އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު ބައެއް ފަހަރު ހިތް ނޭދޭ ކަންކަމާއިވެސް ކުރިމަތިވާނެއެވެ. އަދި އެކަންކަމުގެ ސަބަބުން ތިމާއަށް މޮޅިވެރިކަން އިހްސާސްކުރެވި އެކަންކަމާއި މެދު ވިސްނޭ ކަންކަމާއިވެސް ކުރިމަތިވެދާނެއެވެ. އެފަދަ ހުރިހާ ހާލަތެއްގައިވެސް އެންމެ އައުލާކަން ބޮޑުވެގެންވަނީ މާތް ﷲ ހަދުމަކުރުމެވެ. އަދި އެއީ އެފަދަ ކަންކަމަށް ޑަކްޓަރީ ބޭހަކާ ނުލައިވެސް ކުރެވޭނެ އެންމެ މޮޅު ފަރުވާއެވެ. ހިތާމަޔާއި މޮޅިވެރިކަމުގެ ވަގުތުގައިވެސް މާތްﷲ ހަނދުމަކޮށްފިނަމަ ﷲ އެމީހެއްގެ ހިތާމަފިއްލަވާ ހިތަށް ހަމަޖެހުން ދެއްވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (سورة الرعد 28)

މާނައީ: އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (ސޫރަތުއް ރަޢުދު 28)

އަހަރެމެންގެ މާތްނަބިއްޔާ ވަނީ މުސްލިމަކަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރަންވީ ޛިކުރުތައްވެސް ބަޔާންކޮށްދެއްވާފައެވެ. ޑިޕްރެޝަން ނުވަތަ ހިތާމަޔާއި މޮޅިވެރިކަމުގައި ޖެހިއްޖެ މީހާ މިދުޢާތައް ކިޔުން ހުއްޓެވެ.

اَلَّلهـُمَّ إِنِّيْ أَعُوْذُ بِكَ مِنْ الْهـَمِّ وَالْحُزْنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ. وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ.

މާނައީ: އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދި ދަންނަވަމެވެ.” (رواه البخاري. مع الفتح)

(رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ މިދުއާ ވަރަށްގިނައިން ކުރައްވާކަމުގައިވިއެވެ.)

“اَللَّهُمَّ إِنِّيْ عَبْدِكَ، اِبْنُ عَبْدِكَ، اِبْنُ أَمَتِكَ، نَاصِيَتِيْ بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ، بِكُلِّ اِسْمٍ هـُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِيْ كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِيْ عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِيْ، وَنُوْرَ صَدْرِيْ، وَجَلاَءَ حُزْنِيْ، وَذَهـاَبَ هـَمِّيْ.”

މާނައީ: އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަ ﷲގެ އަޅަކީމެވެ. އިބަ ﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ ﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަންވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ފައިޞަލާ މިއަޅާއާމެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޙުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟްރަތުން ޢައިބުގެ ޢިލްމުގައި އިބަﷲ ޙާއްޞަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުއާން ލައްވައިދިނުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. (رواه احمد وصحّحه الألباني)

ކިޔުންތެރިންގެ ހިޔާލު