ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ އަދަދު އިތުރުކުރުމަށް މަޝްވަރާތައް ކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އިން މިހާރު ހަވާލުކޮށްފައިވާ ކޯޓާގެ އިތުރުން، އިތުރު 500 ކޯޓާ ހޯދުމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއިއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ.

ޝަކީލް ވިދާޅުވީ، ސައުދީއިން 500 ކޯޓާ ހަވާލުކޮށްފައިވާ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އެކަމަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ހައްޖަށް ދިއުމަށް ފައިސާ ދައްކާފައި ހުރި ފަރާތްތަކަށް ފުރުސަތު ދިނުން އަވަސް ކުރުމަށްޓަކައި ގިނަ މަަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ފައިސާ ދައްކާފައިވާ މީހުންނަށް އަވަހަށް ހައްޖުވުމުގެ ފުރުސަތު ދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

" މިވަރުގެ މާތް އަޅުކަމެއް ކުރުމަށް އެތައް ލައްކަ ރުފިޔާއެއް އާއިލާއަކުން އެބަ ޖެހޭ ހޭދަކުރަން، މިހާރުވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ އަމިއްލަ ބައެއް ޖަމާއަތްތަކުން ދޮޅު ލައްކަ ނުވަތަ ދެ ލައްކަ އާ ހިސާބަށްވެސް ޗާޖުކުރާކަމަށް" އޭނާ ވިދާޅުވިއެވެ.