އުމުރުން 12 ވަރަކަށް އަހަރުގައި މާލެ ބަދަލުވެ ވަޑައިގަތަސް، އުފަން ރަށް ހއ. ދިއްދޫ ދެކެ ވެވަޑައިގަންނަވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މަދަރުސީ ދައުރު އޭރު ކިޔެވެން އޮތް ވަރަށް ކިޔަވައިގެން މާލެ ބަދަލުވެވަޑައިގަތީ މަތީ ތައުލީމާއި ވަޒީފާ ހޯއްދެވުމަށެވެ.

އެކަމަކު ކުޑަ ޗުއްޓީއެއް ލިބިއްޖެ ނަމަ، މާލޭގައި އުޅޭ އެކުވެރިންނާ އެކުގައި، ލޯންޗެއް ހިފައިގެން ނަމަވެސް ހަ ވަރަކަށް ދުވަހަށް ރަށަށް ވަޑައިގެން ރަށުގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގައި ސަފުން ފެނެއެވެ. ހާއްސަކޮށް ކުޅިވަރުގެ ދާއިރާއަކީ އޭރުވެސް މިހާރު ވެސް ލޯބި ކުރައްވާ އެންމެ ބޮޑު އެއް ކަންތަކެވެ.

ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރިއަށް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި އެ ދާއިރާ އަށް ވާދަކުރައްވާ އަބްދުއްލަތީފް މުހައްމަދު ސިޔާސީ ދާއިރާ އަށް ވެންނެވީ ބޭނުންވެގެން ނޫނެވެ. އެކަމަކު، ވަރަށް އިހްތިރާމް ކުރައްވާ ބައެއްގެ އެދުމުގެ މަތިންނެވެ. އޭރު ބޭނުން ނުވިޔަސް މިހާރު ސިޔާސީ ދާއިރާއަށް ވަދެވުނީ ގައުމާއި ރައްޔިތުންނަށްޓަކައި ގައުމަށް އިސްލާހުތައް ގެނައުމުގެ މަގުސަދުގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާކަށް އޭރު އެއްވެސް ވަރަކަށް ބޭނުންނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ކެމްޕެއިންގައި.

ދިއްދޫގައި ލަތީފްގެ ބައިވެރިވުމެއް ނެތި އިޖުތިމާއީ ބޮޑު އެއްވެސް ކަމެއް، ކުޅިވަރުގެ ބޮޑު އެއްވެސް އިވެންޓެއް 1980 އާއި 1990 އާއި 2000 ގެ އަހަރުތަކުގައި ވެސް ނުބާއްވައެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާއަށް މިވަނީ 2006، 2007 ހިސާބުގައި. އޭރު އެންމެ ފުރަތަމަ އަޅުގަނޑު ގުޅުނީ ގައުމީ ޕާޓީއާ. އެކަމަކު އެ ޕާޓ އުފެއްދި އެންމެން 2008 ވަނަ އަހަރު އައި ސަރުކާރު އެމްޑީޕީ ސަރުކާރާ ގުޅިގެން މުޅި ޕާޓީ ރޫޅުނީމަ އަޅުގަނޑު ޖުމްހޫރީ ޕާޓީއާ ގުޅުނީ. ދެން އަޅުގަނޑު ވަރަށް ގާތް ވާނެ ސަމީރު އާ. ސަމީރު މެމްބަރު ކަމަށް ކުރިމަތިލެއްވީމަ އެ ބޭފުޅާ އާއެކު އަޅުގަނޑު ދިއްދު އަށް ވަޑައިގަތީމަވެސް ވަރަށްގިނަ މީހުން ބުނާނެ ކީއްވެހޭ ލަތީފް ކުރިމަތި ނުލެއްވީ." ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން ވެސް ކުރެއްވި އަހުމަދު ސަމީރަށް އިޝާރާތް ކުރައްވައި ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އެގޮތަށް ރައްޔިތުން އެދުނީ ސިޔާސީ ކަންކަމުގެ ތެރެއަށް ވެންނެވިފައި ހުރީމަ ކަމަށެވެ. އެހެންކަމުން 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައި އެ ފަހަރު އޭނާ ވަނީ ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އޭނާ މަޖިލިހަށް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދިނުމުން އަމިއްލަ ގޮތުންނެވެ. ސިޔާސީ ގޮތުން އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ވެސް އެއީއެވެ.

