ޏ.ފުވައްމުލަކަށް އުފަން، ޢުމުރުން 28 އަހަރުގެ އައިމިނަތު އަސްރާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން، އަސްރާގެ އެއް ބަނޑު އެއްބަފާ ކޮއްކޮ އަކާއި، އަސްރާގެ ފިރިމީހާ އާއި އެކު އޭނާ ދިރިއުޅެމުން އެ ގެންދަނީ އިންޑިޔާގެ ބެންގަލޫރުގައެވެ. އެއީ އޭނާ އަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ފަރުވާ ކުރުމަށެވެ. އަސްރާގެ ފުއްޕާމެއާއި ހިތް ބަދަލުނުކޮށް، އޭނާ އަށް އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތެވެ. ދިރިއުޅުމުގައި މާބޮޑު އުންމީދުތަކެއް ނެތެވެ. އަސްރާގެ ބަލިހާލަތުގެ ތަފްޞީލް އޭނާގެ ބައްޕަ ވަނީ "ވަގުތު" އާއި ހިއްސާ ކޮށްފައެވެ.

"އޭނާ އަކީ ވިހޭ އިރުވެސް ވަރަށް ބަލި ކުއްޖެއް. ނަމަވެސް ވަކި ހިސާބަކުން ހަމައަކަށް އެޅުނު. ދެން އޭނަ ގުރޭޑް 9 ގައި ކިޔަވަމުން ދަނިކޮށް، އެއްދުވަހު ވަރަށް ބާރަށް ކެއްސާފަ އަނގައިން ލޭ އައީ. އެކަން އެގޮތަށް ދިމާވީމަ އަޅުގަނޑު ދިޔައީ އޭނަ ގޮވައިގެން މާލެ. މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކީމަ ޑޮކްޓަރުން ބުނީ އެއްވެސް މައްސަލަ އެއް ހުރިކަމަށް ފާހަގައެއް ނުކުރެވެޔޭ. އެއްވެސް މައްސަލަ އެއް ނެތޭ. އެހެން ކިޔާފައި އެ ފަހަރު އަޅުގަނޑުމެން ފޮނުވާލީ. ދެން މީގެ 8 އަހަރު ކުރިން އަނެއްކާވެސް އޭނަ ވަރަށް ބޮޑަށް ބަލިވި. ބަލިވީމަ އަނެއްކާވެސް އަޅުގަނޑުމެން ދެއްކީ އައިޖީއެމްއެޗަށް. ދެއްކީމަ އެމީހުން ބޭސް ދިނީ ޑެންގީ އަށް. އަޅުގަނޑަކަށް ނޭނގެ ކިހިނެއް ބަލާފައި ކަމެއް އެމީހުން ޑެންގީއަށް ބޭސްދިނީ. އެއްގޮތަކަށްވެސް ރަނގަޅެއް ނުވި." އަސްރާގެ ބައްޕަ ކިޔައިދިނެވެ.

އަސްރާ އަށް ވަނީ ޑެންގީ ހުން ޖެހިފައި ކަމަށް ބަލާ އައިޖީއެމްއެޗުން ބޭސް ދިން ނަމަވެސް އޭނާގެ ފަރުވާއަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެހެންކަމުން އޭނާގެ ބައްޕަ ބޭނުންވީ އަސްރާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށެވެ. އައިޖީއެމްއެޗުން އަސްރާ ދޫ ނުކޮށްގެން، ބޭރަށް ގެންދަންޖެހުނީ ގަދަކަމުން ކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.

"އައިޖީއެމްއެޗްގައި އޮންނަތާ އެތައް ދުވަހެއް ވީ އިރުވެސް އެއްވެސް ވަރަކަށް ރަނގަޅެއް ނުވޭ. ހައްތަހާ ހާލަތު ދަނީ ދަށަށް. ދެން އަޅުގަނޑު ބުނީ އަޅުގަނޑު ބޭނުމޭ އަސްރާ ގޮވައިގެން ރާއްޖޭން ބޭރަށް ދާން. އައިޖީއެމްއެޗުން ބުނީ އެއްވެސް އުންމީދެއް ނެތޭ ދެން. އެހެންވީމަ ބޭރަށް ދިޔަޔަސް ކޮންކަމެއްހޭ ވަކި ކުރާނީ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުންމީދު އޮތީމަ އަޅުގަނޑު ބޭނުންވީ ބޭރަަށްދާން. އެންމެ ފުރަތަމަ ދިޔައީ އިންޑިޔާގެ ޓްރިވެންޑްރަމް އަށް. ގޮސް ދެއްކީމަ ބުނީ ފުއްޕާމޭގެ މައްސަލަ އެކޭ. އެމީހުންވެސް ބުނި އުންމީދެއް ނެތް ވާހަކަ. އެހިސާބުން އެމީހުން ދިނީ އެއް މަސް ދުވަހުގެ ބޭސް. ދީފައި ބުނީ އެއްމަސް ފަހުން އަންނާށޭ އަނެއްކާވެސް ދައްކަން. ދެން ދިޔައީމަ ދިނީ ހަތް މަސް ދުވަހުގެ ބޭސް. އެމީހުންވެސް އަސްލު މައްސަލަ އެއް ނުބުނޭ. ކިހިނެއްވެގެން ދިމާވި ގޮތެއް ކަމެއްވެސް އަދިއަދަށްވެސް ނޭނގެ." އަސްރާގެ ބައްޕަ ބުންޏެވެ.

