ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދުގެ ހާލަތުގައި އެތައް ދުވަހެއް ވަންދެން އޮތުމަށް ފަހު، ދިން ލުއިތަކާ އެކު އިސާހިތަކު ބަލި ފެތުރޭ މިންވަރު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. ހަމައެކަނި ރާއްޖެ އިން ބައްޔަށް ފަރުވާ ކުރާ މީހުންގެ އަދަދު ވަނީ 2،088 އަށް އަރައިފައެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު 144 އަށް އަރައެވެ. އައިސީޔޫގައި ތިބި މީހުންގެ އަދަދު ނުވައަކަށް އަރައެވެ.
މިއީ މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރެވެ.
މިދިޔަ މަހު ދިން ލުއިތަކާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރަން ނުކުޅެދުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށްފައެވެ. ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުން މަނާކޮށްފައެވެ. އެހެން ބޮޑެތި ފިޔަވަޅުތައް ވެސް އެޗްޕީއޭ އިން ވަނީ އަޅައިފައެވެ.
މީގެއިތުރުން ބަލި ފެނިފައިވާ ރަށްތަކުގައި މާސްކް އެޅުން މަޖުބޫރު ކުރަން ނިންމީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް އިރުޝާދު ދިނުމުގެ އިތުރުން، ދަތުރުފަތުރު ކުރާ އިރު މާސްކް އެޅުން މަޖުބޫރުކޮސްފައެވެ.
މީގެ އިތުރުން މާލޭގައި ޚިދުމަތް ދޭ ތަަންތަން ހުރީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމަށް އިންސްޕެކްޝަންތަކެއް ހިންގާ، އުސޫލާއި އެއްގޮތަށް ނެތް ތަންތަން ވަގުތުން ބަންދުކުރުމުގެ ފިޔަވަޅު އެޗްޕީއޭއިން ވަނީ އަޅައިފައެވެ.
ނަމަވެސް މި ހުރިހާ ފިޔަވަޅުތަކާއެކު ވެސް ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރެވުމުގެ މަލަމަތި ފެންނާކަށް ނެތެވެ. މިގޮތަށް އަޅާ ފިޔަވަޅުތަކުގެ އަސަރު ފެންނަން ވަގުތު ނަގާފާނެކަން އެޗްޕީއޭ އިން ފާހަގަކުރި އިރު، ތަފާސް ހިސާބުތަކުން އެނގޭ ކަމަކީ ކޮވިޑް-19ގެ ހާލަތު އަދިވެސް ސީރިއަސްކަމެވެ.
އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފުރަތަމަ މި ބަލި ފެތުރިގެން އައި އިރު ފެނުނު ފަދަ ޕީކްތަކެއް ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން ފަހަކަށް އައިސް ގިނަ ވޭދަނަ (ކޭސްތައް) ފެނުނު ދުވަސްތައް އެބަ ހުރި ކަމަށް ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ.
"ދުވަހުގެ ޓްރެންޑަށް އެކަނި ބަލާލީމަވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، އެބަ އިތުރުވާކަން. ދެން އޭގެ ތިރިއަށް މިއޮތީ ތަންކޮޅެއް ކޮންސައިސްކޮށް ހަފްތާއިން ބަލާފަ. ކޮންމެ ހަފްތާއަކަށް ބެލީމަ މިކަހަލަ ކަންކަމުގައި ޓްރެންޑް ބޮޑަށް ފެންނާނީ ޓައިމް ޕެކެޓްކޮށް ނެގީމަ. މިސާލަކަށް ހަފްތާއިން ކިހާވަރެއްތޯ ފެންނަނީ،" ޑރ.އަފްޒަލް ވިދާޅުވިއެވެ.
ގުޅުމެއް ނެތް ކްލަސްޓާތައް ގިނަ، ދިވެހިންގެ އަދަދުވީ އިތުރު!
ބަލި ޖެހުނު ބިދޭސީންނާއި ދިވެހިންގެ ނިސްބަތަށް ބަލާއިރު ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަހު ދިވެހިންނަށް ބަލި ޖެހުނު ނިސްބަތް ވެސް ވަނީ އިތުރުވެފައެވެ. ބަލި ޖެހުނު މީހުންގެ އަދަދުތަކުގެ ތަފްސީލް ހާމަކުރައްވަމުން ޑރ.އަފްޒަލް ވިދާޅުވީ، 28 ވަަނަ ހަފްތާއިން ފެށިގެން މިހާތަނަށް ބަލާނަމަ ދިވެހިންގެ އަދަދު ބިދޭސީންނާއި އަޅާ ބަލާއިރު އުޅެނީ މަތީގައި ކަމަށެވެ.
ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް މި ފަހުން ފެނުުނު ވޭދަަނަ ތަކުގައި ބަލި ޖެހޭ މީހުންނާއި ބައްދަލުވި މީހުން އަދަދު މަދުކަން ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ކުދި ކުދި ވޭދަަނަތައް އިތުރުވުމުންވާ ކަމެއް ކަމަށް ވެދާނެ ކަމަށާއި އެޗްޕީއޭގެ ތަފާސް ހިސާބުތައް ފުރިހަމަވާ ވަރަކަށް އެކަން ސާފުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެއްކަމަކީ އަޅުގަނޑުމެން އިތުރަށް ކްލަސްޓާތަކާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލާ ފެނޭތޯ މަސައްކަތް ކުރަމުން މިދަނީ. އެހެންވީމަ އެކަން އަޅުގަނޑަށް ހީވަނީ އެކަން ކުރިއަށް ދާ މިންވަރަކުން އަދި އަޅުގަނޑުމެންގެ ޑާޓާތައް ސިސްޓަމަށް އެޅެމުންދާ މިންވަރަކުން ކޮންޓެކްސްގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް." އަފްޒަލް ވިދާޅުވިއެވެ.