ލަތީފް ކެމްޕެއިންގައި.

ރައްޔިތުންގެ މަޖިލިހުގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެއް ބޭފުޅަކީ ލަތީފެވެ. އޭރުގައި މަޖިލިހުގައި ދިއްދޫ ދާއިރާގެ އަޑު ނީވޭ އިރެއް ނުދެއެވެ. މަޖިލިހުގައި އެންމެ ދޫހެލޭ، ބިލްތަކާއި އެކިއެކި މައްސަލަތަކަށް ވަކާލާތު ކުރެއްވުމުގައި އެންމެ ކުރީގައި މަސައްކަތް ކުރެއްވި މެމްބަރަކަށް ވާނީ ލަތީފެވެ. ލަތީފް ވަނީ ވަކި ހިސާބަކުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މަސްރަހު ހަލަބޮލިވެ، ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ނިންމުމުން ލަތީފްގެ ގޮނޑި ވެސް ގެއްލުނެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕީއެމުން އޭނާ ވަކި ކުރުމާ ގުޅިގެންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައިވެއެވެ. ފަސް އަހަރުގެ ދައުރު ހަމަވުމާ އެކު، 2019 ވަނަ އަހަރު ލަތީފް ވަނީ އަމިއްލަ ގޮތުން ދިއްދޫ ދާއިރާ އަށް ވާދަކުރައްވައިފައެވެ. އެކަމަކު، އެ ފަހަރު އޭނާ އަށް އެ ދާއިރާގެ ގޮނޑި ދިފާއު ނުކުރެއްވުނެވެ.

ލަތީފް ކެމްޕެއިންގައި.

މަޖިލިހަށް ކުރިމަތިލައްވަން ނިންމެވީ ކީއްވެ؟

ލަތީފް އަނެއްކާ ވެސް މި ނުކުންނަވަނީ ދިއްދޫ ދާއިރާ އަށް އާ "ދިރުމެއް" ގެނެސް ދެއްވުމަށެވެ. ދާއިރާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސް ދެއްވުމަށެވެ.

ލަތީފް ގަބޫލުކުރައްވާ ގޮތުގައި ދާއިރާއަށް ބޭނުންޖެހިފައިވާ ތަރައްގީ ގެނެވޭނީ ސަރުކާރު ކެންޑިޑޭޓަކު ހޮވިގެންނެވެ. އެކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުގެ އެހީތެރިކަން ރަށަށް އިތުރަށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވައެވެ. އަދި ސަރުކާރުގެ ތެރޭގައި ނިންމުންތައް ނިންމުމުގެ ކުރިން ބަސްކިޔައިގެން ދިއްދޫ ދާއިރާގެ ރައްޔިތުންގެ ބޭނުންތަކާއި އިސްކަންދޭ ކަންކަމަށް މާ ފައިދާހުރި ގޮތެއްގައި ވަކާލާތުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓު ސަރުކާރުގެ ސިޔާސަތުތަކާއި އެޖެންޑާތަކާ އެއްގޮތްވުމުން ރަށުގެ ރައްޔިތުންނަށް ފައިދާހުރި އެތައްކަމެއް ތަންފީޒުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށާއި ސަރުކާރުގެ ޕްރޮގްރާމްތަކާއި، ސިޔާސަތުތަކާއި، ފުރުސަތުތަކާ ބެހޭ މައުލޫމާތު ރަނގަޅަށް ލިބި، ކެންޑިޑޭޓަށް ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަސްލަހަތަށް ރަނގަޅަށް ހިދުމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ އިދާރާތަކާ ގުޅިގެން ރަށުގެ މައްސަލަތައް ހައްލުކުރުމަށް ދިއްދޫއަށް ލިބެންޖެހޭ ސަމާލުކަމުގެ އަދުލުވެރި ހިއްސާ ލިބޭތޯ މަސައްކަތްކުރުމަށް އިތުރު ފުރުސަތުތައް ލިބޭނެ. ޖުމްލަކޮށް ބަލާއިރު ދިއްދޫ ދާއިރާއަށް ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓަކު އިންތިހާބުކުރުމަކީ ތަރައްގީއާއި ކުރިއެރުމުގެ ފުރުސަތުތައް ރަށަށް ލިބިގެންދާނެކަމެއް. އަޅުގަނޑަކީ ދިއްދުއަށް އުފަން ދިއްދޫ އަދި މި ދާއިރާގެ ދަރިއެއް. އަޅުގަނޑަށް ކަންކަން ވާނެ. ކޮށްދޭނަން." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި އޭނާގެ މެމްބަރު ކަމުގައި މީގެ ކުރިންވެސް އެ ދާއިރާއަށް ގިނަ ގުނަ ކުރިއެރުންތައް ވަނީ ހޯދައިފައެވެ. އެގޮތުން ހައުސިން މަޝްރޫއުތަކާއި ޒަމާނީ ފެންވަރަށް މަގު ހެދުމުގެ މަޝްރޫއުތައް ވެސް އޭރު ސަރުކާރުގެ ތެރެއިން ކޮށްދެއްވީ އޭނާގެ ވެސް އެއްބާރުލުމާއެކު ކަމަށް ވިދާޅުވިއެވެ.

