ކޮންމެ ހުކުރު ދުވަހެއްގެ ވެސް ހުކުރު ޚުތުބާ އަކީ މުސްލިމު އެންމެހައި އަހުންނާއި އުހުތުންނަށް ދީނުގައި ކަން އޮންނަ ގޮތް ދަސްކޮށްދޭ އަގުހުރި ނަސޭހަތަކަށްވާއިރު، މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.

މިއަދުގެ ހުތުބާގައި ވަނީ ރިޒުޤު ހޯދުމަށް ޙައްޤު ގޮތުގައި މަސައްކަތްކުރާ މީހާއަށް މާތް ﷲ ބަރަކާތް ލައްވާނެ ކަމާއި އޭނާގެ އުއްމީދުތަކާ ހަމައަށް ވާޞިލުވުމަށް މާތް ﷲ އޭނާއަށް މަގު ފަހިކުރައްވާނެކަން ހަނދާންކޮށްދީފައެވެ.

އިލާހީ ރިޒުޤުން މީހާ މަހުރޫމުވެގެންދާން މެދުވެރިވާ ބައެއް ކަން ކަމަށް ވެސް ހުކުރު ޚުތުބާގައި ވަނީ އަލި އަޅުވާލާފައެވެ. އަދި މާތް ﷲ ދެއްވާ ރިޒުޤުގައި ބަރަކާތް ލައްވާ ކަންތައްތަކެއް ވެސް ވާކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހެނދުނު ތެދުވެ، ރިޒުޤު ހޯދުމަށް މަސައްކަތް ކުރުން އެއީ އެ މަސައްކަތުން ލިބޭ ރިޒުޤުގައި ބަރަކާތް ލައްވާނެ ކަމެއްކަން ވަނީ ބަޔާން ކޮށްފައެވެ.

އަދި ރޭގަނޑު ހޭލާ ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެން ދާނެކަން ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ، އެއީ ފަތިސް ނަމާދާއި، ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ. މީގެ އިތުރުން ވެސް ދުވާލު ފެށިގެން އަންނަ ވަގުތުގެ މާތްކަމާއި، އެ ވަގުތުގެ ބަރަކާތްތެރިކަމަށް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

މީގެ އިތުރުން އެމީހެއްގެ ރިޒުޤު ހޯދުމަށް މަސައްކަތް ކުރާ މީހަކީ މާތް ﷲގެ މަގުގައި ޖިހާދުކުރާ މީހާ ފަދަ މީހެއް ކަން ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.

"ތެދުވެރިކަމާއި އެކު ރިޒްޤު ހޯދަން އެދޭ މިހާ އެކަމަށްޓަކައި ހިއްމަތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހެއްގެ ކިބައިން ކަންނެތްކަން ފުހެލަން ޖެހޭނެއެވެ. ދުވަހަކުވެސް އުޑަކުން ރަނާއި ރިއްސެއް ނުވެއްސަވާނެތެވެ. އެމީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތްކުރާ މީހަކީ، ﷲގެ މަގުގައި ޖިހާދު ކުރާ މީހެއް ފަދައެވެ. ރިޒްޤު ހޯދުމަށްޓަކައި ޙައްޤު ގޮތުގައި މަސައްކަތް ކުރާ މީހާއަށް ﷲ ބަރަކާތް ލައްވާނެތެވެ. އޭނާ އޭނާގެ އުއްމީދުތަކާ ހަމައަށް ވާސިލްކޮށްދެއްވާނެތެވެ." މިއަދުގެ ހުތުބާގައި ވެއެވެ.