ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ލިބުން ދަތިވެފައިވާ މައްސަލައަަށް ހައްލެއް ހޯދައިދިނުމަށް އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، އެކުންފުނީގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓު މަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރ މަހާއި ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް 400ރ އަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިފައި ވާކަން ފާހަގަކުރެވެއެވެ.

މިއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800ރ – 900ރ ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ. ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީ ވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވީހިނދު، އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާފަދައި ޢާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް މިހާރުރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށާފައިވާ ކަމަށާއި ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކުރެވިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީ ވެސް އާންމު ވިޔަފާރިތަކުން ކަމަށާއި ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގައްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން އިލްތިމާސް ކޮއްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20ރ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ބާޒާރައް ނެރެވިފައެވެ. މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްތޭބަލައިޒް ކުރުންކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެއެވެ.