މި މަހުގެ އެއްވަނަ ދުވަހު އިސްރާއީލުން ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ އަށް ފަހު މެދުއިރުމަތީގެ މަސްރަހު ވަނީ ކުރިން އޮތް ވަރަށް ވުރެވެސް ހޫނުވެގެން ގޮސްފައެވެ. އިރާނުން މި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައިވާ އިރު މެދުއިރުމަތީގެ އިތުރުން މިކަމާއި މެދު ދެން އެންމެ ކަންބޮޑުވެގެން އުޅެނީ އިސްރާއީލުގެ އެންމެ އެކުވެރި އެމެރިކާއެވެ.

އިރާނުގެ ހަމަލާއަކުން ޔަހޫދީންގެ ދައުލަތް އިސްރާއީލު ދިފާއު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް އެމެރިކާ އިން ބުނެފައިވާ އިރު، އިސްރާއީލަށް އިރާނުން ދީފާނެ ހަމަލާއެއްގެ ބިރަށް އިސްރާއީލުން އުޅޭތީ އެމެރިކާ އިން މިހާރު ވަނީ އިސްރާއީލުގެ ދިފާއުގައި ރަތް ކަނޑަށް އެ ގައުމުގެ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ.

އެމެރިކާގެ ނޫހެއް ކަަމަށްވާ ވޯލް ސްޓްރީޓް އިން އެމެރިކާގެ އަސްކަރިއްޔާގެ މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ މަނަވަރުތައް މިހާރު މިސްރާބު ޖަހާފައިވަނީ އިރާނުގެ ހަމަލާތައް ދިފާއުކުރެވޭ ވަރަށް މެދުއިރުމައްޗާއި ގާތްވުމަށެވެ. މި މަނަވަރުތައް ހަރަކާތްތެރިވާނީ ރަތް ކަނޑުގައި ކަމަށް ވެސް އަސްކަރީ އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެމެރިކާގެ އަސްކަރީ މަނަވަރެއް

އެމެރިކާ އިން މަނަވަރުތައް ރަނގަޅު ހިސާބަކަށް މި ގެންނަނީ އިރާނުން ދީފާނެ ހަމަލާއަކުން އިސްރާއީލު ހިމާޔަތް ކުރުމުގެ އިތުރުން މެދުއިރުމަތީގައިވާ އެ ގައުމުގެ އަމިއްލަ އަސްކަރީ މަރުކަޒުތައް ދިފާއުކުރުމުގެ މަގުޞަދުގައެވެ. މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، އޮމާން، އިރާޤް، ސީރިއާ އަދި އުރުދުންގައި ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރެއެވެ. އިރާނުން އެތަންތަނަށް ހަމަލާ ދީފާނެތީ، ކޮންސިއުލޭޓަށް ދިން ހަމަލާގައި އެމެރިކާގެ އަތެއް ނުވާނެ ކަމަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާ އިން ބުނެފައިވެސް ވެއެވެ.

އެމެރިކާ އިން އެމީހުންގެ ޒަމާނީ ހަތިޔާރުތަކުން ފުރިފައިވާ މި މަނަވަރުތައް ރަތް ކަނޑުގެ ސަރަހައްދަށް މި ޖަމާކުރަނީ އިރާން ބިރުގެންނެވުމުގެ މަޤްޞަދުގައި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެމެރިކާގެ މަނަވަރުތަކުގައި އިރާނުގެ ސަރަހައްދުތަކަށް ވަރަށް ގެއްލުންދެނިވި ހަމަލާތަކެއް ދިނުމުގެ ޤާބިލްކަން ހުންނާނެކަން އިރާނަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެހެންވުމުން ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރަށް އިރާނުން ދޭން ރާވައިފައިވާ ހަމަލާ ނުދިނުން ވެސް އެކަށީގެންވާ ކަމަށް އަސްކަރީ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ އެންމެ ބޮޑު ނޫސް ކަމަށްވާ ސީއެންއެން އިން އެމެރިކާގެ އަސްކަރިއްޔާގެ ދެ ބޭފުޅަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އިރާނުން އިސްރާއީލަށް އަމާޒުކޮށްދޭ ހަމަލާތައް ނާކާމިޔާބު ކުރަން އެމެރިކާގެ އަސްކަރިއްޔާ އިން މަސައްކަތް ކުރާނެއެވެ. ނަމަވެސް އެމެރިކާ އިން އެކަން ކުރާނީ އެއީ އެމެރިކާގެ އަސްކަރިއްޔާ އަށް ކުޅަދާނެ ކަމެއް ކަމުގައި ވަނީ ނަމަ ކަމަށް ވެސް އެ ދެ ބޭފުޅުންނާއި ހަވާލާދީ ސީއެންއެން ނިއުސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެންކަމުން އެމެރިކާގެ އަސްކަރިއްޔާގެ މި ބަހުން ހާމަވަނީ އިރާނުން ހަމަލާދޭނެ ވަރެއް އެމެރިކާ އަށް ވެސް ނޭނގޭކަމެވެ. އިރާނުން ހަމަލާދޭ އިރު މަދު މިސައިލް ކޮޅެއް ބޭނުން ކޮށްފިނަމަ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާ އަށް އެ މަދު މިސައިލްތައް ހުއްޓުވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ނަމަވެސް އެމެރިކާ އިން ވީ ވަރަކުން ހުއްޓުވާނެ ކަމަށް ބުނުމުން އިރާނުން އިސްރާއީލް ގުޑުވާލާ ވަރަށް ވެސް ރޮކެޓާއި، މިސައިލް އަދި ޑުރޯން ހަމަލާދީފާނެ ކަމަށް ހުދު އެމެރިކާ ވެސް ޤަބޫލުކުރަނީއެވެ. އަދި އިސްރާއީލްގެ ނަން މަޝްހޫރު އަޔަން ޑޯމް ވައިގެ ސަލާމަތީ ޑިފެންސް ނިޒާމް ފޫއަޅުވާލުމުގެ ޤާބިލްކަން އިރާނަށް ލިބިގެންވާ ކަމަށްވެސް އެމެރިކާ އިން ޤަބޫލު ކުރަނީއެވެ. އެހެންނޫންނަމަ އެމެރިކާ އިން އިރާނުގެ ހަމަލާތަކުން އިސްރާއީލް ދިފާއުކުރަން މި ވަރަށް މަސައްކަތް ކުރާކަން ނުޖެހޭނެ ކަމަށް އަސްކަރީ ތަޖުރިބާ ކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ މަނަވަރުތައް މިހާރުވެސް ދަނީ ރަތް ކަނޑުގައި ހަރަކާތްތެރިވަމުންނެވެ. އެއީ ޔަހޫދީ އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭން ފެށުމުން ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރި ޖަމާއަތުން ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީ އިސްރާއީލާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ ކާގޯ އުފުލާ އުޅަނދުތަކަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެންނެވެ. ހޫތީން ވަނީ އެންޓި ޝިޕް މިސައިލް ތަކާއި އަސްކަރީ ޑުރޯންތައް ބޭނުން ކޮށްގެން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފައެވެ. އަދި މި ހަމަލާތަކުގެ ރަތް ކަނޑުގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އިސްވެ އޮވެ ވަނީ ހޫތީންނާއި ދެކޮޅަށް ބޮޑު އަސްކަރީ ހަރަކާތެއް ފަށައި ހޫތީންގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ވެސް ދީފައެވެ. ނަމަވެސް އެމެރިކާގެ ހަމަލާތަކުގެ މާބޮޑު އަސަރެއް ހޫތީންނަށް ކޮށްފައިނުވާ ކަމުގެ ހެއްކަކީ ހޫތީން ރަތް ކަނޑުގައިދޭ ހަމަލާތައް އެއްވެސް ވަރަކަށް މަދު ނުވުމެވެ.

ހޫތީންނަކީ އިރާނަށް ވަފާތެރި ޖަމާއަތެކެވެ. އަދި ހަނގުރާމައެއް ފެށިއްޖެ ނަމަ އިރާނުގެ އޯޑަރަށް ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީފާނެ ޖަމާއަތެކެވެ. އެއީ ހޫތީންގެ އަސްކަރީ ޤާބިލްކަން ތަންދޭ ކަމަކަށް ވާތީއެވެ.

ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ހަމަލާދީފައި

އެމެރިކާ އިން އިރާނުގެ ހަމަލާތައް ނާކާމިޔާބު ކޮށްލަން އެ ގައުމުގެ އަސްކަރީ ބޭސްތައް ބޭނުން ކުރާނެއެވެ. އެގޮތުން އެމެރިކާ އިން އިރާޤާއި ސީރިއާގައި ޤާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކުން އިރާނުން ފޮނުވާލާ މިސައިލް ނުވަތަ ޑުރޯން ހަމަލާތައް ނާކާމިޔާބު ކޮށްލަން ފަސޭހަވެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރައްދު ހަމަލާދެވޭނެއެވެ. އެއީ މި އަސްކަރީ މަރުކަޒުތަކަކީ އިރާނާއި ވަރަށް ކައިރީގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަކަށް ވާތީއެވެ.

