ފަހުގެ ތާރީޚެއްގައި މުޅި ދައުލަތުގެ ހުރިހާ ގުނަވަނެއް މެދުވެރިކޮށް ހިންގި އެންމެ ބޮޑު ޚިޔާނާތެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވީއެވެ. އެ ފައިސާ ބޭނުން ކުރީ ސިޔާސީ ގޮތުން ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ރޭވުމާއި ހަމަޖެއްސުމުގެ ވަސީލަތެއްގެ ގޮތުގައެވެ. މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށެވެ. ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށެވެ. ރައްޔިތުންގެ މަޖިލީހުން ވަކި ގޮތަކަށް ޤާނޫނުތައް ފާސްކޮށް ވަކި ބަޔަކު މަގާމުތަކަށް އައްޔަންކޮށް، ވަކި ބަޔަކު މަގާމުތަކުން ދުރުކުރުމަށެވެ. އަދި މި މުއާމަލާތްތަކުގެ ތަހުގީގު އަނބުރާ ލުމަށް މުއައްސަސާތަކުގެ ވެރިންނާ ހަމައިން ސަލާމަތީ ޚިދުމަތްތަކުގެ ތެރެއަށެވެ. "ސްޓޭޓް ކްރައިމް" އެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި، ފަހުން ނައިބު ރައީސް ކަން ވެސް ކުރެއްވި އަހުމަދު އަދީބު މުގުލުގައި ހުންނަވައިގެން ހިންގެވި އެ ޚިޔާނާތުގެ ފައިސާ ހުރިހާ ދިމާއަކަށް ހެން ބައްސަވާލެއްވިއެވެ. ކޮންމެ ދިމާއެއްގައި ކޮންމެ ވެސް އެކަކު ނުވަތަ އެތައް ބަޔަކު އެބަ ބައިވެރިވެއެވެ. ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް، އެ ޕާޓީއެއްގެ ބައެއް ހަރަކާތްތައް ހިންގުމަށް ކަމަށް ބުނެ ފައިސާ ދީފައިވެއެވެ. ކެމްޕޭން ކުރާނެ ފައިސާ އަދީބު ގެންދެވީ ސިޔާސީ އެކި ބޭފުޅުންނަށް ބައްސަވަމުންނެވެ. އޭރުގައި އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށެވެ.

މި ޚިޔާނާތްތެރިންގެ ލިސްޓެއް ދިޔައީ އެކުލަވާލަމުންނެވެ. އޭސީސީން ފުރަތަމަ 155 މީހުންގެ ނަން އާންމުކުރިއެވެ. ފަހުން ތަހުގީގު ގެންދިޔައީ އޭސީސީއާއި ފުލުހުންނާއި ޕީޖީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކޮމިޝަން ގުޅިގެން ގެންދާ ގޮތަށެވެ. ދެން 267 މީހުންގެ ނަމެއް އެކުލަވާލެވުނެވެ. އޭގެ ފަހުން މަޖިލީހާ މިދިޔަ ބުރާސްފަތި ދުވަހު އެ ލިސްޓް ޚިއްސާކުރިއެވެ. މި ފަހަރު 281 މީހުންގެ ނަމެވެ. ނަންތައް ދިޔައީ އިތުރުވަމުންނެވެ. މިހާރު މަޖިލީހުން ވަނީ ލިސްޓު އާންމުކޮށްފައެވެ. އޭގައި ހުރިހާ ސިޔާސީ ޕާޓީއެއް ހަމައެވެ. އެ ސަރުކާރާއި، މި ސަރުކާރުގެ މީހުން ތިއްބެވެ.