"މިދިޔަ ފަސް އަހަރު ދިއްދޫގައި ނިންމުނު ކަމެއް ނެތް"

ފާއިތުވި ފަސް އަހަރުގެ އެމްޑީޕީ ވެރިކަމުގައި 200 މިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއްވެސް ކަހަލަ ތަރައްގީގެ މަޝްރޫއެއް ދިއްދޫގައި ނިންމާލެވިފައި ނުވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ. ބައެއް ކަންކަން ފެށުނު ނަމަވެސް ވަކި ހިސާބަކު އެކަންކަން ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ 19 ވަނަ މަޖިލީހުގައި ނުކުރެވުނު ކަންތައްތައް މިފަހަރު ކޮށްދެއްވާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

އޭނާ ސިފަ ކުރެއްވި ގޮތުގައި ދިއްދޫގެ ތަރައްގީ ވޭތުވެދިޔަ ފަސް އަހަރު އޮތީ ފަނޑުވެފައެވެ. އަދި އެންމެ ކުދި ރަށްތަކާ އަޅާ ބަލާއިރުގައި ވެސް ދިއްދޫ އޮތީ މާ ބޮޑަށް ވެސް ފަހަތުގައި ކަމުން ރައްޔިތުން މިފަހަރު ގޮތް ނިންމަން ޖެހޭ ކަމުގައި ލަތީފް ވިދާޅުވިއެވެ.

"އޭރު ދިއްދޫ ދާއިރާއަށް އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި. އެންމެ ކުދި ރަށްތަކަށްވުރެ ވެސް ފަހަތަށް ދިއްދޫ މި ދިޔައީ. އެހެން ބޮޑެތި ރަށްރަށް ކުރިއަރައި ދިޔަ އިންތިހާއަށް. އެހެންވީމަ މީގަ އެބައުޅޭ މައްސަލައެއް. މި މައްސަލައަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނީ ސަރުކާރަށް ބާރު އަޅާއި ސަރުކާރާއި ރައްޔިތުންނައި ރަށާއި ގުޅުވައިދޭ އެންމެ ބާރުވެރި އެންމެ ވަރުގަދަ ބުރިޖަކީ ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އެ ހިތްވަރާއި ފެންވަރާއި ކެރި ކުޅަދާނަކަން ހުންނަން އެބަޖެހޭ. އެ ގާބިލުކަން ނެތިއްޔާ އެ ކަންކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން 18 ވަނަ މަޖިލީހުގަ މަސައްކަތް ކުރިއިރު އަޅުގަނޑުމެން މަސައްކަތްކުރީ ސަރުކާރުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް. އެހެންވީމަ އެކަން ދެންވެސް ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓަކު ހޮވިގެން." ލަތީފް ވިދާޅުވިއެވެ.

ލަތީފް ކެމްޕެއިންގައި.

ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ސަރުކާރަށް ލިބުމަކީ ވަރަށް މުހިންމު ކަމަށެވެ. ރައްޔިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާއިރު އެއީ ގާނޫނު ހަދައި ގައުމު ހަމަމަގަށް އަޅުވަން އޮންނަ ތަން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާއިރު ގައުމުގެ ކަންކަން ތަރުތީބުކުރުމަށް އިދިކޮޅު ސަރުކާރެއް އޮތް ނަމަ ފެންނަމުންދަނީ އެ ސަރުކާރަކަށް ޖެއްސުން ކުރަމުންދާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަކީ އެ ރަށެއްގެ ނުވަތަ އެ ދާއިރާއެއްގައި ހިމެނޭ ކަންބޮޑުވުންތައް ސަރުކާރަށް ދަންނަވައިގެން ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ރައްޔިތުންގެ ފަރާތުން ފޮނުވާފައި ހުންނަ މަންދޫބެވެ.

ލަތީފް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ބަލާއިރުވެސް މުޅި ރަށް ނިސްބަތްވާ އެންމެ ބޮޑު އެއް ރަށަކީ ދިއްދޫ ކަމަށާއި ދިއްދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ތަރައްގީ ކަމަށެވެ. ދިއްދޫ ރައްޔިތުންނަކީ ރާއްޖޭގެ ނިސްބަތުން ބަލާ ނަމަ ހުރިހާ ކަމަކަށް ބޭނުންވެފައި ކުރިއެރުމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ދިއްދޫގެ %65 ޒުވާނުން ކަމަށާއި، ޒުވާނުން ބޭނުންވަނީ ޒަމާނީ ތަރައްގީ ކަމަށެވެ. އަދި އެކަން ކޮށްދެވޭ ވަރުގެ ހިތްވަރާއި ހުނަރާއި ގާބިލްކަމަށް ލޯހުޅުވެނީ ކާކުތޯ ދިއްދޫ ރައްޔިތުން ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ މާޒީގައި އެކަންކަން ކޮށްދެއްވީ އޭނާ ކަން ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ 40 ވަރަކަށް އަހަރަކަށް އަހަރުގެ ދިގު ތާރީހުގައި ވެސް ދިއްދޫގެ ހެވާއި ލާބައަށް މަސައްކަތްކޮށް ދެއްވާފައި ވަނީ ލަތީފް ކަމަށް ދިއްދޫ ރައްޔިތުން ގަބޫލު ކުރެއެވެ. އަދި ދިއްދޫ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކެންޑިޑޭޓަކީ ލަތީފް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ލަތީފް ހުންނެވީ ދިއްދޫ ދާއިރާގެ ރައްޔިތުންގެ މޫނު މައްޗަށް އަލުން ހިނިތުވުން ގެނެސްދޭން ތައްޔާރަށެވެ.

ލަތީފް ކެމްޕެއިންގައި.

ދިއްދޫ ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

"މިއަދު ވެސް އަޅުގަނޑު 90 މިނެޓު ސިޔާސީ މައިދާނުގައި ހިފަހައްޓާލެވޭ ނަމަ، ބުންވަރާއި ފަންވަރާ އެއްކޮށް އެ މެޗު ނިންމާލުމުގެ ހިތްވަރު ހުރީ އަޅުގަނޑު ގައިގައި. އެކަން ކުރެވޭނެ މީހެއްގެ ލިސްޓުގެ އެންމެ ކުރިއަށް އަޅުގަނޑު އަންނާނެ ކަމާ މެދުގައި ޝައްކު ނުކުރަން." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި އޭނާއަކީ ހުރިހާ ރައްޔިތުންނާ ވެސް ގުޅޭނެ ބޭފުޅެކެވެ. އޭނާއަކީ އެއްވެސް ބޭފުޅަކު ބާކީ ނުކޮށް، ހުރިހާ އެންމެންނާއި ހުރިހާ "ކުލަތަކަކާ" އެކީގައި ވެސް ކުރިއަށް ދެވޭނެ ބޭފުޅެއް ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

