ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީޣެ ރައީސް މުހައްމަދު ސަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އައްޔަން ކުރައްވައިފިއެވެ.

މި ދެ ބޭފުޅުން މަގާމަށް އައްޔަނުކުރައްވާފައި ވަނީ އެކަމަށްޓަކައި މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އުޝާމް އާއި ސަމީރު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) ގެ ދަށުންނެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުންނެވެ. އުޝާމް އައްޔަން ކުރެއްވީ އެ މާއްދާގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. އަދި ސަމީރު އައްޔަން ކުރެއްވީ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް އާއި ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ރައީސް ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢައިޝާ ޝުޖޫން މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އެ ދެ ބޭފުޅުންނަށް ހަވާލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު