ރާއްޖެއަށް ފިޔާ ލިބުމުގައި ދައްޗެއް ނެތް ކަމަށާއި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުން ދާތީ އާންމު ފަރާތްތަކުން ދަނީ ޝަކުވާ ހުށަހަޅުން ކަމަށާއި އެކަމާ ގުޅިގެން އެ ވުޒާރާއިން ބެލުންތަކެއް ބަލުމުން ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.

"މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މަޑު ޖައްސާލައިފައިވީ ނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދިތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަޅާފައި ނުވޭ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާ އެ ވުޒާރާއިން ކުރެވުނު މަޝްވަރާތަކުގައި އެ ފަރާތްތަކުން ރާއްޖެއަށް ދަތިކަމެއްނެތި ފިޔާ އިމްޕޯޓްކުރެވޭނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

"ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާގޮތުގައި 23 ނޮވެމްބަރު 2023 އާ އަޅާބަލާއިރު 10 ޑިސެމްބަރު 2023 ގައި ބާޒާރުގައި 20 އިންސައްތައާއި 50 އިންސައްތައާއި ދެމެދު ފިޔާގެ އަގު އުފުލިފައިވާކަން ފާހަގަކުރެވިފައިވޭ." ބަޔާނުގައި ވުޒާރާއިން ބުނެފައިވެއެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެއްވެސް ދަތިކަމެއްނެތް ކަމަށެވެ. އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

އެހެންކަމުން އާންމުންނަށް ދަތިވާފަދަ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަހަރި

    ކިހިނެއް އަގު ހެޔޮކޮހް ވިއްކާނީ ހޯލްސޭލް ކުރާ ބޮދެތި ވިޔަފާރި ވެރިން ކުދި ވިޔަފާރި ކުރާ މީހުންނަށް ވިއްކަނީ މިހާރުވެސް އަގު ބޮޑުކޮށް. 600 މީ މިހާރު ބަސްތާ ލިބޭ އަގު.

  2. ބީނޫ

    ފިޔާ ކޮށާނެ ދައްޗެއް ހޯދަދީބިލަ