ދިވެހިންނަކީ ދިވެހި މަންމައެއް ނުވަތަ ބައްޕައެއް ލިބިފައިވާ މީހުންނެވެ. ދިވެހި ބަހުން ވާހަކަދައްކާ މީހުންނެވެ. ބިދޭސީ އަކު ވެސް ނިކަން ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އާ ކަމެއް ނޫނެވެ. ރާއްޖެ އަންނަ ބިދޭސީން ވެސް ދިވެހި ބަސް ދަސްކޮށްލަނީ ނިކަން ފަސޭހައިންނެވެ. ދިވެހި ބަސް ބިދޭސީންތައް ފަސޭހައިން ދަސްވާ އެއް ސަބަބަކީ އަވައްޓެރި ގައުމުތަކުގެ މީހުން ވާހަކަދައްކައި އުޅޭ ބަހާއި ދިވެހި ބަހަކީ ވެސް "އެއް އާއިލާއަކަށް" ނިސްބަތްވާ ބަސްތަކަކަށް ވާތީއެވެ.
ދައްކަން މިއުޅެނީ ދިވެހި ބަހުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ދުވަހަކު ވެސް ދިވެހިރާއްޖެ ނުފެންނަ، ދުވަހަކު ވެސް ދިވެހިރާއްޖެ އަށް ދަތުރު ކުރުމުގެ ނަސީބު ލިބިފައި ނުވާ "ދިވެހިންގެ" ވާހަކައެވެ. އަވައްޓެރި ސްރީލަންކާ އިން އަޅުގަނޑުމެންނާއި ބައްދަލުވި ލަންކާ އަށް އުފަން، ލަންކާގެ ރައްޔިތުން ނަމަވެސް ދިވެހިން ދެކެ ނިހާޔަތައް ލޯބިވާ، ދިވެހި ބަހުން ފަސޭހަ ކަމާއި އެކު ވާހަކަދައްކާ މީހުންގެ ވާހަކައެވެ.
ސްރީލަންކާ އާއި އިންޑިއާ އަށް ދަތުރު ކުރާ މީހަކަށް ކުރޮޅި ޑްރައިވަރަކު ނުވަތަ ވޭން ޑްރައިވަރަކު ދިވެހި ބަހުން ވާހަކަދެއްކުން އެއީ އާ ކަމެއް ނޫނެވެ. އަދި އެއިން ގައުމެއްގެ ބާޒާރެއްގައި ނުވަތަ ފިހާރައެއްގައި ހުންނަ މީހަކު ދިވެހި ބަހުން ވާހަކަދެއްކުން އެއީ ވެސް އާކަމެއް ނޫނެވެ.
ނަމަވެސް އެމީހުންނާއި ދިވެހި ބަހުން ރީއްޗަށް ވާހަކަދައްކާލާ، އެމީހުންގެ ވާހަކަތައް އަޑު އަހާލުން މިއީ މިގައުމުތަކަށް ދަތުރު ކުރާ ދިވެހިން މާގިނައިން ކުރާ ކަމެއް ނޫނެވެ.
ސްރީލަންކާ އާއި ރާއްޖެ އަށް ބަލާއިރު މިއީ އެތައް ގަރުނެއް ވެފައިވާ އެކުވެރި ގުޅުމެއް އޮތް ދެގައުމެވެ. މީލާދީ ތާރީޚަށް ބަލާނަމަ 12 ވަނަ ގަރުނާއި ހަމައަށް ވެސް މިގުޅުން ދެމިގެން ގޮސްފައި އެބައޮތެވެ. ލަންކާގެ ވަރަށް އިއްޒަތްތެރި ބޭފުޅުން ދިވެހިންނާއި ކައިވެނި ބައްލަވައިގަނެގެން ރާއްޖޭގައި ދިރިއުޅުއްވާފައި ވެސް އެބަހުއްޓެވެ. ދިވެހިން ވެސް ލަންކާ މީހުންނާއި ކައިވެނި ބައްލަވައިގެން އެގައުމުގައި ދިރިއުޅުއްވާފައި އެބަހުއްޓެވެ. މިގުޅުން މިހާރު ވެސް އެބައޮތެވެ.