ބަލި ޖެހޭ މީހުން އެހެން މީހުންނާ ބައްދަލުވި ނިސްބަތަށް ބަލާއިރު ބަލި ޖެހުނު ބިދޭސީން އެހެން މީހުންނާއި ބައްދަލުވި އަދަދަށް ވުރެ، ބަލި ޖެހޭ ދިވެހިން އެހެން މީހުންނާއި ބައްދަލުވި އަދަދު އިތުރު ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެއް ވޭދަނަ އަނެއް ވޭދަނަ އާއި ގުޅުމެއް ނެތި ބަލި ޖެހިފައިވާ މީހުން ތިބިކަން (ގުޅުމެއް ނެތް ކްލަސްޓާތައް)ގިނަކަން ޑރ.އަފްޒަލް ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން މުޖުތަމައުގައި ބަލި ފެތުރުން ހަލުވިކަމާއެކު ކުރިއަށްދާ ކަން އެކަމުން ހާމަވާކަން ޑރ.އަފްޒަލް ވަނީ ފާހަގަކުރައްވައިފައެވެ.
ބަލި ޖެހޭ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުން!
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 2618 ދިވެހިންނާއި 2280 ބިދޭސީންނެވެ.
މީގެ އިތުރުން އުމުރު ފުރައަށް ބަލާއިރު ބަލި ޖެހޭ މީހުންގެ ތެރޭގައި ގިނައީ ޒުވާން އުމުރު ފުރައިގެ މީހުންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
"މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ބަލި ޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ 18 އަހަރާއި 30، 40 އަހަރާއި ދެމެދުގެ މީހުންނޭ. މި އުމުރުު ފުރައަކީ ބޭރުތެރޭގައި އެންމެ ގިނައިން ހަރަކާތްތެރިވެ އުޅޭ އުމުރު ފުރާކަން މި ފާހަގަކުރެވެނީ،" ޑރ.އަފްޒަލް ވިދާޅުވިއެވެ.
މި އުމުރުފުރާގެ މީހުންނަކީ އެންމެ އާއްމުކޮށް ބޭރުގައި އުޅޭ އުމުރުފުރާގެ މީހުންނަށް ވުމާއެކު ގިނައިން ބޭރުގައި އުޅެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާނުވެ، އެ ފިޔަވަޅުތައް ބޮލާލާ ޖެހުމަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމެއްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
އަދި ތިމާއަކީ ޒުވާނެއްކަމަށް ވުމުން ކޮވިޑް-19އިން ކުރާ ނުރައްކާ ބޮޑު ނުވި ނަމަވެސް، ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ތިމާގެ ފުށުން އެ ބަލި ޖެހުން އެއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ.
އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިންޒާރަކީ، ކުރިއަށް އޮތް ދުވަސްތަކުގެ ހާލަތު ބިނާވަނީ ރައްޔިތުން އަމަލު ކުރާ ގޮތެއްގެ މައްޗަށް ކަމެވެ. އަދި ވިސްނާ ނުލައިފި ނަމަ ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ފުރުސަތު އޮތްކަން ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ފާހަގަކުރައްވައެވެ.
ނަމަވެސް ރަކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އާންމުން އުޅޭ ނަމަ، އެ ހާލަތު ގޯސް ނުވާނެ ކަމާއި ޒަރޫރީ ބޭނުމެއް ފިޔަވައި އިތުރު ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަ ބަލި ފެތުރުމުގެ ފުރުސަތު އިންތިހާއަށް ކުޑަކަން ވެސް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
އެހެންކަމުން މިހާރު ތަފާސް ހިސާބުތަކުން އިވޭ ނުރައްކަލުގެ ރަނގަބީލުގެ އަޑު ނާހައިފި ނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުންގެ އަދަދު އިތުރުވެ، ސިއްހީ ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީވެސް ވެދާނެކަމެކެވެ. އެހިސާބަށް ނުދަނީސް ރައްކާތެރިކަން ޚިޔާރުކޮށް، ތިމާ އާއި ތިމާގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރަން ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ.
ބަލިޖެހޭ މީހުން އިތުރުވަނީކީ އެއްނޫން. ފޯލްސް ޕޮޒިޓިވް ގިނައީ ހަމަ. އަހަރުމެން މިތިބީ ހިންދެމިލައިގެން. ށަރުކާރުން ހިންދެމިލެވޭތޯބަލާ
ޅޮކް އަލުވާ އަވަހައށް.
އެޖެންޑާ 19 ؟ހެދިން އަރެމެންނަައް ހިންދެމިޅެވޭކަށްނެތް
ނާޤާބިލް މީހުން ކެރިކަމަށް އިސްވުމުން ވާނެ ހަތަރު އެތި ވަނީ އަދިވެސް އަވަހަށް ލަފާ ހޯއްދަވަން ޖެހޭ ތަޖްރިބާހުރި މީހުންގެ މަޝްވަރައާއިލަފާހޯދަވާ ދިވެހިޤަވްމު ސަލާތް ކޮށްދެއްވުމަށް ކުރެވެން ހުރިމަސައްކަތްތަށް ކޮށްދެއްވުމަށް ހަރުގަ ނުތިއްބަވާ ނުކުންނެވުމަށް ގޮވާލަން. އަދި ކޮބާތަ ޤާސިމް ބަހެއްވެސް ނުބުނެ ހުންނަވަނީ ބިރުން އައިޝާގެ ވަޒ9ފާ ގެއްކިދާނެތީ،