އެންމެން ގުޅިގެން ކޮށްފައި އެކަކު އަނެކަކަށް ތުހުމަތު؟

މި ލިސްޓު ހާމަ ކުރުމުގެ ކުރިންނާއި ހާމަކުރި ފަހުން ވެސް "ފިލްމު" އެންމެ ޚާއްސަ މަންޒަރުތައް ފެނުނީ މި ގޮތަށެވެ. އެމްޑީޕީއިން އަނބުރާ ވެރިކަމަށް އައުމަށާއި މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމުގައި އެންމެ ބޮޑަށް "ވިއްކި" ވައުދަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ފުރިހަމަ ކުރުމެވެ. އެންމެ ބޮޑު ބޭނުމަކަށް އޮތީ ޕީޕީއެމްގެ މެންބަރުންނަށް ތާއީދު ކުޑަކޮށްލުމެވެ. އެމްޑީޕީގެ މެންބަރުންނަށް ފައިސާ ލިބުނު ވާހަކަަތައް ޕީޕީއެމްއިން ދެއްކިއެވެ. ބޭނުމަކަށްވީ ޕީޕީއެމްގެ ސަރުކާރުގައި ހިނގިޔަސް އެއީ އެމްޑީޕީއިން ހިންގި ކަމެއްގެ ގޮތުގައި ދެއްކުމެވެ.

ސިޔާސީ މި ދެ ޕާޓީގެ އެކި ބޭފުޅުން އެކި ގޮތަށް ވާހަކަތައް ދައްކަމުން ދަނިކޮށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. އޭގެ ފަހުން އެމްޑީޕީގެ ބައެއް މެންބަރުންގެ ނަންތައް ގަދައަށް ޕީޕީއެމްގެ މެންބަރުން ދައްކަން ފެށިއެވެ. އެންމެ ބޮޑު ބައިވެރިވުމެއް އޮތީ އެމްޑީޕީގައި ކަމަށް ބުނާ އަޑު މާ ގަދަކޮށްލިއެވެ. ފަހުން ދެން ފެނުނީ އެމްޑީޕީގެ ފަހަރަކު މެންބަރަކު އެއް މެންބަރަކު އަނެއް މެންބަރަކަށް "ވަގަށް" ގޮވުން އާންމުވި މަންޒަރެވެ. މިހާރު އެ މަންޒަރު މާ ބޮޑަށް ފެންނަން ފަށައިފިއެވެ.

ފަހުންފަހުން މާ "މަޖާ" މަންޒަރެއް ފެނެއެވެ. އެންމެ ގިނައިން ބައިވެރިވީ ކޮން ޕާޓީއެއްގެ މެންބަރުންތޯ ބުނެ ޕާޓީތަކުގެ އިސް ސިޔާސީ ބޭފުޅުން ދައްކަން ފެށްޓެވި ތަނެވެ. ބޭނުމަކަށްވީ އެއީ "ތިންމަންނަގެ ޕާޓީން" ކުރި ކަމެއް ނޫން ގޮތުގައި ރައްޔިތުންނަށް ސިފަކޮށްދިނުމެވެ. އަދި އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލި ދެއްކުމުގެ މަންޒަރުތައް އިތުރުވިއެވެ. ބައެއް މެންބަރުންގެ ތުހުމަތުގެ އިނގިލި އޭސީސީއަށެވެ. ބައެއް މެންބަރުންގެ ތުހުމަތުގެ އިނގިލި ރިޔާސީ ކޮމިޝަނަށެވެ. ކޮމިޝަންގެ މެންބަރުންނަށް ބައެއް ސިޔާސީ ބޭފުޅުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުކުރަމުން ދިޔައެވެ.

"މި ހުރިހާ އެންމެން ގުޅިފައި އެކަކު އަނެކަކަށް އިނގިލީގެ ތުހުމަތު ދިއްކުރަނީ ނޫންތޯ؟ ސިޔާސީ ބޭފުޅުންގެ ތެރެއިން ސާފުކޮށް ހުންނެވި ބޭފުޅަކު ސާފު ވެސް ނުވާނެ މިންވަރަށް މި ކަންކަން މި އޮތީ،" ސިޔާސީ މަސްރަހު ދިރާސާ ކުރާ މީހަކު ބުންޏެވެ.

މަޖިލީހުގެ ލިސްޓުގެ ކުރިން ލިސްޓެއް ލީކުވުން؛ ދެ ލިސްޓު ތަފާތު!

