
  12. ކޮބާތޭ

    ތިވަޒީރުން މިއަދު ކުރާނެމަސައްކަތަކީ ކޮބާތޭ ކޮންމެ ވަޒީރަކު ރެއަކާއި ދުވާލު ކިތައްއާންމު ރައްޔިތުންނާއި އަދި ވުޒާރާއިންކުރާ މަސައްކަތާއި ގުޅޭ ހިއްސާދާރުންގެ ތެރޭން ސަރުކާރުން އެއްކިބާ ކޮށްފައި އޮންނަ ބޮޑު ބައި ތަކާއި ބައްދަލު ކުރަނީ ކިހާވަރަކަށްތޭ އަދި އެމެންގެ ކަންބޮޑު ވުން އަޑުއަހަނީ ކިހާވަރަށްތޭ އަދި އެގޮތުން ބައްދަލު ކުރާ މީހުންގެ ދަފްތަރު ކޮންމެ ދުވަހަކު ވުޒާރާގެ ވެބްސައުޓް ގައި ޝާއިއު ކުރަނީ ކިހާވަރަށްތޭ އެއީ މަމެން ބަލަން ބޭނުންވާ ކަމެކޭ