އަސްރާއަށް ފަރުވާ އެއް ހޯދުމަށްޓަކައި މީގެ ދޮޅު އަހަރު ކުރިން ވަނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށްވެސް ދެ ފަހަރު ދައްކާފައެވެ. ނަމަވެސް އަސްރާގެ ބައްޔަށް ދާއިމީ ފަރުވާއެއް ލިބެން އަންނަނީ ހިތާ ފުއްޕާމޭ ބަދަލުކޮށްގެން ކަމަށް އެތަނުން ވެސް ވަނީ ބުނެފައެވެ.

"ކޮޗިންގެ އަމްރިތާ އަށްވެސް ދެއްކިން ދެ ފަހަރު. ދެން އެންމެ ފުުރަތަމަ އެމީހުން ބުނީ އެއްޗެއް ބުނަން އެނގޭނީ ޓެސްޓެ ހެދީމައޭ. ބޭސް ދީފައި ބުނީ ހަމަސްފަހުން އަންނާށޭ. އައީމަ ބުނީ ހިތާ ފުއްޕާމޭ ބަދަލު ކުރަން ޖެހޭ ވާހަކަ. ނަމަވެސް އެތަނުން އެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް ބުނީ. އެއީ އަސްރާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވީމަ. އަދި ލޭގެ ޕްރެޝަރވެސް މާ މަތީގަ ހުންނާނީ. ދެން އެހިސާބުން ވަރަށް ދެރަވި. ދެން މާބޮޑު ފަރުވާ އެއް ކުރެން ނެތް ކަމަށް ބަލާފައި ދަރިފުޅު ގޮވައިގެން އަޅުގަނޑު އައީ މާލެ. އައިސް މާލޭގަ ހުރީ." އޭނާގެ ބައްޕަ ކިޔައިދިނެވެ.

އަސްރާގެ ބަލީގެ ކަންކަން ރަނގަޅު ކުރެވޭތޯ މާލޭގައި ހުރެގެންވެސް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލަށްވެސް އަސްރާ ވަނީ ދައްކާފައެވެ.

"ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވި ޚަބަރު ލިބުނީމަ އަޅުގަނޑުމެން ދިޔައީ އެތަނަށް ދައްކަން. ދިޔައީމަ ޓެސްޓުތައް ހަދާފައި ބުނީ ދާށޭ އޮސްޓްރޭލިޔާ އަށް. އެތަނުން ތި އޮޕަރޭޝަން ކުރެވޭނެޔޭ. އަދި އިދާރަކުރެއްވިއްޔާ ކާމިޔާބު ވެސް ވާނޭ ބުނީ. ދެން އަޅުގަނޑުމެން އަތުގަ އެވަރުގެ ތަނަވަސްކަން ނެތީމަ އަޅުގަނޑުމެން އެދުނީ އާސަންދައިގަ އެހީއަކަށް. އެދުނީމަ އެބޭފުޅުން ބުނީ ތި އޮޕަރޭޝަން ކުރެވޭނޭ އިންޑީޔާގެ ބެންގަލޫރުންވެސް. އެތަނަށް ދާށޭ. ދެން ބެންގަލޫރަށް ފޮނުވީ ހުރިހާ ލިޔެކިޔުންތަކެއް. ފޮނުވީމަ އެތަނުން އެންގީ އެކޮޅަށް ދިއުމަށް. ގޮސް ޓެސްޓު ހެދީމައޭ ބުނީ އެނގޭނީ ވަކި އެއްޗެއް ބުނަން. ދެން މިދިޔަ އަހަރުގެ ޖޫން މަހު އަސްރާ އާއި އޭނާގެ އެއްބަނޑު ކޮއްކޮ އާއި، އަސްރާގެ ފިރިމީހާ އާއި އެކޮޅަށް ދިޔައީ. ދިޔަ ގޮތަށް އަދިވެސް ބެންގަލޫރުގަ ތިބީ." އަސްރާގެ ބައްޕަ ކިޔައިދިނެވެ.

