ޓިކްޓޮކަކީ މިހާރު ހުރިހާ އެންމެންނަށް ވެސް އާންމު އެޕްލިކޭޝަނެކެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން އުމުރުން ދުވަސްވީ މީހުންނާއި ހަމައަށް ވެސް މި އެޕް ވަނީ ފޯރާފައެވެ. ގިނަ މީހުން ލިބޭ ހުސްވަގުތުތައް ޓިކްޓޮކްގައި ހުންނަ ވީޑިއޯތައް ބެލުމަށް ހޭދަކުރެއެވެ. މީގެ ތެރޭގައި މަޖާ ވީޑިއޯތަކާއި އާންމުން ހޭލުންތެރިކުރުވުމަށް ހަދާފައި ހުންނަ ވީޑިއޯތައް ވެސް ހުރެއެވެ.

އުމުރުން 33 އަހަރު ނައުފަލް ނަސީމަކީ ވެސް މިފަދަ ވީޑިއޯތައް ހެދުމުގައި ނަން މަޝްހޫރު މީހެކެވެ. މިހާރު އޭނާގެ ރަށް ކަމަށްވާ ގދ. ތިނަދޫގެ ސްޕޯސްޓް މިނިސްޓްރީގެ ތިނަދޫ ސްޓޭޑިއަމްގައި އެޑްމިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ނައުފަލްއަށް ލިބޭ ހުސްވަގުތުގައި އޭނާ އުޅެނީ މިފަދަ ވީޑިއޯތައް ހެދުމުގައެވެ.

@naufalnaseem

Dholhu minute onnan jeheyne 🔥 #fyp #maldivestiktok #maldivespolitics #tiktok #naseeemnaufal #tiktokmaldives🇲🇻

♬ original sound - Naufal Naseem

ވީޑިއޯ ހެދުމުގެ މަސައްކަތުގެ ތެރެއަށް ނައުފަލްއަށް ވަދެވުނީ 2005 ނޫނީ 2006 ހިސާބުގައި ބޭބެމެން އިސްވެ ހުރެ ފެށި މަސައްކަތެއްގެ ސަބަބުންނެވެ. އޭނާގެ ބޭބެމެން އޭރު ވީޑިއޯ ނަގައި، އެ ވީޑިއޯތައް އެޑިޓްކުރަން ފެށީ މަޖާ މަސައްކަތެއްގެ ގޮތުގައެވެ. ފޮޓޯ ކެމެރާއަކުން ވީޑިއޯތައް ނަގާ، އޭރު ރަށުގެ ބޮޑު ސްކްރީނުގައި އެޅުވުމަށް، ކުރު ފިލްމެއް ނައުފަލްގެ ބޭބެމެން ތައްޔާރު ކުރިއެވެ. އެއީ ގާތްގަނޑަކަށް 55 މިނެޓްގެ ކުރު ފިލްމެކެވެ. އާންމުންނަށް އެ ކުރު ފިލްމް ވަރަށް ކަމުދިޔައެވެ. އަދި އިތުރު ކުރު ފިލްމްތައް ވެސް ހެދުމަށް އެދުނެވެ.

ރަނގަޅު ކުރަންޖެހޭ ކަންތައްތައް އާންމުން ފާހަގަކުރުމުން އެ ކަންތައްތަކަށް ވީޑިއޯ ހެދުމަށްފަހު ކުރު ފިލްމްގެ ގޮތުގައި ގާތްގަނޑަކަށް 13 ވަރަކަށް ކުރު ފިލްމް ނައުފަލްގެ ބޭބެމެން ނެރުނެވެ. ނައުފަލްގެ ބޭބެމެން ކުރި މި މަސައްކަތުގައި ނައުފަލް ވެސް ބައިވެރިވިއެވެ.

އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، އަމިއްލައަށް މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އުފެދުނެވެ. މި ޝައުޤާއެކު އަމިއްލައަށް ކެމެރާ ކުރަން ވެސް ދަސްކުރިއެވެ. ގިނަފަހަރަށް މީހުންގެ ކައިރީގައި ބުނެގެން، ކެމެރާ ކުރަން އުނދަގޫ ކަމަކަށް ވެސް ވުމާއެކުގައެވެ.

2018 ވަނަ އަހަރު ނައުފަލްއަށް ވެސް ޓިކްޓޮކްގެ ދުނިޔެއަށް ވަދެވުނެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާ ވެސް އެކި މަޖާ ވީޑިއޯތައް ހަދަން ފެށިއެވެ. މި މަސައްކަތުގެ ތެރެއިން އާންމުން ހޭލުންތެރިކުރުވުމުގެ ވީޑިއޯތައް ހެދުމުގެ ވިސްނުން އައެވެ. އާންމުންނަށް ވެސް ރަނގަޅު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނި، ހައްލު ނުވެ ހުންނަ ކަންތައްތައް ވީޑިއޯ މެދުވެރިކޮށް ގެނެސްދޭން ފެށިއެވެ.

@naufalnaseem

Awareness Board ➡️ 📽️ @Halaf Demha Editing @Mohamed Majid @CHIKU

♬ original sound - Naufal Naseem

މިފަދަ އަމިއްލަ ވީޑިއޯތައް ހެދުމަށް އެއްގަޑިއިރާ ދެ ގަޑިއިރު ހޭދަވޭ ކަމަށް ނައުފަލް ބުންޏެވެ. މިހާތަނަށް މިކަހަލަ 100 އަށް ވުރެ ގިނަ ވީޑިއޯ އޭނާ ވަނީ ހަދާފައެވެ.

"އެންމެ ޓްރެންޑިންވާ ވީޑިއޯއަށް ވެސް ޓްވިސްޓް ގެނެސް އަމިއްލަ ވީޑިއޯއެއްގެ ގޮތުގައި ގެނެވޭތޯ މަސައްކަތް ކުރަނީ،" ނައުފަލް ބުންޏެވެ. ނައުފަލް ބުނީ މިފަދަ ވީޑިއޯތަކުގެ ރަނގަޅު އަސަރު މުޖުތަމައުއިން ފެންނަ ކަމަށެވެ.

"ވަރަށް ގިނަ މީހުންގެ ރަނގަޅު ކޮމެންޓް އާދޭ، މީހުންނަށް ފާހަގަވާ ކަންތައްތައް ވެސް ހިއްސާކުރޭ، މިތީ މިގޮތަށް ކުޅެލަބަލާށޭ ކިޔާފައި، ސްކޫލުތަކުގައި ނުވަތަ އޮފީސް މާހައުލުގައި ހިނގާ ކަންތައްތަކަށް ވެސް ވީޑިއޯ ހަދައިދޭން ބުނާނެ" އޭނާ ބުންޏެވެ.

ނައުފަލް އަކީ ސަކަ މިޒާޖެއްގެ މީހަކަށްވާއިރު އޭނާގެ ގިނަ ވީޑިއޯތައް ހުންނަނީ އާންމުން ހެއްވާލުމަށްޓަކައި ހަދާފައެވެ. އެފަދަ ވީޑިއޯތައް ހެދުމުގައި ކަންތައްތައް ކުރާ ގޮތް ވެސް ނައުފަލް ވަނީ ހިއްސާކޮށްފައެވެ.

@naufalnaseem

Water melon seeds 🍉 #tiktok #fyp #comedy #trending #justforfun #viral 📽️ @Hucerin Ahil

♬ original sound - Naufal Naseem

"ވަރަށް ގިނައިން ކޮފީ މޭޒުތަކުގައި އިންނައިރު ވެސް ބަލަން މީހުން މޮޅު ޑައިލޮގެއް އެއްޗެއް ކިޔާތޯ، ވަރަށް ގިނަ އަމިއްލަ ވީޑިއޯތަކުގައި ހުންނާނެ މީހުން ދައްކާފައި ހުންނަ ވާހަކައިން ލިބޭ އަސްލު ޑައިލޮގްތައް ބޭނުންކޮށްފައި، ހިޔާލުތައް އާދޭ އެހެން އެކި މައުޟޫތަކަށް ވިސްނާލުމުން،" ނައުފަލް ބުންޏެވެ.

ނައުފަލްގެ އެކި މަޖާ ވީޑިއޯތަކުގެ ތެރޭގައި ސިޔާސީ އެކި މީހުންގެ އަޑުލައިގެން އެކްޓްކޮށްފައިވާ ވީޑިއޯތައް ވެސް ހިމެނެއެވެ. އޭގެ ތެރެއިން އެއް ވީޑިއޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަޑު ލައިގެން، އެކްޓްކޮށް ޓިކްޓޮކަށް ލިއެވެ. އެވީޑިއޯ ޤާސިމް އިބްރާހިމް ވެސް ބެއްލެވިއެވެ. ޓިކްޓޮކް ބައްދަލަވަމުން ގެންދިޔަ ވަގުތު ގާސިމް އިނީ ހިނިފުޅުވަޑުވާންށެވެ.

ނައުފަލް ފެށި މި މަސައްކަތުގެ ތެރެއިން އޭނާ ވަނީ ރަށު ފެންވަރުގައި އެހެން މީހުންނާއި ގުޅިގެން ވެސް އެކި ކަހަލަ ވީޑިއޯތައް ތައްޔާރު ކޮށްފައެވެ.