ރައްޔިތުންގެ މަޖިލީހުގައި އޮތް ލިސްޓު އާންމު ކުރުމުގެ ކުރިން ރޭގެ ވަގުތެއްގައި ލިސްޓެއް މީސް މީޑިއާއަށް ލީކުވިއެވެ. އެއީ ސައްޚަ ލިސްޓެއް ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ވެސް ދިނެވެ. އެކަމަކު މަޖިލީހުގެ ކޮމިޓީގައި ތިއްބަވާ މެންބަރުންގެ ތެރެއިން "ވަގުތު" އާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވެފައިވަނީ އެއީ މަޖިލީހަށް ލިބުނު ލިސްޓު ނޫން ކަމަށެވެ.

މި ބުނާ ލިސްޓު މީސް މީޑިއާގައި ފަތުރަމުން ދިޔައީ ޕީޕީއެމްއާއި ޕީއެންސީއަށް ތާއީދު ކުރާ މީހުނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، އެއީ ލިސްޓުގައި ތިބި ވަކި ބަޔެއްގެ ނަން ފޮރުވުމަށާއި ލިސްޓުގައި ނެތް ބައެއްގެ އަގު ވައްޓާލުމުގެ ނިޔަތުގައި ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. މެންބަރަކު ވަނީ ރިޔާސީ ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ އެ ކޮމިޝަނުން އެކި ލިސްޓު އޮވެދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ރިޔާސީ ކޮމިޝަނަށް ވެސް އިތުބާރު ކުޑަވޭ، ކިހިނެއް އެނގެނީ އެ މީހުންގެ ތިން ހަތަރު ލިސްޓު ނުގެންގުޅޭ ކަމެއް ވެސް، ގައިމު ވެސް ރޭ އެ ފެނުނީ ތަފާތު ލިސްޓެއް، އެއީ އެއް އިރެއްގައި ވެސް މަޖިލީހުގައި އޮތް ލިސްޓެއް ނޫން،" އެ މެންބަރު ވިދާޅުވިއެވެ.

ޚިޔާނާތްތެރިން ގިނަ، ނުފޫޒު އަންނާނެ ދިމާއެއް ނޭނގެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ވަނީ މަޖިލީހުން އެއްވެސް އިރެއްގައި ލިސްޓު އާންމު ނުކުރާ ގޮތަށް ނިންމަވަން ނޫޅުއްވާ ކަމަށް މިއަދުގެ ކޮމިޓީގައި ވިދާޅުވެފައެވެ. އެކަމަކު އޭގެ ކުރިން އެ ދެ މެންބަރުން ވެސް ވަނީ ކޮންމެ ވެސް ވަރަކަށް ލިސްޓު ސިއްރުކުރުމުގެ ވާހަކަތަކެއް ދައްކައިފައެވެ.

"މިއީ ރައީސް [އިބްރާޙީމް މުޙައްމަދު ޞާލިޙް] އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއްގައި ކުރަމުންދާ މަސައްކަތެއްގެ ވާހަކަ މި ދައްކަނީ. ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގެ ވާހަކަ. އަދި ބައެއް މައްސަލަތަކަކީ އަދި މައުލޫމާތު އެބޭފުޅުން ހޯއްދަވަމުން ގެންދަވާ ނަންތަކެއްގެ ވާހަކަ. މިކަހަލަ ނަންތަކެއް އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ހާމަކޮށްގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކޮމިޓީގައި ހަސަން ކުރިން ވިދާޅުވީ މިހެނެވެ.

އޭގެ ފަހުން ލީކުވެގެން ދިޔަ ލިސްޓުގައި ހަސަން ލަތީފްގެ ނަން އޮތެވެ. އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)ގެ ނަން ވެސް އޮތެވެ. އެކަމަކު ފަހުން ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ލިސްޓުގައި މި ދެ ނަމެއް ނެތެވެ. މިއީ ނުފޫޒު ފޯރުވައިގެން ކުރި ކަމެއް ހެއްޔެވެ؟

ހަސަން ލަތީފްއާއި އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ހަސަން ލަތީފު ވިދާޅުވި ގޮތުގައި، އޭނާގެ ވާހަކައިގެ މޭރުން ބަޔަކަށް ސާފު ނުވީއެވެ. ހަސަން ލަތީފް ވިދާޅުވި ގޮތުގައި އޭނާ ދެއްކެވި ވާހަކައަކީ މައުލޫމާތު އެއްނުވެ ނުވަތަ އެއްކުރަމުންދާ ކެޓަގަރީގައި އޮތް ނަންތައް ހުރުމުން އެ ނަންތައް ހާމަ ކުރުމާ މެދު މަޝްވަރާ ކުރުމަށެވެ. އެހެން ވިޔަސް މައުލޫމާތާއި ހެކި އެއްކުރެވިފައިވާ މީހުންގެ ނަންތައް ހާމަކުރަން އޭރު އެންމެން ވެސް ތާއީދު ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން އެސެޓް ރިކަވަރީ ކޮމިޝަން ގެނައީ ވެސް އެހެންވެގެން، މި ކަންކަން ސާފު ކުރަން، އެސެޓް ރިކަވަރީ ކޮމިޝަނުން އެބަ ބުނޭ ލިސްޓުގައި އޮތް ނަން އަދި އެނގިގެން ތަހުގީގަށް އަސަރު ނުކުރާނެ ކަމަށް، އެ ނިންމުމުގެ މަތިން އެ އޮތީ ކޮމިޝަނުން ދިން ލިސްޓު އާންމު ކުރަން ނިންމައިފަ، އެއްވެސް ކަމެއް ފޮރުވާކަށް އަޅުގަނޑުމެން ނޫޅެން،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެކަމަކު ލިސްޓުގެ ސައްހަ ކަމާ މެދު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސުވާލު އުފައްދަވައެވެ. ލީކު ވެގެން އައި ލިސްޓާއި މަޖިލީހުން އާންމު ކުރި ލިސްޓުގައި ވެސް ނެތް އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދެއެވެ. ދެ އަހަރާ ބައިވިއިރު މަސައްކަތް އެހާ ލަސްކޮށް އޮވެ ލިސްޓު ވެސް ހިއްސާނުކޮށް ތިބެ ކުއްލިއަކަށް ފޮނުވި ލިސްޓަކަށް އިތުބާރު ކުރަން ދައްޗެވެ.

"ރައީސްގެ ރިޔާސީ ކޮމިޝަން ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދޭ، ދެއަހަރާއި ބައި ވެގެން ދިޔައީ، މާ ގިނަ ބަޔަކަށް ދައުވާއެއް ނުކުރެވޭ، ހުކުމާ ހަމައަކަށް ނުދެވޭ، މަޖިލީހާ ވެސް އެ ލިސްޓު ޚިއްސާ ނުކޮށް އޮތީ، އެހެން ތިބެ ތިބެފަ ޚިއްސާ ކުރާ ލިސްޓަކާ މެދު ސުވާލު އުފެއްދޭނެ ޖާގަ އެބަ އޮތް،" އާދަމް ނިސްބަތްވާ ކޯލިޝަންގެ ގިނަ ބަޔެއްގެ ނަން ހިމެނޭ އެ ލިސްޓާ ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ.

ތަހުގީގު "ވާނުވާ" އަށް ހިނގައިދާނެ ކަމުގެ ބިރު

ސިޔާސީ ބޭފުޅުންގެ އަމަލުތައް ހުންނެވީ މި ގޮތަށެވެ. ރިޔާސީ ކޮމިޝަނާއި ތަހުގީގީ އިދާރާތަކުން ނަންތައް މަޖިލީހާ ވެސް ހިއްސާނުކޮށް އަދި އާންމުނުކޮށް ތިބުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ލިސްޓާ ގުޅިގެން ރިޔާސީ ކޮމިޝަންގެ މައްޗަށް ތުހުމަތުކޮށް ލިސްޓުގައި ނަން ހިމެނޭ ބޭފުޅުން ވާހަކަ ދައްކަވަން ފަށްޓަވައިފިއެވެ. ލިސްޓުގައި ނެތް އާދަމް ޝަރީފް ވެސް ސުވާލު އުފައްދަވަނީ މި ކަމަށެވެ.

އާޒިމްގެ ނަން އޮތް ކަން އާންމުންނާ ހަމައަށް ތިލަވެގެން އަންނަން ފެށުމުން، ލިސްޓު ދިރާސާ ކުރި ކޮމިޓީގައި އިންނެވި އާޒިމް ވަނީ އެ ކޮމިޓީން ދުރުވެފައެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔެއްގެ ނަން އޭގައި ހިމަނައިގެން އެ ބަޔަކު ބަދުނާމު ކުރުމަށެވެ. ޚިޔާނާތާ އެއްވެސް ވަރަކަށް ނުގުޅޭ ބަޔަކު ލިސްޓުގައި ހިމަނަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ހިސާބަކުން ސުވާލެއް ނުކުރޭ، އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް، އޭސީސީން ވެސް، ކަމާއި ނުގުޅޭ މީހުންގެ ނަންތައް ލިސްޓަށްލާން ކޮމިޝަނުން މަސައްކަތް ކުރޭ، އެއީ ޔަގީން ކަމެއް، އޭގައި ސުވާލެއް ނެތް،" އާޒިމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރު ވެސް ދިފާއުގައި ނުކުންނައި ރިޔާސީ ކޮމިޝަނަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ ނަޒާހަތްތެރިންގެ ގޮތުގައި ތިބި ބައެއްގެ ވެސް އަބުރު ކަތިލުމަށެވެ. އަދި މަޖިލީހުން އާންމުކޮށްފައިވާ އެ ލިސްޓަކީ އެ ބޭނުމުގައި އެކަނި އާންމުކޮށްގެން އުޅޭ ލިސްޓެއް ކަމަށް ވިދާޅުވިއެވެ.

"ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ ސާފުވަމުން މިދަނީ، އިންފޮމޭޝަން ކަލެކްޓެޑް ކަމަަށް ޖަހާފައި ވަގެއް ކަމަށް ނިންމައި ބަދުނާމު ކުރެވިގެން ނުވާނެ،" އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ ދެކުނު ދާއިރާ ތަމްސީލް ކުރެއްވި ނިޒާރު ވިދާޅުވިއެވެ.

އެހެންވިޔަސް ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ކޮމިޝަނުުން މަސައްކަތް ކުރަނީ އިންސާފުވެރިކަމާއެކު ތަހުގީގު ފުރިހަމަ ކުރުމަށެވެ. އަދި އެއީ ކޮމިޝަނުން އެކަނި މިހާރު ކުރަމުންދާ މަސައްކަތެއް ނޫން ކަމަށެވެ. އެ ކަމުގައި ފުލުހުންނާއި، އޭސީސީއާއި، ޕީޖީއިން ބައިވެރިވެއެވެ. ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.

"އެހެން ހަމަ ހުރެފައި ކުރާ ތުހުމަތުތަކަށް ބުނާނެ ވަކި އެއްޗެއް ނެތް، އެހެން ވިޔަސް ޔަގީން ކުރޭ، އެ ބުނާޒާތުގެ ކަމެއް ނުކުރަން، ވަކި ބަޔަކަށް އަމާޒުކޮށް ކުރާ ކަމެއް ނޫން މިއީ، މި ކަން މި ކުރަނީ އިންސާފުވެރި ތަހުގީގަކުން،" އައްސަދު ވިދާޅުވިއެވެ.

ފެންނަން އޮތް ކަމަކީ ޚިޔާނާތުގެ ބައިވެރިވުން ފެތުރިފައި އޮތް މިންވަރަށް ބަލާއިރު ތަހުގީގު "ވާނުވާ" އަށް ގެންގޮސްދާނެ ކަމުގެ ބިރު އޮތް ކަމެވެ. ޚިޔާނާތްތެރިން ގިނަ ކަމުން، ތަހުގީގުގެ މައްޗަށް ވަށައިގެން ނުފޫޒު އޮންނާނެ ކަމެވެ. އެއާއެކީ އިންސާފުވެރި ފުރިހަމަ ތަހުގީގެއް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދާނެ ޖާގަ އޮތް ކަމެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ "ފިލްމު" އަޅުވާފައިވާއިރު އިންސާފު އައިސްދާނެ ކަމުގެ ސުވާލާއެކު ބެލުންތެރިން އިންތިޒާރު އެބަ ތިބީމެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޕްރޮޑިއުސްޑް ބައީ ބުއްޅަބޭ އެންޑް އަދީބު

  "ބޮޑު ޚިޔާނާތް" މިފިލްމުގެ ވާހަކަ އާއި ސުކުރީންޕުލޭ އަދި މި ފިލްމުގެ ހުރިހާ ރޭވުމަކާއި، އުނިއިތުރު ގެނައުމާއި އަދި ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރި މައިގަނޑު ދެފަރާތަކީ ކެރެފާ ނަޝީދު (ބުއްޅަބޭ) އާއި އަދީބު! އަދި މީގެ އިތުރުންވެސް ކެމެރާގެ ފުރަގަހުގައި ބުއްޅަބޭ އާއި އަދީބުގެ ގާތް އެތަށް ބައިވެރިންނެއް ހަރަކާތްތެރިވި!

  28
  • Anonymous

   ހެކިއެއީ. ވައްކަމެއްގައިނަމަ ލޮލުންދުއް 4 ފިރިހެނުން. ނުވަތަ އިއުތިރާފު. މިޒަމާނުގައިނަމަ ފޮރެންސިކް ލެބޯޓްރީއެއްގައި އެކްސްޕާޓުންގެ ޑޮކިއުމަންޓް. މިނޫންގޮތަކަށް ހެކި ނެގި ތަނެއް ޒަމާނެއް ނާދޭ. މި އީވާ އަށް ހީވަނީތަ އޭނާ މިވައްތަރަށް މީހުންބަދުނާމު ކޮށްގެން ސަލާމަތުން ހުރެވޭނެކަމަށް. މީހުންގެ އަބުރުގެ އަގު ކޮޔާގެ އަމިއްލަ.މިލްކުން ނަގާނަން. ޖަލަށް އެއްލާލެވޭނެ ގައުމު ފަސާދަކުތުމުގެ ކުށުގައި. އެހެކިތައް އެހުރީ ފެންނަން. ހިތުހުރި ވައްރެއް ނުޖެއްސޭނެ. 3 ބާރު ވަކިކޮށްފަ އޮތް ގާނޫނު އަސާސީ އެއްއޮތީ މިތާ. ނޯބޮޑީއިޒް އަބަވް ރޫޕް އޮފް ލޯ. އޭގެމަތިން މިހާރު އަމަލުތައްތިހުރީ ބޮޑާކަން އިންތިހާއަށް ދިޔާމަ ގާނޫނުތަކުގެ މައްޗަށް ތިއެރެނީ. صم بكمن عمي فهم لا يفعلون.

   5
   1
 2. ވިސްނާ

  ސުވާލަކީ އަދީބާއި ޒިއަތު ފައިސާ ނެގީ ޔާމިން ބުނެގެން ކަމަށް އެދެމީހުންގެ ހެކިބަހުގައި ބުނެފައިވާއިރު، އެފައިސާ އިން ޚަރަދުކުރީ ޔާމީނާއި އިދިކޮޅުން "މިންޖުވާން" ބޭއްވި ސިޔާސީ ހަކާތައްކަމަށް އަދީބުގެ ބަޔާންތަކުގައިވާއިރު، ޔާމިނުބުނެގެން ނެގިފައިސާއެއް ޔާމީނާ ދެކޮޅަށް ބޭނުންކުރީ ކީއްވެހޭ؟

  40
 3. ަސދަސދ

  އޯލް ޕާޓީ ޓޯކްސް ބާއްވާފައި ހިންގި ވިޔާނުދާ އަމަލެއް

  16
 4. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  އަމާނާތްތެރިންނާއި ޚިޔާނާތްތެރިންގެ ފުރޭނިއެއްގެ ގޮތުގައި އޮތް އެއްޗެއްތަ !

