ދެހާހުގެ އަހަރުތައް ފެށިގެން އައިއިރު ދިވެހިންގެ ތެރޭގައި ބޮޑު ބެރަށް އޮތް ފޯރި ވަރަށް ކުޑައެވެ. ޓީވީ އާއި މޯބައިލް ފޯނާއި އިންޓަނެޓަކީ އޭރު ދިވެހިންގެ ތެރޭގައި މާ ބޮޑަށް ތިޔާގި ތަކެއްޗަށް ނުވުމުން ބޮޑު ބެރުގެ ދިވެހި އުފެއްދުންތައް މީހުންނާ ހަމައަށް ފޯރާ މިންވަރު ވެސް މަދީއެވެ. އެކަމަކު ފޯރީގައި ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ބަޔަކު ދިވެހިންގެ ތެރޭގައި އޭރު ވެސް ވެއެވެ.

އާންމުންގެ ތެރޭގައި މަގްބޫލް މިއުޒިކް ހަރަކާތަކަށް ބޮޑުބެރު ހެދުމަށް އޭރު އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކަކީ، ބެގޯނިއާ މުހައްމަދު ޝަރީފްއެވެ. މިހާރު އެ ދާއިރާގައި އެހާމެ ހަރަކާތެރިވެ ނޫޅުނަސް އޭރު އެއީ އެންމެ މަގްބޫލް އެއް ނަމެވެ. ބެގޯނިއާ ޝަރީފް ބުނުމުން ނޭނގޭނެ މީހަކު ނުހުންނާއެވެ.

ބެންގޯނިއާ ޝަރީފްއަކީ ހަމައެކަނި މިއުޒިކް ކުޅުންތެރިއެއް ނޫނެވެ. މުދައްރިސެއް ކަން ވެސް ޔަގީނެވެ. އޭގެ ސާފު އެއް ހެއްކަކީ އޭނާގެ ދަރިފުޅު، އަހުމަދު ޝަމާމް ޝަރީފް (ޝަމްބެ) އެވެ. ބައްޕަގެ "ފަސް ފަހަތުން" ބޮޑުބެރުގެ އެންމެ ކުރީ ސަފުގައި ވިދާލަމުންދާ ނަންތަކުގެ ތެރޭގައި ޝަމްބެގެ ނަން ވެސް ބައްޕަގެ ނަމާ އިންވެގެން ހިމެނިގެން ގޮސްފިއެވެ.

މިއުޒިކްގެ ކޮންމެ އިންސްޓްރިއުމަންޓްއަކަށް ވެސް ފަރިތަ "ޝަމްބެ" ގެ ނަމަކީ ދިވެހި ލަވަތަކުގެ އަޑުއެހުންތެރިންނާއި ބެލުންތެރިންނަށް އާ ނަމަކަށް ނުވާނެ ކަން ޔަގީނެވެ. ރާއްޖޭގެ އެންމެ ވާދަވެރި ބޮޑުބެރު ގްރޫޕްތަކުގެ މެދުގައި 2012 ވަނަ އަހަރާއި ހަމައިން ޓީވީއެމްއިން ބޭއްވި "ބޮޑުބެރު ޗެލެންޖުގައި"ވެސް އޭނާގެ ހުނަރު ދައްކާލާފައިވެއެވެ. ދާދި ފަހުން ދިވެހި ލަވަކިޔުންތެރިންގެ ފަންނު މުޅި ދުނިޔެއަށް ދައްކާލަން ބޭއްވި "މޯލްޑިވިއަން އައިޑަލް" ގެ ރިއާލިޓީ ޝޯގައި ވެސް ޝަމްބެގެ މިއުޒިކް އިންސްޓްރިއުމަންޓްތައް ކުޅުމުގެ ހުނަރު ފެނިގެން ގޮސްފައިވެއެވެ. އައިޑަލްގެ ތިންވަނަ ސީޒަންގެ ރަސްމީ "ޕާކަސަނިސްޓް" އަކީ ޝަމްބެއެވެ.

ބައްޕަގެ އެދުރު ކަމުގެ ދަށުން ޝަމްބެ ބޮޑުބެރަށް

ޝަމްބެގެ ބައްޕަ ކިޔައިދޭ ގޮތުން ނަމަ މިއުޒިކްގެ ދާއިރާއަށް ޝަމްބެ ވަނީ އުމުރުން އެންމެ ދެ އަހަރުގައި ކަމަށް ޝަމްބެ ބުންޏެވެ. ބައްޕަ ޝަރީފްގެ ބޮޑުބެރު ގްރޫޕްގައި ހަރަކާތްތައް ދައްކާލަން ޝަމްބެ ގެންގޮސް އުޅެއެވެ. ދުވަސްތަކަކަށް ފަހު ބައްޕައާ އެކީ ބޮޑުބެރު ޖަހަން ވެސް ފެށީއެވެ. ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފެށީއެވެ. ބައްޕަ ޝަރީފްމެންގެ ބޮޑު ބެރު ގްރޫޕް ސްޓޭޖް ޝޯތައް ދިން ދުވަސްވަރު ސްޓޭޖް މަތީގައި ބައިވެރިވެގެން އޭނާ އިނދެއެވެ.

