ބަލާބެލުމަށް ވިދާ ރަތުރަން ކަމަށްހީކޮށް ވަރަށް އުފަލުން
ބަލާތަކަކަށްވެދާ ފަދަ މަޢުދަނެއް ހޮވިކަން އެއީ މޮޔަކަން

ޝާޢިރު އެ ވިދާޅުވަނީ ހަމަ ތެދެކެވެ. އަޅުގަނޑުގެ ކީބޯޑުގެ ފިއްތަކަށް ހަލުވިކަމާއެކު އޮބައިލެވޭނީ، ކޮން އަކުރަކުން، ކޮން ފިއްޔަކުން، ކޮން ލަފުޒަކުން ފެށީމާބާވައޭ ހިތަށްއަރައެވެ. މި ފަދަ، ޚިޔާލުތަކެއްގެތެރެއަށް ގެނބެމުންދަނިކޮށް، އަޅުގަނޑުގެ ދުލަށްއައީ، އަޅުގަނޑުގެ ހިތަށް ސިފަވީ، އަޅުގަނޑުގެ ސިކުނޑިއަށް ވިސްނުނީ، ހަމަ އެންމެ ނަމެކެވެ. ހަމަ އެންމެ ބޭފުޅެކެވެ. ހަމަ އެންމެ ޝަޚުޞިއްޔަތެއްމެއެވެ. އާދޭހެވެ! އާދޭހެވެ! އިތުރު ތަޢާރަފަކަށް ބޭނުމެއްނުވާ، ތިޔަބޭފުޅުންގެ އުސްތާޛުލްޖީލެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ދިވެހި އަދަބީ އުދަރެހުން އެރި "އުޖާލާވި ރަންތަރި"، ފަޟީލަތުއްޝައިޚުލް އުސްތާޛުލް މަރުޙޫމު މުޙައްމަދު ޖަމީލްދީދީއެވެ.

އަޅުގަނޑުގެ ހަނދާނަށްއައީ، އެ ބޭފުޅާގެ ޅެމެކެވެ. ފުރިހަމަ ޅެމެކެވެ. މާނަ "ފުން" ޅެމެކެވެ. އާދޭހެވެ. "ތިމާގެ މޮޔަކަން" މި މައުޟޫޢުގެ ދަށުން، އެ ބޭފުޅާ ހައްދަވައިފައިވާ ދެވަނައެއްނެތް ފަދަ ޅެމެވެ. އެ ޅެމުގައި ހިމެނޭ، ހަތް ބައިތުގެތެރެއިން، ހަތަރުވަނަ ބައިތަށް ވަކިން ޚާއްސަ ނަޒަރެއްދެވުނެވެ. އެ ބައިތަކީތޯއެވެ. އާދެ! "ބަލާބެލުމަށް ވިދާ ރަތުރަން ކަމަށްހީކޮށް ވަރަށް އުފަލުން ބަލާތަކަކަށްވެދާ ފަދަ މަޢުދަނެއް ހޮވިކަން އެއީ މޮޔަކަން" އާދޭހެވެ.

މި ލިޔުމުގައި، އަޅުގަނޑު ތިޔަ ބޭފުޅުންނާއި ހިއްސާކޮށްލާނީ، އިސްވެ މި ދެންނެވި ބައިތުގެ ޝަރަހައެވެ. އިންސާފުކޮށްލައްވާށެވެ. އާދެ! އަޅުގަނޑުމެންގެތެރެއިން ގިނަ މީހުންނަށް، އެއްޗެއް ފެނުމާއިއެކު، އެއަށް ދަހިވެތިވެއެވެ. ތިމާއަށް ފެންނަ އެއްޗެއްގެ ޙަޤީޤަތް ބެލުމެއްނެތި، އެ އެއްޗަކަށް ހިތް އެދެނީ ކިތައް މީހުންތޯއެވެ. އާދޭހެވެ. އެއީ އިންސާނާގެ ޠަބީޢަތެވެ. އެހެންނަމަވެސް ހުރިހައި ކަމެއް، ޠަބީޢަތާއި މަތިކުރަން ހެޔޮވާނެތޯއެވެ. ފަހެ، އިންސާނުންނަށްވަނީ، ވިސްނައި ފިކުރުކުރުމަށް ސިކުނޑިއެއް ދެއްވައިފައެވެ. ދުނިޔެތެރެއަށް ނަޒަރު ހިންގައި ބަލާނެ ލޮލެއް ދެއްވައިފައެވެ. ހަވާނަފުސުގެ އެދުންތަކުން ތިމާއަށް، ތިމާ ރަމަތަކުރެވޭނެ ހިތެއް ދެއްވައިފައެވެ. ހަމަކަށަވަރުން އިންސާނާ އުފެއްދެވީ އެންމެ ފުރިހަމަ ސޫރައިގައެވެ.

