ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ރޯދަ މަހުގެ ދުވާލުގެ ވަގުތަށް ވުރެވެސް މާތް ވެގެންވާ ދުވަސްތަކެއް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. މިދިޔަ ދުވަހުގެ ސަވާބު ހޯދުމަށް ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުން އިތުރު ކުރުމާއި، ގިނަގިނައިން ޒިކުރު ކުރުމާއި ޞަދަގާތް ކުރުން އިތުރު ކުރުން ފަދަ ކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ. ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ ޖުލައި މަހުގެ 11 ދުވަހެވެ.

ރޯދަ މަހު ގެއްލިފައި ހުންނަ ރޯދަތައް ހިފައި ނުނިމެނީސް ހައްޖުމަހުގެ ފުރަތަމަ 9 ރޯދަ ހިފިދާނެތޯ؟ ނުވަތަ ހައްޖު ދުވަހު ރޯދަ ހިފިތާނެތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

އިލްމުވެރިން ވިދާޅުވަނީ ޤަޟާކުރަންޖެހޭ ރޯދަތައް ހުރި ނަމަވެސް ހައްޖުމަހުގެ ކުރީކޮޅުގެ ދުވަސްތަކުގައި (9 ދުވަހު) ރޯދަ ހިފިދާނެއެވެ. މިގޮތުން ހިފާނީ ގެއްލުނު ރޯދަތައް ޤަޟާ ކުރުމުގެ ނިޔަތުގައެވެ. އެއިރުން ގެއްލުނު ރޯދަތައްވެސް ހިފުނީއެވެ. އަދި ޙައްޖު މަހުގެ ކުރީކޮޅުގައިވެސް ރޯދަ ހިފުނީއެވެ.

ހައްޖު މަހުގެ ނުވަވަނަ ދުވަހު ރޯދަ ހިފައިފިނަމަ ކުރީ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފޮހެވޭނެކަމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ހަދީޘް ކުރައްވާފައެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ހަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ "ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ."

ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެކެވެ. ތަޤުވާވެރިވުމުގެ ދުވަސްތަކެވެ. ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެކެވެ. ހެޔޮ ޢަމަލުކުރުން ގިނަކުރަންވީ ދުވަސްތަކެވެ. އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމުގެ ދުވަސްތެކެކެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވަނީ "ހެޔޮ އަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ ﷲގެ ހަސްރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ."

އަޟްހާ ޢީދު ދުވަހު އުޟުހިޔާ ކަތިލުމަކީ ސުންނަތުން ޘާބިތުވެގެންވާ ވަރަށްމަތިވެރި އަޅުކަމެކެވެ. މި ސުންނަތް ހާޞިލްވާނީ އެކަމަށް ކަމުދާ ޖަނަވާރެއްކަތިލުމުންނެވެ. ކުކުޅެއް ކަތިލުމަކުން ސުންނަތް ޙާޞިލް ނުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ހައްޖު މަހުގެ ހެޔޮކަމާއި ސަވާބު ލިބޭ އަޅުންގެ ތެރެއިން އަޅަމެން ލައްވާށިއެވެ. އަޅަމެންގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އަޅަމެން ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުކުޅޭ

    ގެރި ބަކަރި ނުލިބޭ ތަނެއްގަ ކަތިލާނީ ކޯޗެއްތޯ؟
    އެވޭލާ ޒަމާނުއްސުރެން ދިވެހިން ކުރަމުން އައިކަމެއް ކުކުޅު ހާ ކަތިލުން. މިހާރުގެ އިލްމުވެރިންނައް އެކަންވެސް ކަމުނުދިޔަ.

    7
    10
    • މައުމޫން

      އެށްވެސް ޒަމާނެތްގަ އުޟުހިޔާ އަށް ކުކުޅު ހާ ކަތިލުމެއް ނޯވެ އިނގޭތޯ .. ޒަނމާާން ކިތިންމެ ބަދަލްވިއިސް މި ދީނައް ބަދަލެއް ނުގެނެވޭނެ .. މިހާރުގެ އިލްމުވެރިންވެސް ކިޔަވަނީ އެއިރުގަވެސް ކިޔަވާ އުޅުނު ހަދީސްބަސްފުޅު ތަށް އެށްވެސް ދަލީލް އެއް ކުކުޅުހާ އުޞްހިޔާގެ ނަމުގަ ކަތިލުން އޮއިތްނަމަ ދަށްކާ....

  2. ސސ

    ހުރުމަތް ތެރި މަސް ފެށިޖެ ހުރިހާ ވަތްތަރެއްގެ އަނިޔާ ވެރިވުން ހުއްޓާލާ ﷲ ތައުބާވެ ހެޔު އަމަލު ކުރުން ގިނަކުރަމާ އަޅުކަންތަކަށް މަގުފަހި ކުރުމަކީ ދައުލަތުން ކުރަންޖެހޭކަމެއް އެގޮތުން ޢުޞުހިޔާ ޤުރުބާނީ ކުރަން ބޭނުން މީހުނަށް އެކަންވެސް ކުރެވޭނެ ލުއިމަގެއް ދެއްކުމަކީ ވެރިމީހާގެ މަސްޢޫލިއްޔަތެއް އޭނާގެ ވާޖިބެއް، ﷲ އަޅަމެނަށް އަޅުކަން ކުރުމުގެ ހެޔު ތަޢުފީޤު ދެއްވާށި !

    13