"އޭރު އުމުރުން އެންމެ ދެ އަހަރު. އެންމެ ކުޑައިރުން ފެށިގެން ވެސް ބައްޕަމެންގެ ބެރު ގްރޫޕަށް ގޮސް ބައްޕައާ އެކު ބެރު ޖަހަން ދަސްކުރާ ހަނދާންވޭ. އޭރު ބައްޕަ ހިންގި ގްރޫޕްއަކީ ދިވެހި ސަމާ. އޭގެ ކުރިން ވެސް ބައްޕަ އަކީ ހެންވޭރު ބޮޑުބެރު ގްރޫޕުގެ ނަމުގައި ބޮޑުބެރު ގްރޫޕެއް ހިންގި މީހެއް" ބައްޕަ އޭނާ އަށް ބޮޑުބެރު ދަސްކޮށްދިން ދުވަސްވަރުގެ ހަނދާން އާކޮށްލަމުން ޝަމްބެ ބުންޏެވެ.

މަދަރުސީ ދައުރުގައި ބޮޑުބެރުގެ ހަރަކާތްތަކުގައި!

މަދަރުސީ ދައުރުގެ އިތުރު ހަރަކާތްތަކުގެ ތެރެއިން ޝަމްބެ އެންމެ ހަރަކާތްތެރިކޮށް އުޅުނީ ބޮޑުބެރާއި މިއުޒިކް އިންސްޓްރިއުމަންޓްތަކުގެ ހަރަކާތްތަކުގައެވެ. ކާލާފާނު ސްކޫލްގެ ބޭންޑްގައި ހުރި ފަންނުވެރި ދަރިވަރެކެވެ. ސްކޫލާ ގުޅުން ހުރި އެކި މުނާސަބަތުތަކުގައި އޭނާގެ ބޮޑުބެރު ހުނަރު ދެއްކިއެވެ. ސާނަވީ މަދަރުސީ ދައުރު މަޖީދިއްޔާ ސްކޫލްގައި ހޭދަކުރިއިރު، އެ ސްކޫލްގެ ބޭންޑްގައި ވެސް ބައިވެރިވެ މި ފަންނުވެރިކަން އާލާކުރިއެވެ.

މަޖީދިއްޔާ ސްކޫލުގައި ބޮޑުބެރުގެ ހަރަކާތްތައް އޭނާ ކުރިއަށް ގެންދިއައީ ފުޅާކޮށެވެ. އެ ސްކޫލްގައި އެއްކޮށް އުޅުނު ބައެއް ރަހުމަތްތެރިންނާ ގުޅިގެން ބޮޑުބެރު ގްރޫޕްއެއް ވެސް އުފެއްދެވިއެވެ. އެއީ ބޮޑުބެރު ގްރޫޕްއެއްގައި އޭނާގެ ހަޔާތުގައި ގުޅުނު ފުރަތަމަ ފަހަރޭ ބުނެވިދާނެއެވެ. "ގުރުޒު ބޮޑުބެރު" ނަމުން އުފެއްދި އެ ގްރޫޕްއަކީ މަޖީދިއްޔާ ސްކޫލްގެ ކޮންސެޓަށް އުފެއްދި ގްރޫޕްއެކެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް އަމިއްލަ ގްރޫޕްއަކާ އެކު ދެވުނު ޝޯ ވަރަށް ކާމިޔާބު ކަމަށް ޝަމްބެ ބުންޏެވެ.

ބޮޑުބެރުގެ ބިޔަ ބާރުތަކާ ވާދައަށް ޝަމްބެއަށް ނުކުތުން

ޝަމްބެގެ ބޮޑުބެރު ހަޔާތާއި މިއުޒިކް ހަޔާތުގައި ވެސް އެންމެ ހާއްސަ ސަފްހާއެއްގެ ގޮތުގައި އޮތީ "ސިކަންދަރު ބޮޑުބެރު" ގްރޫޕް ކަމުގައި ޝަމްބެ ގަބޫލު ކުރެއެވެ. އެއީ ދާއިރާގައި ހުރަސް ކުރެވުނު އެންމެ މުހިއްމު އެއް ހަރުފަތް ކަމަށް ޝަމްބެ ބުންޏެވެ. އެ ގްރޫޕް ވުޖޫދަށް ގެނެވުނީ މަދަރުސީ ދައުރު އުފެއްދި "ގުރުޒު ބޮޑުބެރު" ގްރޫޕްގެ ބައިވެރިންނާ ވެސް އެކީގައެވެ.