ދެގައުމުގެ ވިޔަފާރީގެ ގުޅުމަށް ބަލާއިރު ލަންކާގެ ގޯލް އަކީ އެއް ދުވަސްވަރެއްގައި ދިވެހިންގެ މައި ވިޔަފާރީގެ ބަނދަރެވެ. ފަހުގެ ތާރީޚަށް ބަލާއިރު 1970 އާއި ހަމައަށް އައިއިރު ވެސް ރާއްޖެ އެތެރެކުރާ 65 އިންސައްތަ މުދަލަކީ ލަންކާ އިން އެތެރެކުރާ މުދަލެވެ.
މިހުރިހާ ކަމަކަށް ބަލާއިރު ދިވެހިންނާއި ލަންކާ މީހުންނާއި ދެމެދު އަބަދުވެސް އޮތީ ހިތާއި ހިތުގެ ގުޅުމެކެވެ.
ފާއިތުވި ދިހަ ވަރަކަށް އަހަރަކީ ލަންކާ އަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަަރަށް ބޮޑަށް އިތުރުވެފައިވާ ދިހަ ވަރަކަށް އަހަރެވެ. ލަންކާގެ ޑްރައިވަރުންނާއި، ވިޔަފާރިވެރިންނާއި، ގެދޮރު ކުއްޔަށްދޭ މީހުންނަށް ދިވެހިންނަކީ ވަަރަށް ބޮޑު މާކެޓެކެވެ. އެހެންކަމުން ދިވެހިންނާއި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުން އެއީ ލަންކާގެ ކޮންމެ ރައްޔިތަކު ވެސް ވަރަށް ބޭނުންވާ ކަމެކެވެ. ދިވެހިންނާއި މެދު ލަންކާ މީހުން ހާއްސަ ގާތް ކަމެއް ބަހައްޓަނީ އެހެން ކަމަށް ވާތީ ކަމަށް ވެސް ވެދާނެއެވެ.
ލަންކާ އަށް އަޅުގަނޑުމެން ކުރި ދަތުރުގައި އަޅުގަނޑުމެންގެ ހުރިހާ ކަމެއް ހަމަޖެއްސީ ލަންކާގެ ރައްޔިތެއް ކަމަށްވާ އަންޖަނާ ވިޖެސެންކަރަ އެވެ. ކުރިން ވެސް ލަންކާ އިން އެތައް ފަހަރަކު އަޅުގަނޑާއި ބައްދަލުވެފައިވާ އަންޖަނާ އަކީ ފަރިތަކަމާއި އެކު ދިވެހި ބަހުން ވާހަކަދައްކާ ދިވެއްސެކެވެ.
ވޭން ޑްރައިވަރެއް ކަމަށްވާ އަންޖަނާ ބުނާ ގޮތުން އޭނާ ދުވަހަކުވެސް ރާއްޖެއަކަށް ނާދެއެވެ. ދިވެހިބަހުން ވާހަކަދައްކަން އޭނާ ދަސްކުރީ ޑްރައިވަރަކަށް އުޅެމުންނެވެ. ވޭނަށް އަރާ ދިވެހިންނާއި ވާހަކަދައްކައިގެން އޭނާ ދިވެހި ބަހުން ވާހަކަދައްކަން ދަސްކުރިތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. މިހާރު ދިވެހިން ލިޔަންކިޔަން ވެސް ދަސްކޮށްފައިވާ އަންޖަނާ ދިވެހި ބަހުން މެސެޖް ވެސް ކޮށްލަނީ ނިކަން ފަރިތަކޮށެވެ.