އަސްރާގެ ބަލި ރަނގަޅުވާން އަންނަނީ އޭނާގެ ފުއްޕާމެއާއި ހިތް ބަދަލުކޮށްގެން ކަމަށް ވީ ނަމަވެސް، ފުއްޕާމެއަކާއި ހިތެއް ހޯދުމަކީ ވަރަށް އުނގަދޫ ކަމެއް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"އަސްރާގެ ލޭގެ ގުރޫޕާއި، އޭނާގެ އުމުރާއި، އިސްކޮޅުވެސް ދިމާވާން ވާނެ. އަޅުގަނޑުމެން މިހާރު ވާނީ ބެންގަލޫރުގަވެސް އަދި އިންޑިޔާގައިވެސް ވެއިޓް ލިސްޓު ކޮށްފައި ފުއްޕާމެއަކާއި ހިތެއް ހޯދުމަށް. ދެން ބޮޑެތި އަނިޔާ ލިބިގެން ދުނިޔެ ދޫކުރާ މީހުންގެ ފުއްޕާމެއާއި ހިތް އެމީހުން ނަގަނީ. ނަގާތާ ހަތަރު ގަޑި އިރުގެ ތެރޭގައި އެ އޮޕަރޭޝަން ކުރަން ޖެހޭ. މިއީ ވަރަށް އެހެން ކަހަލަ އެޕަރޭޝަނެއް. އެ ހުރިހާ އެއްޗެއް ދިމާވެގެން އެކަން ކުރެވެންވެސް އަންނަނީ. އެހެންވީމަ، އިންޑިޔާގައި އަދިވެސް ހޭދަކުރަންޖެހޭނެ ދުވަހެއް ބުނާކަށް ނޭނގެ. އޭނާއަށް ނޭވާވެސް ލެވެނީ އޮކްސިޖަން ބޭނުންކޮށްގެން ކަމަށްވާތީ، ރާއްޖެ ގެންނަށް ބެލިޔަސް އެކަންވެސް ކުރެވޭކަށް ނެތް. ފްލައިޓް ތަކަށް އެރުވުމުގެ ހުއްދައެއްވެސް ނޯވޭ. އަދި ރާއްޖެ ގެނެސްގެން ކުރެވޭނެ ފަރުވާއެއްވެސް އޮތީއެއް ނޫން. އެހެންވީމަ، އެކޮޅުގަ އެމީހުން ތިބުމާއި ހުރުމާއި، އަދި އެހެނިހެން ޚަރަދުތަކަށް ފައިސާ ބޭނުންވެފައި މި ވަނީ. ކުރިންވެސް ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން އަޅުގަނޑުމެންނަށް އެހިސާބަށް ދެވުނީ. މިފަހަރުވެސް އަޅުގަނޑު އާދޭހާއި އެކު އެދެން އަޅުގަނޑުގެ ދަރިފުޅަށް ދިމާވެފައި އެވާ ހާލާތުން އަރައިގަތުމަށް ތިޔަ ހުރިހާ ބޭފުޅުންވެސް އެހީތެރިކަން ވެ ދެއްވުމަށް. އެއީ ގެއްލިގެންދާ އެއްޗަކަށް އިރާދަކުރެއްވިއްޔާ ނުވާނެ." އަސްރާގެ ބައްޕަ ބުންޏެވެ.

އަސްރާއަށް އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދެއްވުމަށް އެ އާއިލާއިން އެދެއެވެ.

އެކަންޓުން ނަން: އައިމިނަތު އަސްރާ

އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133

އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

ގުޅޭނެ ނަމްބަރ: 7755054 އަޙުމަދު މުޙައްމަދު (އަސްރާގެ ބައްޕަ)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

 

.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    ހާދަދެރައޭ ކިޔާލާ ކޮއްމެޚަބަރަކުންވެސް އައިޖީއެމް އެޗްގެ ފަރުވާކުޑަވާހަކަ ނޫންވާހަކައެއް އަޑުނީވޭ އަސްލުވިސްނަންވެއްޖެ ސަރުކާރުންވެސް ކޮއްމެ މީހަކަށް ނުދެވޭނެ ޑޮކްޓަރަށް ދައްކަން ޖެހޭ ކޮއްމެފަހަރަކު ގައުމުންބޭރަކަށް ނުދެވޭނެ ވ ދެރަކަމޔގެ ކޮޅެއްވެސްނެތް

    71
    2
  2. ޣަބީ

    ގުރުއާނުގެެ އަޑުއެހުމުން ޝިފާ ލިބޭ. އަބުދުލް ބާސިތުގެެ ކިޔެވުން އަޑުއެހުން ރަގަޅުވާނެ

    20
    2
  3. ޙައުލާ

    ހޯރަފުށީ ޓީޗަރ ގެ މައުލޫމާތުވެސް ވަގުތުން ގެނެސްދެއްވަފާނަންތޯ. ދިވެހި އުއްމަތަކީ އެކަކު އަނެކަކަށް އެހީތެރިވާ އަޚްވަންތަ އުއްމަތެއްކަމުގައި ލައްވާށި. އާމީން. އަޅަމެންގެ ފުށުން ވެފައިވާ ކުއްތަކާއި އަޅަމެނަށް ބުނެވިފައިވާ ނުބައި ބަސްތަކުގެ ސަބަބުން ﷲ ގެ ކޯފާއެއް އަޅަމެންގެ މައްޗަށް ނުފޮނުއްވާންދޭވެ. އާމީން.

    15