އިރާނުން ވަނީ ޔަހޫދީ އިސްރާއީލަށް ހަމަލާދޭނެ ކަމަށް ވައުދުވެފައެވެ. އެއީ މިފަހުން ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ޔަހޫދީ އިސްރާއީލުން ދިން ހަމަލާގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ސިފައިން ތަކަކާއި އިސް ކޮމާންޑަރެއް މަރާލާފައިވާތީއެވެ.

އިރާނުން މެދުއިރުމަތީގައި އެމީހުންގެ އާރާއި ބާރު އަދި ނުފޫޒު ދަމަހައްޓަން މި ވަގުތު އިސްރާއީލަށް ކޮންމެވެސް ކަހަލަ ހަމަލާއެއް ދޭން ޖެހެއެވެ. އެހެންނޫނީ އެއީ އިރާނުގެ އަސްކަރިއްޔާގެ ބަލިކަށިކަން ކަމަށް މެދުއިރުމަތީގައި ހަރަކާތްތެރިވާ އިރާނުން މަދަދުދޭ އެ ގައުމަށް ވަފާތެރި ޕުރޮކްސީ ހަނގުރާމަ މަތީ ޖަމާއަތް ތަކުން ދެކެން ފަށާފާނެއެވެ.

އަސްކަރީ ކަންކަން ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވަނީ އިރާނުން އިސްރާއީލަށް ހަމަލާދިނުމުގައި މެދުއިރުމަތީގައި ހަރަކާތްތެރިވާ މި ޖަމާއަތްތައް ބޭނުން ކޮށްފާނެ ކަމަށެވެ. ލުބުނާން ގައި ހަރަކާތްތެރިވާ އިރާނަށް ވަފާތެރި ހިޒްބުﷲ ޖަމާއަތުން މިހާރު ވެސް ދަނީ ޔަހޫދީ އިސްރާއީލަށް ހަމަލާދެމުންނެވެ. އަދި އިރާޤްގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އޮފް އިރާޤު ޖަމާއަތުން ވަނީ ވަރަށް ފަހުން އިސްރާއީލްގެ ބަނދަރަކަށް ވެސް ހަމަލާދީފައެވެ. އަދި ހޫތީންގެ ވެސް އެ އަސްކަރީ ޤާބިލްކަން ހުންނާނެ ކަމަށް ގިނަ އަސްކަރީ މާހިރުން ދެކެއެވެ. އެހެންކަމުން އިރާނުން އިސްރާއީލަށް ހަމަލާ އަމާޒުކުރާނީ ކޮން ދިމާލަކުން ކަން ބުނަން އެމެރިކާ އަށް ވެސް ވަރަށް ދަތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހައި

    ޚޫތީންމިފަރު ރައްކަޑުސާފުކުރާނެ
    ރައްކަޑަކީ، އެމެރިކާއިންމުސްލިމުން
    ނުހައްގުންމަރަން އޮތްތަނެއްނޫން
    އެމެރިކާ ފިއްކަޑައިގެން ދާވަރުގެރައްދެއް
    ޔަމަނުންދޭނެކަމަށް ހީކުރަން

    52
  2. ކަށިކެޔޮ އާދަނު

    ފުރަތަމަ މަނަވަރުގޮއްވާލާ ދެން އިޒުރޭލު.

    51
  3. ޢަބްދުﷲ

    ޔަމަނުގެ ހޫތީން ނިކުމެ މި މަނަވަރުތައް ހަފުސް އަރުވާލަބަލަ... އަހަރެމެންގެ ދުޢާ އަކީ މުސްލިމުންގެ ޢަދާވާތްތެރިން ބަލިވެ ނިކަމެތިވުން... އާމީން

    14
  4. ށށ

    އަހަރެމެންގެ ދުޢާ އަކީ މުސްލިމުންގެ ޢަދާވާތްތެރިން ބަލިވެ ނިކަމެތިވުން... އާމީން

    13
  5. ސާބަސް

    އެމެރިކާރަށްކަޑައް ބަޔަކުފޮނުވީކުޅިބަލަން
    ކަމަށާއި، އީރާނަށްކަމެއްކުރަންނުކެރުނު
    ކަން ދުނިޔެއަށްފެނިއްޖެތާ