ކަން މިހެން ހުރި ނަމަވެސް، ވިސްނައި ފިކުރުކޮށް، ދުނިޔެތެރެއަށް ލޯ ހުޅުވައިލައި ބަލައިލަނީ ވަރަށް މަދުބައެކެވެ. އިސްވެ ދެންނެވި ފަދައިން، ފެންނަ ކޮންމެ އެއްޗަކަށް އެދުންވެރިވެވެނީއެވެ. އެ ފެންނަ އެއްޗަކީ، ތެދަށް އޮތް އެއްޗެއްތޯ، ގުދަށް އޮތް އެއްޗެއްތޯ، ބަލައިލަނީ ވަރަށް މަދު ބައެކެވެ. ރީތިއެއްޗެއްވީމައި ހޯދަނީއެވެ. ބަލައިލެވެނީ ބޭރުފުށަށެވެ. އެ އެއްޗެއްގެ ކުލައަށެވެ. އޭގެ ބޭރުން ގިރިޓީކޮށްފައި ހުރީ ކިހާމިންވަރަކަށްތޯ ބަލައެއްނުލައެވެ. އޮފުދާރު އެއްޗެއްވީމައި ހިތަށް ކެތްވާވަރެއްނުވެއެވެ. ވިދައި ބަބުޅާތީ ނުބަލައި ދެވޭވަރެއް ވެސް ނުމެވޭމެއެވެ.

އާދޭހެވެ. އެއްވެސް ވަސްވާހެއްނެތެވެ. ވިދާހާ އެއްޗަކީ ރަނެއްނޫނެވެ. އެ އެއްޗަކީ، ބަލާވެރިކަމެއް ފަދަ މަޢުދަނަކަށް ވެސް ވެދާނެއެވެ. ރަތުރަންކަމަށް، ދަގަނޑުގަނޑެއް ހޮވުމުންވާނީ ކިހިނެއްތޯއެވެ. ބަލާވެރިކަމަކަށް ނޫނީ ނުވާނެއެވެ. ދަބަރު ފައިބަމުންގޮސް، ދަގަނޑުގަނޑު ހުސްވިޔަސް، އޭގެ އުނދަގުލުން ސަލާމަތްނުވެވޭނެއެވެ. ޝާޢިރު މިސާލު އެ ޖައްސަވަނީ، ވަރަށް ވެސް ފަރަޤު ބޮޑު ދޭއްޗަށެވެ.

ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، ރަނުގެ އަގާއި، ދަގަނޑުގެ އަގު ރޭދުވާހައި ތަފާތެވެ. ހަމަ މި ބީދައިން ބަލާއިރު، ކޮންމެ ރީތި މީހަކީ ރަނގަޅު މީހެއްނޫނެވެ. އަނބި ރީތީ ހެވިއްޔާ ދޮގެއްތޯއެވެ. ވަޅި ރީތީ ތޫނިއްޔާ އެހެން ނޫންތޯއެވެ. ވަސްމީރު ފިނިފެންމަލާއި، އެއްވެސް ވަހެއްނުދުވާ، ވަލު ފިނިފެންމާ ހުރޭ ނޫންތޯއެވެ. މި ފަދަ އިން ބަލާއިރު، ނުބައި އަންހެނަކާއި ޖެހިއްޖެނަމަ ދިރިއުޅުން ބަރުބާދު ވެސް ވެއެވެ. އެ ބަލާވެރިކަމުގައި ޢުމުރު ހުސްވެދެއެވެ.

