ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އަންނަ އަންގާރަ ދުވަހު ހަވާލު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ މަގަމާއި ހަވާލުވެވަޑައިގެންނެވި ޑރ. ޝަހީމް ވިދާޅުވީ، އެތަން އިސްލާމީކް ޔުނިވާސިޓީއާ ހަވާލު ކުރުމުން، އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ މާލޭ އިސްލާމީ މަރުކަޒާއި އެއްވިސްނުމެއްގައި ފަރުމާކޮށްފައިވާ މަރުކަޒެކެވެ. 60 ހާސް އަކަފޫޓު ބިމެއްގައި އެ މަރުކަޒު އަޅާފައިވަނީ މިސްކިތުގެ މަލަމަތި ރީތިވާގޮތަށް ތިނަދޫ ހުޅަނގު ފަރާތުގައެވެ.

އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ އެއްފަހަރާ ސަތާރަސަތޭކަ މީހުންނަށް ނަމާދުކުރެވޭގޮތަށެވެ.

ދެ ފަންގިފިލާއަށް ތަރައްގީކޮށްފައިވާ އެ އިމާރާތުގެ ފަންގިފިލާ ފަރުމާކޮށްފައިވަނީ ކޮންފަރެންސް ހޯލަކާއި، ހަތަރު ކްލާސް ރޫމާއި، ލައިބްރަރީއަކާއި، އެޑްމިން އޮފީހެއްގެ އިތުރުން އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވުޟޫޢުކުރެވޭނެ އިންތިޒާމްތަކާއިއެކުއެވެ. މީގެއިތުރުން ޕޭންޓްރީ ރޫމަކާއި، ދެ ސްޓޯރޫމާއި، އިކުއިޕްމެންޓް ރޫމެއްވެސް މި ފަންގިފިލާގައި ހިމަނާފައިވެއެވެ.

އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީހަކާއި، އިކުއިޕްމަންޓް ރޫމެއް މި ފަންގިފިލާގައި ހުރެއެވެ.

ގ.ދ ތިނަދޫ އިސްލާމީ މަރުކަޒަކީ ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.

ތިނަދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރީ 2015 ވަނަ އަހަރުއެވެ. އަދި އެ މަސައްކަތް ނިމުނީ 2017 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮންމެ ޒަމާނެއްގައި ވެސް އެޒަމާނަކަށް ބޭނުންވާ އިލްމާއި ހުނަރު މުސްލިމް ދަރިން އުގެނި ދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް، އޭރުން މުސްލިމުންނަށް ބިންމަތީގައި ތަމްކީން ވެގެންދާނީ !