ކޮވިޑް-19 ރާއްޖޭގައި ފެތުރި ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތައް ވިސްނާފައި ކަމަށް ބުނެ ރާއްޖެ ގެންނަން އުޅުނު 75 ވެންޓިލޭޓަރެއްގެ މައްސަލަ އެންމެ ފަހުން "ވެންޓިލޭޓަރުތައް ކުށްވެރިވެގެން" ނިމެން ޖެހޭ ހާލަތައް މިސްރާބު ޖަހާފައިވާހެން ވެސް ބައެއް ފަހަރު އެބަހީވެއެވެ. އޮޑިޓަރ ޖެނެރަލް އާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ނިންމުންތައް ޕްރޮސެކިއުޓަރ ޖެނެރަލް އަށް އެއްވެސް ވަރަކަށް ކަމުނުގޮސް މައްސަލަ މިއޮތީ ފެށި ހިސާބުގައި ޖެހިފައެވެ. ވެރިކަންކުރާ އެމްޑީޕީއަށް މިމައްސަލަ އިން "ބިޔަ، ބޮޑުސިންގާ ކޮރަޕްޝަނެއް" އެބަފެނެއެވެ. އެމްޑީޕީން މިހާރު މިއޮތީ މައްސަލަ ބަލައި ނިންމާ ޙުކުމް ވެސް ކޮށްފައެވެ. އެމްޑީޕީން ބުނާ ގޮތުގައި މިކޮރަޕްޝަންގެ ޒިންމާ ނަގަން ޖެހޭނީ ރޭ ހެލްތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އަބްދުﷲ އަމީން އެވެ.

ނަމަވެސް ވަށައި ޖެހޭ ވިސްނުމަކުން ވިސްނާއިރު ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި އަމީން ހުރި ނަމަވެސް ބޮޑު ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް އެކަނި ހިންގޭވަރުގެ ބާރެއް އަދި ނުފޫޒެއް އެއްވެސް އިރެއްގައި އަމީންގެ ކިބަޔަކު ނެތެވެ. އަމީނަށް އެފަދަ ބޮޑު ކޮރަޕްޝަނެއް ހިންގޭނަމަ ހިންގޭނީ އެކަމުގައި ސަރުކާރުގެ އެންމެ މަތީގައި ތިއްބެވި ނުފޫޒުގަދަ ވަޒީރުންނާއި، ނުފޫޒުގަދަ ސިޔާސީ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައެވެ.

ވެންޓިލޭޓަރުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތައް 30 މިލިއަން ރުފިޔާ ކުންފުންޏަކަށް ދިނީ އޭޕްރީލް މަހުއެވެ. އޭޕްރީލް މަހާއި ހަމައަށް ވިސްނުން ގެންދާއިރު އޭރު ވެސް އަމީނަކީ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލިސް މެންބަރުންގެ ފޭވަރިޓެއް ނޫނެވެ. އޭރުވެސް ދޭތެރެ ދޭތެރެއިން އެމްޑީޕީގެ ކޮންމެވެސް ސީނިއާ މެންބަރަކު އަމީންގެ އިސްތިއުފާ އަށް ގޮވާލައެވެ. އެހެންކަމުން އަމީން އޭރުވެސް ހުރީ "ދެންމެދެންމެ ވަކިކޮށްފާނެ ފަދަ ހާލަތެއްގައެވެ."

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި އޮންނާނީ "ކާފައަށް، ކާފަ ދަރިއަށް، ކާފަ ދޮންފުތައް ބައި އަޅައިގެން މަސް ބަހާ" އުސޫލުން ކަމަށެވެ. ޔަގީނުން ވެސް އާދަމް ޝަރީފް އެވިދާޅުވި "ކާފަ އާއި ކާފަ ދަރި އަދި ކާފަ ދޮންފުތަކީ" ހެލްތު މިނިސްޓްރީގައި އޮންނަ "ކުޑަކުޑަ ބިޑް ކޮމެޓީ" އަކަށް ނުވާނެއެވެ.

"ކޮވިޑް-19 އާއި ގުޅިގެން ކުރަމުން އައި ހުރިކާމަކީ ސީދާ ރައީސް ޞާލިހްގެ ބެއްލެވުމުގެ ދަށުން ކުރަމުން އައި މަސައްކަތްތަކެއް. ހާއްސަކޮށް ސީނިއާ ވަޒީރުން ނުވަތަ މުހިއްމު މިނިސްޓްރީތަކުގެ ބޭފުޅުން ތިއްބަވައިގެން ކޮންމެ ދުވަހަކު އަޕްޑޭޓްތައް ދެމުން ކުރިއަށް ގެންދިޔަ ކަމެއް. އެހެންވީމަ ވެންޓިލޭޓަރުތަކާއި ގުޅޭ ކަންކަމުގެ އަޕްޑޭޓް ރައީސް އާއި މުހިއްމު މިނިސްޓްރީތަކުގެ ވަޒީރުންނަށް ނުލިބި އޮންނާނެ ކަމަކަށް ނުބެލެވޭ. ރައީސް އާއި ވަޒީރުންގެ ވެސް ލަފައާއިއެކު އަމީން ނިންމެވި ކޮންމެ ކަމެއް ނިންމަވާފައި އޮންނާނީ." ތަޙްޤީޤީ އިދާރާއެއްގައި މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީ އިންނާއި އަދި އޮޑިޓަރ ޖެނެރަލް ވެސް މައްސަލައިގެ އެންމެ ފުނަށް ފީނާފައި ނެތް ކަމަށެވެ. "އެއްވެސް އިދާރާއަކުން ނުދައްކަވާ ހެލްތު މިނިސްޓްރީގެ ބޭރުން އެއްވެސް މިނިސްޓްރީއަކުން ނުވަތަ ރައީސް މިކަމުގައި އެއްވެސް ޚިޔާލެއް ދެއްވި ކަމަކަށް. މިއީ މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ މައުލޫމާތު ދުވަހުން ދުވަހަށް ރައީސް ޞާލިހް އާއި ހިއްސާ ކުރަމުން ގެންދިޔަ ކަމަށާއި ކޮންމެ ދުވަހަކު އެމަނިކުފާނު ވެސް ދިޔައީ އަޅުއްވަން ޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ނިންމެވުންތައް ނިންމަވަމުން ކަމަށް ސަރުކާރުން މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ.

ނަމަވެސް މައްސަލައެއް ދިމާވިއިރު ރައީސް ޞާލިހް ވެސް އަދި ސަރުކާރުގެ އިތުރު ވަޒީރަކު ވެސް އުފުލަން ޖެހުނު އެއްވެސް ޒިންމާއެއް ނެތެވެ.

ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަޙަތެއް ހިފެހެއްޓުމަށާއި، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި، ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި، އެ ފަހަރަކު ބޭނުންވާ މިންވަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ޚަރަދުކުރެވިދާނެކަމަށް މާލިއްޔަތު ޤަވައިދުގައި އިސްތިސްނާއެއް ހެލްތު މިނިސްޓްރީއަށް ދީފައި ވަނީ ވެސް ފިނޭންސް މިނިސްޓްރީންނެވެ.

އެހުއްދަ އަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 4 ގެ ދަށުން 2.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އޮންނަ އުސޫލު އެއްކިބާ ކުރުމަށްފަހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްވި ހުއްދައެކެވެ. އެހުއްދަ ދިނުމުގެ ބާރު ފިނޭންސް މިނިސްޓަރަށް އޮތް ނަމަވެސް އެހުއްދައިގެ ދަށުން ހެލްތު މިނިސްޓްރީގައި ތިއްބެވި މިފަދަ ބޮޑެތި ބިޑްތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާނެތް ކުޑަކުޑަ ބިޑް ކޮމެޓީއެއް ޒިންމާވާގޮތައް ކަންކަން ރާވައި އިންތިޒާމް ކުރުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ ނުސީދާ ބައިވެރިވުމެއް އޮތް އޮތުން އެއީ ވެސް ތަޙްޤީޤުކޮށް ބެލެން ޖެހޭނެ ކަމެކެވެ.

"މިއީ ވަކި ބަޔަކު ޒިންމާވާގޮތައް، އެހެން ބަޔަކު ކޮށްފައިވާ ވައްކަމަކަށްވުން ވަރަށް ބޮޑަށް ގާތް. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކަންކަން ހިނގަމުންދާ ގޮތުން އަދި ފުލުހުންގެ މައްޗަށް ވެސް މިއަދު ސިޔާސީ ބޭފުޅުންގެ ނުފޫޒު އޮތް ގޮތައް ބަލާފައި މިކަންކަން މިއަދު އެންމެ ފުރިހަމައަށް ތަޙްޤީޤެއް ނުކުރެވޭނެ." ކުރިން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް ހިނގާފައި އޮތްނަމަ އެކަމަކީ ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ އެންމެ ސީނިއާ ވަޒީރުންގެ "ވަސް ފޯރާ ހިސާބުން، އެބޭފުޅުންގެ ބައިވެރިވުން އޮވެ، އެބޭފުޅުންނަށް ވެސް ކޮންމެވެސް އެއްޗެއް ލިބޭ ގޮތައް ކޮށްފައިއޮތް ކަމަކަށް ވާނެ." އެވެ. އެކަން ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް ފާއިތުވި ދެއަހަރު ވެސް އަދި އޭގެ ކުރިން ފާއިތުވި ފަސް އަހަރު ވެސް އެމްޑީޕީން ވައްކަމުގެ ވާހަކަ އާއި ކޮރަޕްޝަންގެ ވާހަކަ ދެއްކީ ކޮން މަޤުޞަދެއްގައިކަން ވަރަށް ސާފެވެ. ވައްކަމާއި ކޮރަޕްޝަންގެ ވާހަކައަކީ ގައުމަށްޓަކައި ދައްކާ ވާހަކައެއް ނޫނެވެ. އެއީ އަމިއްލަ މަސްލަހަތާއި އަމިއްލަ މަންފާ ހޯދުމަށް ދައްކާ ވާހަކައެކެވެ.

އެހެންކަމުން އަބަދުވެސް ކުއްވެރިވާނީ ސިޔާސީ ދެކޮޅުވެރިޔާއެވެ. ނުވަތަ ސިޔާސީ ގޮތުން ބަލިކަށި ބޭފުޅެކެވެ. ބާރާއި ނުފޫޒު އޮތް ބޭފުޅުން ތިއްބަވާނީ ކޮރަޕްޝަނާއި ވައްކަމުން ނަފާ އާއި މަންފާ ހޯދުމުގައެވެ. ސިޔާސީ ޙަޤީޤަތަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޅޮސް

  ވަރަށް ބޮޑު ތެދެއް

  16
  1
 2. އެކްޓަރ

  މިއީ ރޭވިގެން ހިންގާފައިވާ ބޮޑް ވައްކަމެއް. ރ.ނަޝީދު ސާފުވީމަ އޭނަކޮންނަން ބޭނުންވަރަކަށް ކޮނެވޭނެ.
  ދުނިޔޭގެ މާރކެޓްގައި އެޕްރިލްމަހު ވެންޓިލޭޓަރ ލިބެންހުރިކަން އެގެއެވެ..އަދި ޖައްވަށްފޮނުވާ ރޮކެޓެއްނޫނެވެ. ވެންޓިލޭޓަރު ހަދާ ކުންފުނިތަކުން ކޮންމެ 8 އިރުން 22 މެޝިން ހަދައެވެ. އަދި މިފަދަ އެތައްސަތޭކަ ކުންފުނިތައް ހުރެއެވެ. މާރކެޓް އަގުތަކަށްވުރެ ބޮޑް އަގުގައި ކުރި އޯޑަރގެ ޝިޕްމަންޓް ކޮބާހެއްޔެވެ. އަދިވެސް މެޝިން ލިބޭނެޔޯ.ރައްޔިތުންގެ ފައިސާއަށް ޚިޔާނާއްތެރިވީ. އަދަބްދޭނެ. ފިލާތިއްބަސް ދެންޤާއިމްކުރެވޭ ސަރުކާރަކުން ހައްގު އަދަބާއެކު ވައްކަމުގެ ބޮޑުން 25 އަހަރަށް ޖަލަށްލާންވެސް ޖެހިދާނެ.

  22
  5
 3. ސަިޔާސަތުބައްޑާ

  ތިސިޔާސީ ހަގީގަތް ރައްޔަތުންނަށް ފަހުމުކޮށް ވިސްނައި ދިނުމަށް ތަންކޮޅެއް ގިނަގިނައިން ލިޔަންއެބަޖެހޭ. ސިޔާސީ ޕައިރޭޓުންގެ އަވައިގަނުޖެހި ރައްޔަތުން މިނިވަންކަމާއިއެކު އަމިއްލަ ވިސްނުމުން ވިސްނައިގެން ވޯޓެއްލާނެ ދުވަހެއްގެ އިންތިޒާރުގައި ވަކިވެލަން.

  27
  4
 4. ސސ

  ވެންޓި ވަގު... ކޯޓުން ކަލޭ ތީ އިނޮސެންޓް މީޙެއްކަމަށް ކަނޑަ ނާޅާހާހިނދަކު ތީ ވެންޓިވަގު- އޭސީސީ ތަހުގީގުން ސާބިތުވޭ

  17
  3
 5. ރަޙްމާ

  ޗެނަލް13 މިޤަވްމުގައި ނުގުގުމާނަމަ މިއަދުގެ ދައުލަތުގެ ވައްކަންތައް އެގޭނޭގޮތެއް ނެތީސް! ސާބަސް ޗެނަލް 13

  30
 6. ދިލްކޮކީ

  ވަރައް ފުރިހަމަ ލިއުމެއް ބޮޑުއެންމެން ގުޅިގެން އެކީހިންގި ބޮޑު ވައްކަމެއް އެމްޑީޕީ މެންބަރުން ކިޔާނެ ތިވައްކަމަކީވެސް ކުރީސަރުކާރުން ކުރިވައްކަމެކޭ ދެން އަތްޖަހާ

  25
  1
 7. ރާއީ

  ވެންޓިލޭޓަރު ވަގު

  21
 8. އަލީ

  ވަޒީފާއިން ވަކިނުކޮށް ބެހެއްޓީ މިގޮތަށް މި މައްސަލަ ނިންމާނެތީވެ.

 9. އަހްމަދު

  ބަލަ ފިނޭންސްމިނިސްޓްރީން މިފައިސާ ބޭރުވީ ކިހިނެއްތޯވެސްބަލަންއެބަޖެހޭދޯ މުދާނުލިބި އޭގެއަގުގެ %90 ފައިސާ ޖަމާކޮށްދިން މީހުންވެސް އެކަންކޮށްދިން ސަބަބު ބަލަންރައްޔިތުންބޭނުންވޭ މިއީރައްޔިތުންގެފައިސާ

  12
 10. އަޙްމަދު

  ކުރީގެ ސަރުކާރަކީ ވަކިސަހަލު ސަރުކާރެއްނޫން މިޤައުމުގައި ވަގުންގެ ސަރުކާރެއްނޫނީ ވެރިކަމެއް ނުކުރޭ.އެއީމިރާއްޖޭގެ ވެރިކަމުގެ ސަޤާފަތެއް.ޓިނުއަ ދދދުރޭމެން ނިހާނުމެން ކުއްލިއަކަށް އެންޑީޕީ ސަރުކާރުގައި މުއްސަނ ދިވި އަބަ ދަށްމޮޅު ޝައިޚް އަލްހާނުމެން ދެބޯގެރި ހަސަންބެމެން ހު ދުކާފޫރު އަ ދީބުމެންފަ ދަ ބޭފުުޅުންނަކީ ހަމަމިކަމުގެ ދިރިހުރި މިސާލުތައް.
  މައްސަލަތައް ބެލުމުގެ ނަމުގައި މޮޔަ ދިވެހިން ޅޮސްއުނ ދޯއްޔަށް އަރުވައިގެން ހެއްލަހެއްލާ ތިބެ ވެރިކަމުގެ ދައުރު ނިމުމުން އިނގިރޭސި ދޮގެއް. ނުވަތަ މިޞްރު ދޮގެއް.ނުވަތަ ސަޢޫ ދީ ދޮގެއްހަ ދާ އެ ދޮގު ތެ ދަކަށް ހަ ދަން ދަންނަ ބޭކަލުންގެ ސިއްކަ ޖެހުމުން.އެހުރިހާކަމެއް ނިމުނީ.

 11. ނަރެލް

  އެމްއެމްޕީއާރުސީ ގެ ބޮޑު ވައްކަންވެސް އަދީބުއާ ހިސާބުން ނުނިމޭނެކަން ގަބޫލުކުރެވޭ

  1
  3