ލަންކާ އަށް ދަތުރުކުރާ ދިވެހިން އެންމެ ގިނައިން ވިޔަފާރި ކޮށްލަންދާ މެޖިސްޓިކް ސިޓީ (އެމްސީ) ކައިރިން ބައްދަލުވި ކުރޮޅި ޑްރައިވަރަކާއި އަޅުގަނޑު ވާހަކަދައްކާލީމެވެ. ވިކްރަމް ކިޔާ އެމީހާ ވެސް ނިކަން ފަރިތަކޮށް ދިވެހިން ވާހަކަދައްކައެވެ.
"އަހަރެން ދިވެހިން ވާހަކަދައްކާތާ މިހާރު ވެދާނެ 13 ވަރަކަށް އަހަރު. ވަރަށް ގިނަ ދިވެހިންނާއި އަހަރެން ރައްޓެހި ވާނެ. ރައްޓެހިން ލަންކާ އަށް އައިސްފައި އަހަރެންނަށް ގުޅާނެ." ވިކްރަމް ބުންޏެވެ.
ލަންކާގެ ޝޮޕިން މޯލަކުން ބައްދަލުވި ޒުވާން ސޭލްސް ގާލްއެއް ދިވެހިން އަޅުގަނޑާއި ވާހަކަދެއްކުމުން އޭނާ އާއި ވާހަކަދައްކާލާ ހިތްވެއްޖެއެވެ. ދިވެހި ބަހުން މާގިނަ އެއްޗެހި ބުނަން އޭނާ އަށް ނޭނގޭތީ އަޅުގަނޑު އޭނާ އާއި ވާހަކަދެއްކީ އިނގިރޭސީންނެވެ.
ދުލާނީ ކިޔާ ޒުވާން އަންހެން ކުއްޖާ ބުނީ އޭނާ ރާއްޖޭގެ މައުލޫމާތު ހޯދާ ކަމަށާއި ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް ކަން ފާހަގަ ކުރެވޭ ކަމަށެވެ.
"ކޮންމެ މީހަކު ވެސް ހުންނާނީ ހިނިތުންވެފައި. އަހަރެން މިދަނީ މިހާރު އަންނަ އަހަރު ކައިވެނި ކޮށްގެން ހަނީމޫނަށް ރާއްޖެ ދާން ފައިސާ އެއްކުރަމުން. އަގުބޮޑު ރިސޯޓެއްގައި ހުރެވޭ ވަރަށް ފައިސާ އެއް ނުކުރެވުނަސް ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލަން ނަމަވެސް އަހަރެން އަންނަ އަހަރު ރާއްޖެ ދާނަން." ދުލާނީ ބުންޏެވެ.
ލަންކާ އިން ބައްދަލުވާ މީހުންގެ ފަރާތުން ދެން ފާހަގަ ކުރެވޭ އަނެއް ކަމަކީ ރާއްޖޭގެ މައުލޫމާތު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގުމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ނަންފުޅުތަކާއި ސިޔާސީ މަސްރަހުގައި ދުވަހުން ދުވަހަށް ހިނގާ ކަންކަން ބައެއް ދިވެހިންނަށް ވުރެ ވެސް ރަނގަޅަށް ލަންކާގެ ޑްރައިވަރުންނާއި ފިހާރަތަކުގެ ސޭޓުންނަށް އެނގެއެވެ.
ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ދުވަހަކު ވެސް ރާއްޖެ ހަމަލޮލަށް ފެނުމުގެ ނަސީބު ލިބިފައިވާ މީހުންނެއް ނޫނެވެ.