ވަޒީފާގެ އިތުރުން މި މަސައްކަތަކީ ރަނގަޅަށް ގޮސްފިނަމަ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށް ނައުފަލް ބުންޏެވެ. އޭނާގެ މި މަސައްކަތުގައި އާއިލާގެ އެއްބާރުލުން ވެސް އިންތިހާއަށް ލިބެއެވެ. އާއިލާއަކީ މި މަސައްކަތުގެ ތެރޭގައި އުޅޭ ބަޔަކަށްވާއިރު ނައުފަލްގެ ގިނަ ވީޑިއޯތަކުގައި އެއްބަނޑު އެއްބަފާ މީހުން ވެސް ފެނެއެވެ.

"މަންމަ އާއި ބައްޕަ ވެސް ވަރަށް ސަޕޯޓިވް. އެ ވީޑިއޯތައް ބަލާފައި ހޭން ވެސް ހޭނެ. މަންމަމެންނަށް ވެސް މީހުން ކޮމެންޓް ދޭ ވީޑިއޯތައް މަޖަލޭ ކިޔާފައި، އެ ވީޑިއޯތައް ކަމުގޮސްގެން،" ނައުފަލް ބުންޏެވެ.

ނައުފަލް ހަދާ އަމިއްލަ ވީޑިއޯތަކުގައި އޭނާގެ އަމާޒެއް ވެއެވެ. އެއީ ހުވަދޫ ބަސް ކުރިއެރުވުމެވެ. ނައުފަލް އަމިއްލައަށް އުފައްދާ ވީޑިއޯތަކުގައި ހުވަދޫ ބަހުން ވީޑިއޯތައް ހަދައެވެ. މިއީ އެ ބަހަށް އޮންނަ ލޯތްބެއްގެ ސަބަބުން ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

@naufalnaseem

Ramadan mubarak 😘 @Itsmylyf #tiktok #justforfun #trending #naseemnaufal #foryou #fyp #comedy 📽️ @Hucerin Ahil

♬ original sound - Naufal Naseem

ނައުފަލް ބުނީ ކުރިއަށް އޮތްތާނގައި ވެސް މި މަސައްކަތުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ނައުފަލްގެ އޮތީ އެންމެ އެދުމެވެ. އެއީ އާންމުން މިފަދަ މަސައްކަތްތައް ބަލައިގަތުމެވެ. މިއީ "ކުރާނެ ކަމެއް ނެތިގެން" ކުރާ މަސައްކަތެއްގެ ގޮތުގައި ނުދެކުމެވެ.

"އެދޭ އެދުމަކީ މިވެސް މަސައްކަތެއް ކަމަށް ބަލައިގަންނާށޭ، ހަމައެކަނި ވީޑިއޯގައި އެ ފެންނަ ކެރެކްޓާ އަކީ މީހާ އެއްވެސް ކަމެއް ނެތި ކުރާ ކަމެއްގެ ގޮތުގައި ނުދެކި، ބުރަ މަސައްކަތެއް ކަމަށް ބަލައިގަތުން، އެގޮތަށް ބަލައިގަންނަ މީހުން ވެސް ވަރަށް ބައިވަރު. އެކަމަކު ބަލައިގަންނަން ޖެހޭ ވަރަށް ބަލައިގަތުން އެދުމަކީ،" ނައުފަލް ބުންޏެވެ.

ނައުފަލްގެ އުންމީދަކީ އޭނާގެ މި މަސައްކަތް އިތުރަށް ފުޅާވެގެންދިޔުމެވެ. އަދި އާންމުންގެ ފަރާތުން އޭނާއަށް ލިބޭ ސަޕޯޓާއި ލޯބި ވެސް ނައުފަލް ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެން

    ހަމައެކަނި ތިނަދޫ ބަސް ކުރިއެރުވުން. ހުވަދޫ ބަހެއް ނޫން

    6
    1
  2. ޙެހެހ

    ބައެއް ވީޑިއޯތައް ކަމަކުނުދޭ ! ނުބާ މެސެޖެއްލިބޭ ! މަގުމަތީގައި ހުންނަ ނިޝާންތަކަށް ޖޯކުޖަހާ ވޯޑިއޯވެސް އެބަހުރި ހދާފަ ، ޢެކަމކުގެ ސަބަބުން ޚާއްސަކޮށް ކުޑަކުދިން އެނިޝާންތަކަށް އިޚްތިރާމްކުރުން ކުޑަވާނެ ، ރަނގަޅުކޮށްލަންފެނޭ
    ދިވެހިންގެ ޓިކްޓޮކުން ގިނައިން ފެންނަނީ ކޮންމެކަމެއް ކުރިއަސް މަޖާވެ ހީސަމާސާކުރާ މަންޒަރުތައް ، މިހެންވެ މި މުޖުތަމައުވެސް ފެންނަނީ އެއްވެސް ކަމެއް ސީރިއަސް ނުވާ މުޖުތަމައުއެއްގޮތުގައި ، ކަމަކުނުދޭ

    10
    4