  13
  1
 5. އާދަމުގެދަރި

  ތިޔައީ އީދުގެ އުފަލުގައި ބައެއް މީހުންގެ ނަން އުނިކޮށްގެން ލިޔެފައިވާ ޚިޔާލީ ލިސްޓަކާ ހާދަ ވައްތަރެވެ. މިނިވަން ބަޔެކޭ ކިޔެއް ކަމަކު ތިބީ ޕާޓީކުދިންނާއި ކުދިންގެ އަނބިންނާއި ދަރިންނާއި ބައެއް ލިބުނު މީހުންނެވެ.

  19
 6. އަލީ

  ނިކަން އަވަހަށް ހަގީގަތް ހާމަވާނެ. އެއްވެސް ކުއްޖަކަށް ފިލާ ނޯވެވޭނެ. އަދި ފިރިމީހާ ވިޔަސް، ޅިޔަނުވިޔަސް. އަދީބުގެ ބަހަށް ލިސްޓު ހަދާނަމަ އެންމެންގެ ނަން އޮންނަންވާނެ. އެއީ އަދީބު ކަމުގަވިޔަސް.

  14
  1
 7. Anonymous

  ޒިންާދާރުކަންކުޑަ އަމަލެއް މަޖްލީހުން މިހިންގީ. މަޖްލީހަށް އިހްތިސާސްވެސް ނެތްކމަކަށް އަތްބާނާއެތައްބައެއްގެ އަބުރު ކަތިލީ. މި އީވާގެ މައްޗަށް އެންމެން ވެގެންދައުވާކުރަންޖެހޭ..
  އޮޅުވާލީ އޮޅުވާލުންވެސްބަލަންޖެހޭ.

  18
  1
 8. Anonymous

  މީހަު ބުނި ބުނުމަކަށް މީހެއްގެ ނަންޖަހާފަ މިހެން ނެރެ ބަދުނަމު ކުރުމަކީ ޒިންމާދާރު ވެެިއަކު ކުރާނެކަމެއްތަ؟ ރައީސުލްޖޫހޫރިއްޔާ ކިޔާމީހާ އަކީ ގުނބޯ ދެބަން ދިހާރެއްތަ. ބަލަ އިބިލީހާ ކަލެއަކަށް ނޭނގޭތަ މީހެއްގެ އަބުރުގެ އަގު؟ ކަލެއާ ދެކޮޅަށްކަލޭގެ ދުޝްމަނަކު ބުނަންވީ ކަލެ ތިހުރީ މމއ އެކީ ކަހާލާފައޭ. ދެން އެވާނެތަ ކަލޭ.މިގައުމުގަ ހުރިހާ ފައިސާ ކޭކަމަށް.

  13
  1
 9. ޑައިރެކްޓަރ

  ފިލްމުގެ އެކި ޒިންމާތައް އަދާކުރި މީހުންގެ ލިސްޓެއް ކޮންމެ ފިލްމެއް ނިމޭއިރު ފެންނާނެ. އެނަން ލިސްޓް ފެންނަން ފެށީމާ ތިއޭޓަރުގައި މަޑުނުކޮށް ނުކުންނަން ފަށާށެވެ. ގޭގައި ބަލާ ނަމަ ޓީވީ ނިއްވާލާށެވެ. މާނައަކީ އެފިލްމު އެނިމުނީއެވެ. 2014 އިންފެށިގެން އެކި ސީރީސްގެ ގޮތުގައި ދައްކަމުން އައި ފިލްމު މިނިމުނީއެވެ. ލިސްޓްގައިވާ އެކްޓަރުންނަށް ލިބިވަޑައިގެންނެވި ފައިސާއިން ބައެއް ލިބޭނެކަމަށް އަހަރެމެން ރައްޔިތުން އުންމީދުކޮށްގެން ނުތިބޭށެވެ. ސަަބަބަކީ އެއީ ފިލްމުގެ ޚަރަދެވެ. އެކަމަކު އުންމީދު ގެއްލުވާ ނުލާށެވެ. ވެންޓިލޭޓަރ ފަދަ އެތައް ފިލްމެއް އަދިވެސް ފެންނާނެއެވެ. އެކަމަކު ފައިސާއެއް އަނބުރާ ނުލިބޭނެއެވެ. އެއީ ފިލްމުގެ ޚަރަދެވެ.