"ކެންޑިޑޭޓު ނަންބަރު ތިނަކަށް ވޯޓު ދެއްވައިފި ނަމަ، ދިއްދޫ ވާނީ ވޭތުވެދިޔަ 15 އަހަރު ދުވަހު ނުގެނެވުނު ތަރައްގީ އަންނަ ރަށަކަށް. އަޅުގަނޑު މި ހުރީ އެކަން ކޮށްދޭން ތައްޔާރަށް. އެއާޕޯޓު އެޅިގެން ދާނެ. ހޮސްޕިޓަލް އެޅިގެން ދާނެ. އިންޓަނޭޝަނަލް ފެންވަރުގެ ދަނޑުތައް އެޅިގެންދާނެ. ހާއްސަކޮށް ޒުވާނުންނަށް އިސްކަން ދެވޭނެ. ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމަކީ އަޅުގަނޑުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަ އެއްޗެއް." ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިހުސާނު

    ލަނޑަޔާވާނި ލަނޑަޔައް، ލަތީފުބެ ވާނި ހަމަ ލަތިފުބެއަށް، މިފަހަރު ސަރުކާރަށް ފުރަތަމަ ފަހަރަށް މަޖިލިސް ގޮނޑި ގެއްލޭނެ.

    8
    13
  2. ތިލަދުންމަތި

    ހަމަލަ ފުނަމާ ލަތީފު ވަރެއްނެތް ދިއްދޫ އެއަރަޕޯޓް ހޮސްޕިޓަލް ތައްރަގީ ލަތީފު ދިއްދޫ ގެރައްޔަތުންތިބީއަތުގުޅާފައިޔަގީން

    5
    3
  3. Anonymous

    ލަޠީފުބެއަށް ވަރަށް ތާއީދު. ލަޠީފުބޭގެ ނާރުތަކުގައި ހިނގަނީ ޤައުމީލޭ. ކޮންމެހެން ވެސް ހޮވަންޖެހޭ

    6
    4
  4. މުޙައްމަދު

    ހަޤީގަތުގައި ދިއްދޫ މީހުންނަކީ އެމީހުންގެ ޕާޓީން ގެންނަ ތަރައްގީ ނޫނިއްޔާ ތަރައްޤީ ބަލައިގަންނަބަޔެއްނޫން ހާސަކޮށް ދިއްދޫގެ އެމްޑީޕީ ކުދިންކޮޅު.. ރައީސް ޔާމީން އެއާޕޯޓެއް އަޅާދޭނެ ވާހަކަ ބުނި ހިސާބުން އެއީ ކުރަން ހެޔޮވާވަރު ކަމެއްނޫންކަމަށް އެމްޑީޕީ މީހުން އައީ ބުނަމުން.. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އެއާޕޯޓް ވާހަކަ ދެއްކުމުން އެކަލަ ދެކޮޅައްވާހަކަ ދެއްކެވި މީހުން ތިބީ ކޮނޑު ހުޅުން އައްނެއްޓެންދެން އައްޖަހަން.. ނިމިދިޔަ ސަރުކާރުން މަޖިލީހުގެ ފުލް މެޖޯރިޓީ ލިބިގެން ސަރުކާރާ އެެއްކޮޅައް ތިބެ އެމްޑީޕީ އަށް ރަށުގެ ތަރައްގީއައް ކޮށްދެވުނު މާބޮޑު ކަމެއްނެތް.. ދެން އަދި މިސަރުކާރާ ދެކޮޅައް ސަރުކާރައް ޖެއްސުންކުރާ ބަޔަކަށް ގެނެވޭނެ ތަރައްޣީއެއް ނޯންނާނެ.

    9
    4
  5. އަހުމަދު

    ލަތީފް ރަނގަޅު އެކަމަކު ރައީސް ޔާމީނަށް ދޯކާދިން ރައްޔަތުން މަޖުލީހުގެ 12 މެމްބަރުންގެތެރޭ މީނާ ހިމެނޭ ފައިސާއަށް ގާސިމަށް ގޮޑިވިއްކި މީހެއް ގައުމީ ލޭހުރިނަމަ ތަރައްްްޤީ ވަމުން އައި ރާއްޖެއަކަށް ގެއްލުމެއް ނުދިނީސް

    2
    1