ރޯދަ މަސް ފެށުމުގެ ކުރިން ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ މާލޭގެ މަގުތައް މަތީގައި ބަހައްޓާފައި ހުރި ކުނިތަކަށެވެ. މާލޭގެ އެކި ސަރަހައްދުތަކަށް ކުނިތައް ނެރެފައި ހުއްޓެވެ. މާލެ ސަރަހައްދުގައި ގިނަވެފައިވާ ކުންޏަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. އޭގެ ސަބަބުން ޕާކިން އޭރިޔާތަކާއި ދުވާރުމަތި އަދި ބައެއް ސަރަހައްދުތަކުގެ ކަންމަތިތައް ވެސް ނުހިނގޭ ވަރަށް ފުރިފައި އޮތެވެ. ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ ޖާގަ ނުލިބި ހިނގާ ބިނގާ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތި އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ.

މާލޭ މަގުމަތީގައި ހުރި ކުނިތަށް— ވަގުތު އިމޭޖަސް: މުހައްމަދު ނާއިލް ހުސައިން

އެހެންނަމަވެސް ރޯދަ މަސް ދެބައި ވާން ކައިރިވިއިރު ވެސް ކުނި އަޅާ މިންވަރަކަށް ބަދަލެއްނައެވެ. ރޯދަ މަސް ފެށުނުއިރު ހީވީ އެއީ ރޯދައަށް މީހުން ގެތައް ސާފުކުރާތީ މަގުމައްޗަށް، ނެރުނު ކުނިތައް ކަމަށެވެ. އެހެންނަމަވެސް މިހާރު މިއީ ކުށްހީއެއް ކަން ހީވާން ފަށައިފިއެވެ. އެއީ ރޯދަ މަސް ދެބައިވިއިރު ވެސް ކުނި އަޅާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާތީއެވެ.

މާލޭގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަނެއް ވެސް މާލެސީޓީ ކައުންސިލުން ހާމަކުރިއެވެ. އެއީ އަލަމާ ގޯޅި، ކެނެރީ ގޯޅި، ހަދީބީ މަގު، އޯޑިއޯން ގޯޅި، މާވެޔޮމަގު ފަތަހަ ކަންމަތި، ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު، ބަރުޖޯރާ ގޯޅި ކަންމަތި، ޕިއްޒާ ބޯނާ ކަންމަތި، ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި އަދި ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅިއެވެ. ސިޓީ ކައުންސިލުން ވެސް ވަނީ މި ސަރަަހައްދުތަކަށް އާންމުކޮށް މީހުން ކުނި އަޅާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

ސިޓީ ކައުންސިލުން ވަނީ މިކަންތައް ބޮޑުވެގެން، މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ނިޒާމު ޤާއިމު ވެސް ޤާއިމުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މާލޭގެ މަގުތައް ސާފުކުރުމަށް ފުލުހުންނާއި ވެމްކޯ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ގިނަ ސަރަހައްދުތައް ވަނީ ކުނި ނަގާ ސާފުކޮށްފައެވެ. އެހެންނަމަވެސް މިރޭ ކުނި ނަގާ މަގުގައި، މާދަމާ ހެނދުނު އެވަރަށް ކުނި އަޅާފައި އޮވެއެވެ. އެ ކައުންސިލުން ދަނީ މަގުމައްޗަށް ކުނިއަޅާ މީހުން ބަލައި ޖޫރިމަނާވެސް ކުރަމުންނެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު މިކަމަށް ހައްލެއް ނެތެވެ.

މަގުމަތީގައި ކުނި ބެހެއްޓި މީހެއް ޖޫރިމަނާ ކުރަނީ ފޮޓޯ: މާލެސިޓީ ކައުންސިލް

ހަމަ ޤައިމުވެސް ރޯދަ މަސް ދެބައިވިއިރު މާލެއިން ނަގާ ކުނީގެ އަދަދު ކޮންމެ ރެއަކު ވެސް 30 ޓަނަށްވުރެން އިތުރެވެ. ކޮންމެ ރެއަކުވެސް 30އަށް ވުރެން ގިނަ ޕިކަޕުތަކުގައި ކުނި އުކުމަށް ކައުންސިލްގެ މުވައްޒަފުން، އެއްވެސް ވަރުބަލި ކަމެއް ނެތި ހަރަކާތްތެރިވަމުންދެއެވެ.

އިއްޔެ އެކަނި ވެސް މާލެއިން ޖުމުލަ 31.3 ޓަނުގެ ކުނި ނަގާފައިވާއިރު އޭގެ ކުރީ ދުވަހު ވަނީ 31 ޓަނުގެ ކުނި ނަގާފައެވެ. އޭގެ ކުރީ ދުވަހު 34.6 ޓަނުގެ ކުނި ވަނީ މާލެއިން ނަގާފައެވެ. މިއީި ތިން ދުވަހު ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކެވެ. މި ހިސާބުތަކަށް ބަލާލިޔަސް ފާއިތުވި ތިން ދުވަހު 96.9 ޓަނުގެ ކުނި މާލޭގެ މަގު މައްޗަށް އެކި މީހުން ވަނީ އަޅާފައެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުން ކުނި ނެގުމުގައި އެކި ވަގުތަކުގައި ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް ކުނި އަޅާ މީހުންގެ ވިސްނުމަށް ނުވަތަ ހިޔާލަކަށް ނުވަތަ އަމަލަކަށް މާބޮޑު އަސަރެއް ކުރާތަނެއް ނުފެނެއެވެ. މިހާރު ހީވެފައި އޮންނަ ކަހަލައެވެ. ބަޔަކު ކުނި ނަގާތީ، ދެން "ތިމަންނާ މެންވެސް ކުނި އެޅިޔަސް" އޯކޭ ވާނެއެވެ. ކުނި އަޅާ މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި، އެމީހުން އަޅަންވީމަ އައިސް މަގުމައްޗަށް ޕިކަޕުގައި ކުނި އަޅާފައި ދަނީއެވެ.

މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި މާލެސިޓީ ކައުންސިލްގެ ނުވަތަ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އެކަނި ޒިންމާއެއް ނޫނެއެވެ. ނުވަތަ މާލެސިޓީ ކައުންސިލާއި ވެމްކޯގެ މުވައްޒަފުންގެ އެކަނި ޒިންމާއެއް ނޫނެއެވެ. ހަމަ ޤައިމުވެސް ކުނި އަޅާ މީހުން އެމީހުންގެ ފަރުދީ ޒިންމާ އެއް އެބައޮވެއެވެ. ތިމާ ތިމާގެ ފަރުދީ ޒިންމާ އަދާކޮށްގެން ނޫނީ މާލެ ގަނޑޮވުމުން ސަލާމަތެއް ނުކުރެވޭނެއެވެ. މިފަދަ ކަންކަން ހުއްޓާ ނުލައިފިނަމަ ދެން "މިކަންތައް ބޮއްސުން ލައިގެން ގޮސް" އެކި މައްސަލަތައް ނިކުންނާނެއެވެ. ބަލިތައް އިތުރުވާނެއެވެ. ސަރުކާރުން މާލެ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދޭން އެބަޖެހެއެވެ. ތިމާ އަމިއްލައަށް އުފައްދާ ކުނި ނައްތާލުމަކީ "ތިމާގެ އަމިއްލަ" ޒިންމާއެކެވެ. އެއީ އެހެން މީހެއްގެ ޒިންމާއެއް ނޫނެއެވެ. މާލެއަށް ކުނި އެޅުން ހުއްޓަން އެބަޖެހެއެވެ. މިފަދަ އަމަލުތަކުން ދުރުވާން އެބަޖެހެއެވެ. އޮންނަ އުސޫލުގެ ތެރެއިން ތިމާ އުފައްދާ ކުނި ނައްތާލާ، ކައުންސިލާއި ގުޅިގެން މާލެއަކީ ސާފުތާހިރު ތަނެއްގައި ބޭއްވުމަށް މަސައްކަތް ކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙެހެހ

    ސާފްނުކޮށް ބަހައްޓަބަލަ ވާގޮތެއްބަލާލަން ، އަދި ތި ކުނިއަޅާމީހުންގެ ފޮޓޯ އާންމުކޮށްބަލަ ، ވާހަކައޭ ދައްކަނީ، ތަންފީޒުކުރަނީ ވަކިބަޔަކު ގޯސްކޮށްކުރީމަ

  2. ކަނީސާ

    ކުނިތައް ހުރި ހިސާބު ގޭގެއަށް ކުނިތައް ވައްދާ ޖުރްމަނާ ޗިޓް ދިނަކަސް މަހިތުން ފައިސާ ނުދައްކާނެ

  3. ކަލޯ

    ފުރަތަމަ ފޮޓޯގައިން ބޯޑުގަ އިން ލިޔުންކޮޅު ބައެއް ދިވެހިންނަށް ކިޔާކަށް ނޭންގޭ ނޫނީ ކިޔެނީ "ކުނިއަޅާ ސަރަހައްދު" މިގޮތަށް ކަމަށް ބެލެވެނީ، އެހެންވީމަތާ އެ ބޯޑް ޖަހާފަ ހުންނަ ހިސާބަށް ކުނިތަށް ޖަމާކުރަނީ... އެމީހެއްގެ އަމިއްލަ ނޭފަތު ކުރިއާ ހަމަޔަށް ފެންނަ މީހުން ގިނަވީމަ ވާނެގޮތް...

    4
    0
  4. މަެޔަރުމާލެ

    ވެމްކޯ އަށް ކުނި އުކާލެވޭ އަގު ކުޑަކޮއްގެން ރައްޔިތުން ތިކަން ހުއްޓާނީ

  5. އައްޒުވީ

    ކުނިއެޅުމުގެ މައްސަލަ ހައްލުކުރެވޭނެ އެއްވެސް ކަމެއް އެއްވެސް ބަޔަކު އަދިއެއް ނުކުރެއެވެ. ކުރަން ނޭގޭތީ ކަމަށް ވެސް ވެދާނެއެވެ. ކުނިބުނިން ސަލާމަތްވެފައިވާ ސާފު ރީތި މާހައުލަކަށް ހެދުމުގައި ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިއްމާ އޮތް މިންވަރާއި އެކަމަށް ދިވެހީންގެ ސިކުނޑި ހޭލުންތެރިކޮށް ތަރުބިއްޔަތުކުރަންޖެހެނީ. ޖުމްލަ ގޮތަކަށް އެއްވެސް ކަމެއްގައި އަދަބު އަޚްލާގު ދިވެހީންގެ ނެތިގެން މިއުޅެނީ. މިހުރިހާ ޑިސިޕްލިން ދަސްކޮށްދޭން ފަށަންޖެހެނީ ސްކޫލްގެ ގްރޭޑް 1 އިން ފެށިގެންނެވެ. ޖަޕާނުގެ ސްކޫލް ތަކުގައި އޮންނަ އުސޫލުން ދަރިވަރުން ލައްވައި އެ ކުދިންގެ ކުލާސް ކުނިފުހުވައި ސާފުކޮށް ހައްދައެވެ. އެ ކުދިން ބޮޑުވެގެން އައިސް އުޅޭ ޖީލެއް އޮންނަ އިރު ކުނިން ސަލާމަތްވެ ސާފުތާހިރުކަން ދެމެހެއްޓުމުގައި ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިއްމާ އަދާކުރާނެކަން ގައިމެވެ.