ހަމަ އެ ގޮތަށް، ވަރަށް އިޚުލާސްތެރި، އިޙުސާންތެރި، އިތުބާރުހުރި ބޭފުޅެކޭ ހިތައި، ނަގާ ތަޚުތުގައި ވެޑުވީމައިވަނީ ކިހިނެއްތޯއެވެ. ރައްޔިތުންގެ މުޅި މިލްކިއްޔާތު، އެ ފަދަ ބޭފުޅެއްގެ އަތްޕުޅުމައްޗަށް ދޫކޮށްލީމައިވަނީ ކިހިނެއްތޯއެވެ. ރަތުރަންގަނޑެއްކަމަށް ހިތައި، ހޮވި ދަގަނޑުގަނޑުން، އެ ތަނެއް ދަބަރަށްވުން ނޫންކަމެއްވޭތޯއެވެ. ރައްޔިތުންގެ ޚަބަރެއްދަބަރެއް ބައްލަވައިނުލެއްވޭތަނުގައި، ރައްޔިތުން އުފަލާއެކު ހޮވި، ނުވަތަ ހޮވައިފައިވާ ބޭފުޅުންގެ ބަނޑުފުޅު ބޮޑުވުންނޫންކަމެއްވޭތޯއެވެ.

އެއްވެސް ޝައްކެއްނެތެވެ. މިހިރަމިހިރަ ކަންތައްތަކަކީ، ނިދައިފައި ތިބޭތީ، ވާހައި ގޮތްގޮތެވެ. ވިސްނައި ފިކުރުނުކުރާތީ، ކުރިމަތިވާހައި އުނދަގޫތަކެވެ. އަމިއްލައެދުން ބޮޑުވުމުން ޖެހޭހައި ބަލާވެރިކަންމެއެވެ. އާދޭހެވެ. މި ފަދަ ކަންކަމަށް ވުރެ ވަކިން ބޮޑު މޮޔަކަމެއް އެބައޮތްތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ދިވެހިން

  މިއަދު ރައްޔިތުން ހޮވި ސަރުކާރާއި މަޖިލީހާއި ތިބުނާ މަޢްދަނަކާ ހުރި ތަފާތަކީ ކޮބާ؟

  71
  4
 2. ރަތުރަން

  ރަނގަޅު ވާހަކައެއް! ޔާމީނު ވެރިކަމަށްގެނައީ ވ.ފޮނިއުއްމީދެއްގެ. އެކަމަކު މުޅިޤަޢުމު ދަވާލީ

  19
  80
  • ޖާބިރު

   ޔާމީނުތަ ދަވާލީ ؟ ނޫނީ ޔާމީނު އެކަނިތަ ދަވާލީ ؟ ނޫނީ އެފައިސާ ވަދުނީ ޔާމީނުގެ އެކައުންޓަށް އެކަނިތަ ؟؟؟ ކިޔާގޮތުން 200 އެތައް މީހެއްގެ އެކައުންޓަށް އެފައިސާ ވަދެފަވަނީ..... ބަލަ ކަލޯމެންގެ ޖަވާހިރު ދަގަނޑު ދަބަރު ރަޢީސް ނަޝީދުވެސް އެއޮތީ ބުނެފަ އަދީބު އަށް ވޯޓްދިނީ ސީދާ އެކަންކުރަންނޭ. " އަދީބަކީ ޔާމީން ސަރުކާރުގަ ތިމަންނަ އެޅުވި ފަންޏެކޭ " ކީކޭތަ މި ކިޔަނީ ؟ ދިވެހި ރައްޔިތުންގެ ޚަޒާނާގަ ކަތުރުފަނި އެޅުވިކަމަށް ނަޝީދުގެ އިޢުތިރާފުން ސާބިތުވޭ. އޭނާ ހިފާ ހައްޔަރުކުރަންޖެހޭ... އަދި މިހާރުގެ ދަބަރު ރަޢީސް އަށްވެސް އެފައިސާއިން ބައި އެޅި. ހިތާމައަކީ ނަންވަނީ ހަމައެކަނި ރަޢީސް ޔާމީން ކަމަށްވާތީ. ކީއްވެ ؟ ސަބަބު ވަރަށް ސާފް އެއީ މިރާއްޖޭގެ ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވާދެއްވި ރަޢީސް ކަމަށްވާތީ، މިރައްޖެ ދުވަހަކު ނުދެކޭ ތަރައްގީގެ ބިންގާ އަޅާ އެތައް ތަރައްގީއެއް ގެނެސްދެއްވީތީ، އެބާފުޅާގެ ސިޔާސީ ޙަޔާތް ކަފުންކުރަން ބޭނުންވާ އެތައް ޙަސަދަވެރިންނެއް އެބަތިބި.