  16
 10. މުގުރު އަހައްމަދު

  މިމީހުންގެ ދަރިން އަދި މައިން ބަފައިން ތިބޭދޯ ހެސްކިޔާފަ އުފަލުން ހަރާން ލާރި ކެވުނީމަ. ކޮންމެ ކޮންމެ މީހަކަށް ދުނިޔެމަތީ އަލިފާން ކެއުމުގެ ނަސީބެއް ނުލިބޭނެ. މަރުހަބާސިޔާސީންގެ އަނބިދަރިން އަދި މައިން ބަފައިން.

  10
 11. ސައިފް

  ޒުހޭރާ އުމަރުގެ އަންހެންދަރި ސިޔާސީ މާމޮޅު މު ފައްކިރަކަށް ހަދާ އަންނި ނެތް ތަނެއްގައި ވެރިކަން ކުރަން ޖައްސާ ޑްރާމާތައް. މިއުޅެނީ ކޯޓްތަކުން ހެއްކާއެކު މައްސަލަ ވައްދާގެން ވެސް ހުކުމެއް ނުނެރެވިގެން ކޮށް ފައި އެވަގުތު އަމިއްލަ އިއުތިރާ ފްވާ ގާތިލުންގެ މައްޗަށްވެސް

 12. ސުމާ

  އެމްއެމްޕީއާރުސީގެ ރުފިޔާގެ ބަޑުބައި ދިރުވާލާފައިއޮތީ މިސަރުކާރުގެ އިސްމަގާމްތަކުގައިތިބި މީހުން.އެހެންވީމަ ލިސްޓުން ފަހަރަކު ނަމެއް ފަހަރަކު ނަމެއް ގެއްލަމުންގޮސް މައްސަލަވެސް ގާދޫކޮލުން ބޭރުވެގެން ހިގައިދާނެ.އެއްވެސް އުއްމީދެއްނެތް ތިމައްސަލަ އިންސާފުވެރިކަމާއެކު ނިމިގެން ގޮސްދާނެކަމަކަށް.އެހެނެއްނުން ލިސްޓުގައި ނަން އޮތް އާރެއްބާރެއްނެތް ނިކަމެއްޗަކަށް ހުކުމެއްއައިސްދާނެ .

 13. ރަނާ

  ތިޔަ ޝަރީޢަތް ހިންގޭނީ ލިސްޓްގައިވާއެންމެން މިހާރުން މިހާރަށް ޖަލަށްލައިގެން. ޖަލުގަ ބައިތިއްބައިގެން.

 14. ޚިޔާލު 3

  ފުރިހަމަ ހެކި ނެތި ވަގޭ ވަގޭ ގޮވީމާ ހަމަ ވަގަކަށް ވަންޏާމު އެންމެނަކީވެސް ވަގުންނަށް ނޫންތޯވާނި. ހެއްކާއެކު ކަމެއް އާންމު ކުރިއަސް ޝައްކެއްނެތްވަރަށް ކަމެއްސާބިތުވަނީ މަދު ފަހަރަކުނޫންތޯ ތި ލިސްޓެއް ޢާންމުކުރުމުގައި އިޚްލާސްތެރި ނިޔަތެއް އޮތްކަމަށްބެލޭނެތޯ. އަބުރު ގެއްލުވާލުމަކީ ކުށަކަށް ނުވާނެތޯ. ޝަރުޢީ ހުކުމަކުން ނޫންތޯ ކުށްވެރިއެއްކަމަށް ނުވަތަ ވަގެއްކަމަށް ނިންމޭނީ. މީސްތަކުންނަށް ސީދާވެގެންވާ މަގު ގެއްލެނީބާ.

 15. Anonymous

  ޔާމީން ނުވެސްބުނާނެ. އަދީބަކީ ކިތުބޯ ސޮރެއްވީމަ މީހަކު އަލިފާނަށް އެރެންބުންޏަސް އެރޭނެ.