ލަންކާ އަށް އެތައް ހާސް ދިވެހިންނަށް ދަތުރު ކުރަމުން ދާއިރު އަދި ލަންކާގައި އެތައް ހާސް ދިވެހިންނެއް ދިރިއުޅޭއިރު ލަންކާ މީހުންގެ ހިތުގައި ދިވެހިންނަށް ދެވިފައިވާ މަގާމަށް ގޯސް ބަދަލެއް އަންނާނެ ފަދަ އެއްވެސް ކަމެއް ދިވެހިން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިޙްތިރާމް ލިބޭނީ އިޙްތިރާމް ކޮށްގެން ކަން ގަބޫލުކުރަން ޖެހެއެވެ. ކޮންމެ ދިވެއްސަކު ވެސް ގައުމުން ބޭރުގައި ދިރިއުޅޭއިރު ވިސްނަން ޖެހޭނީ ތިމަންނާ މިދަނީ މުޅި ގައުމު ތަމްސީލް ކުރަމުންނެވެ. ތިމަން ހޯދާ ކޮންމެ ރީތި ނަމެއް އަދި ތިމަން ހޯދާ ކޮންމެ ހަޑި ނަމަކީ މުޅި ގައުމަށް ލިބޭ ނަމެކެވެ. އެހެންކަމުން ގައުމު ތަމްސީލް ކުރުމުގައި އެއްވެސް މީހަކު ގޯސް ކަމެއް ނުކުރާށެވެ.
"ވަގުތު" މުވައްޒަފުން ސްރީލަންކާ އަށް ކުރި ޗުއްޓީ ދަތުރުގެ ސްޕޮންސަރަކީ އޭސް އޭވިއޭޝަން އެވެ. އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ދުނިޔޭގެ 53 މަންޒިލަކަށް ދަތުރު ކުރުމަށް އޭސް އޭވިއޭޝަން އިން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.
އަންނަ އަހަރު ކަލޭމެން އެމީހުން މިކޮލަށް ގެންނަން ވީ ނުން ވަގުތު އެހީގެ ދަށުން
ސްރީލަންކާ މީހުން ނުވާނެ ދިވެހިންނަކަށް
ދިވެހިން ބޭރުމީހުންނާ ވަރަށް ހިނިތުންވާނެ. އެކަމަކު ދިވެއްސެއް ދިވެއްސަކަށް ފެނިއްޖިއްޔާ ހުންނާނީ ތުންދަމާފާ.
ވަރަށް ރަގަޅު ވާހަކައެއް
ދުވަހަކުވެސް އިނގިރޭސިވިލާތް ނުދެކޭ އިނގިރޭސިން މިރާއްޖޭގައި ހާދަހާ ބައިވަރެއް އެބައުޅެޔޭ. މިއިނގިރޭސިންގެ ވާހަކަވެސް ގެނެސްދޭން ވެއްޖެނޫން.
ދިވެހި ބަހުން ވާހަކަ ދެއްކީމަ ދެން އެ ދިވެއްސަކަށް ވީ ތަ؟
ލަންކާގައި ދިރިއުޅޭ ދިވެހިން ފެނުނަސް އަޅާވެސް ނުލައެވެ. އެތަނުގެ ހޮސްޕިޓަލެއްގައި ޓްރޭނިންގ އަށް އުޅުނު ދިވެހި އަންހެން ކުއްޖަކާ ވާހަކަ ދައްކާ އަނގަތަޅާމީވެ. އޭނާވެސް ބުނީ ދިވެހިން އެމީހުންނާ ވާހަކަ ނުދައްކާ ކަމުގައެވެ. އެމީހުންވެސް ދިވެހިންކަން އެނގިގެން އިސްވެ ވާހަކަ ދައްކަން އުޅުނަސް ގިނަމީހުން ވާހަކަ ނުދައްކާތީ ތިމަންނަމެންވެސް ދިވެހިންގެ ޕްރައިވަސީ ގެއްލިދާނެތީ އިސްވެ ވާހަކަ ނުަދައްކާކަމުގައެވެ. މިދަރިވަރުންގެ ފަރާތުން އަހަންނަށް ހޮސްޕިޓަލާއި ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބުނެވެ.
ލަންކާގަ އުޅޭ ދިވެހިންނަކީ ފޮނިބޮޑު ބައެއް..އެތާ ދިރި އުޅޭ ބައެއް މީހުންނަށް ހީވެފަ އޮންނަނީ ލަންކާ މީހުންނަކީވެސް އަޅުންކަމަށް..އެހާ ފުއްޕާފަ އުލޭމީހުންވެސް މަދެއްނޫން..ދެންކޮން ގައުމެއް ތަމްސީލު ކުރެވޭނީ..