   34
   4
   • ދަގަނޑު ދަހަނާ

    ބަލަ ތީ މިއުޅޭ މޮޔަ ޖާބިރުތޯ؟ ދުނިޔެ މަތީގައި ހެކި ނުދެއްކޭވަރަށް ފޮރުވައިގެން ކިތަންމެ ފާފައެއް ކުރިޔަސް އެ ކަންތައް ދެނެވޮޑިގެންވާ ފަރާތެއް ވޭ... ނަޝީދަކީ މަ ދުވަހަކުވެސް ތާޢީދު ކުރި މީހެއް ނޫން..އެކަމަކު ޔާމީނު ހާ އަނިޔާވެރި ހީލަތްތެރި މީހަކު މަށެއް ނުދެކެން.. ވަރަށް ގާތުން ފެނިފަ ހުރީމަ ބުނެލީ..ރަގަޅު ވާހަކައެއް، ތަރައްޤީ ގެނައި..އެކަމު އޭގައި ފޮރުވިފައިވާކަންކަން އަޅެ ވިސްނާލަބަލަ..ޖާބިރުގެ މައިންބަފައިންގެ ގެއާއި އެއްބަނޑުމީހުންގެ މުދާ ޖާބިރަށް ނޭނގި މޯގޭޖުކޮށްފައި 20 މިލިޔަން ނަގާފަ އަހަރެން އޭގެއިން 1 މިލިޔަން ރުފިޔާއަށް ޖާބިރުގެ ގެ ހަދާދިނީމަ ޖާބިރަށް އަހަރެން ރަނަށް ވުމަކީ ޖާބިރުގެ މޮޔަކަން.

    2
    3
 3. އަހުމަދު

  ވަރަށް ރީތި ލިޔުމެއް އަދު މިޤައުމުގެ ޙާލަތާއި ގުޅިޅާމެހިފައިވާ ކަމެއް.

  74
  5
 4. މިއަދު

  ވވ ބޮޑުތެދުފުޅެއް 2018 ގައި ދިވެހިންނަށް ހޮވުނީ ހަމައެފަދަ މައުފަނެއް މިހާރުމިވަނީ އެމައުދަނުގެ ބަލާ ދިވެހިންނަށް ޖެހިފައި ދެނަޖެހޭނީ ހަމަ.އަތްޖަހަން

  65
  11
 5. ކިޔާ

  ވ.ފުރިހަމަ ޅެންބައިތެއް..ޅެމުގަ އެބުނާ ވާހަކައަކީީ ވ.ބޮޑު ހަޤީޤަތެއް..އަހަރެންގެ މާޒީީވި ދިރިއުޅުމާއި ވ.ގުޅޭ..ބައެއް މީީހުންނަށް ހަމަ ނުވިސްނެނީީ..

  39
  4
 6. ބޯގޯސް

  ޢިއްޔެ ވީގޮތް މިއަދު ހަނދާން ނެތުނީމަ ވާނީ ކިހިނަކުން.

  20
  1
 7. Anonymous

  ޥަރަަށް ފުރިހަމަ ލިޔުމެއް

  18
  1
 8. ބޯގޯސް

  މަނާ ތަންތަނަކީ ކޮބައި

  6
  1
 9. އާމިނަ

  މިބައިތަކީ އަންހެނަކަށް ނިސްބަތް ކޮށް ލިޔެފައިވާ ބައިތެއް މިސިޔާސީ ވާހަކައެއްނޫން

  10
  29
 10. ފުނަދޫ

  ށ ފުނަދޫމީހުނައްވެސް ހޮވުނީ ތިކަލަ މައުދަނެއް މިރާއްޖޭގެ ރައްޔިތުންނައްވެސް މިފަހަރުހޮވުނީ މާވަހަރެއްކަމައްހީކޮއް ބޮޑުގުއިބުރިއެއް މިހާރުއޭގެންދުވާވަހުން ރާއްޖޭ ހުރިހާމީހުނައް ބޮދޫމުސީބާތަކައްވެއްޖެ

  33
  1