ސިކަންދަރުގައި އެންމެ އިސްކޮށް ހުރެ ޖެހިޖެހިގެން ތިން އަހަރު އޭރު އޮންނަ "ބޮޑުބެރު ޗެލެންޖުގައި" އެ ގްރޫޕް ބައިވެރިވިއެވެ. 2013 ގައި ޗެލެންޖު ނިންމާލީ ހަރު އުމުރުގެ ބޮޑުބެރުގަައި ފުންނާބު އުސް ގްރޫޕުތަކާއި ވާދަކޮށް ހަތަރުވަނަ ހޯދަމުންނެވެ. ސިކަންދަރުން ބޮޑުބެރު ޗެލެންޖުގައި ބައިވެރިވި ދެވަނަ އަހަރު ޒުވާން ހުނަރުވެރި ފަންނާނުތަކަކާ އެކު ޗެލެންޖުގެ އެންމެ މޮޅު ތިން ގްރޫޕުގެ ތެރޭގައި ހިމެނުނެވެ. 2014 ގައި ލިބުނު އެ ކާމިޔާބީއަކީ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ޝަމްބެ ގަބޫލުކުރެއެވެ.

"ބޮޑުބެރު ދާއިރާގައި އެންމެ ބޮޑު ކާމިޔާބީއަކީ 2014 ގައި ސިކަންދަރަށް ބޮޑުބެރު ޗެލެންޖުން ތިންވަނަ ލިބުން. ޝަމްބެވެސް ވަރަށް ކުޑަވާނެ. ހަމަ ވަރަށް ބައިވަރު ހުނަރުވެރި މީހުން ތިބި ގްރޫޕްތައް ވެސް ވާދަކުރި. ވަރަށް ބޮޑު ޗެލެންޖަކަށް ދޯ ވާނީ" ބޮޑުބެރުގެ ދާއިރާގައި ލިބުނު ކާމިޔާބީއަށް އަލިއަޅުވާލަމުން ޝަމްބެ ބުންޏެވެ.

ބައްޕަ ފަދައިން ޝަމްބެއަކީ ބޮޑުބެރު ހަރަކާތުގެ އެދުރެކެވެ. 2014 ގައި އަންހެން ބޮޑުބެރު ގްރޫޕްއެއް ތަމްރީންކޮށް އުފެއްދިއެވެ. އެ އަހަރުގެ އަންހެނުންގެ ދުވަހާ ދިމާކޮށް "ހޯޕް ފޮ ވިމެން" އާ ގުޅިގެން އުފެއްދި އަންހެން ބޮޑު ބެރު ގްރޫޕް މިހާރުގެ ނަމުން ނަމަ "ފަތްމިނި" އަށް ތަމްރީން ކުރުމުގައި ވެސް އިސްކޮށް އުޅުނީ ޝަމްބެ އާއި ސިކަންދަރު ބޮޑުބެރު ގްރޫޕްގެ މެންބަރުންނެވެ.

މިއުޒިކްގެ އިންސްޓްރިއުމަންޓްތަކަށް ފަރިތަ ފަންނާނަކަށް!

މިއީ 2015 ވަނަ އަހަރެވެ. މިއުޒިކަށް އޮންނަ ޝައުގުވެރިކަމުގެ ތެރެއިން ރިސޯޓް މިއުޒިކް ފެސްޓިވަލްތަކުގައި ބައިވެރިވެ މިއުޒިކްގެ އެހެން އިންސްޓްރިއުމަންޓްތައް ބޭނުން ކުރަން ފެށީއެވެ. މިހާރު ޝަމްބެއަކީ ރާއްޖޭގައި ނަންވިދާ ޕާކަސަނިސްޓްއެކެވެ. ހޭންގް ޑްރަމްއާއި ކަހޯންގެ މިއުޒިކް އަދި ބަންގޯ ޑްރަމް ކުޅުމަށް ފަރިތަ ފަންނާނެކެވެ.

ދެހާސް ސޯޅައިގައި ޖަރުމަނު ވިލާތުގައި ބޭއްވި އައިޓީބީ ފެއާގައި ބައިވެރިވެ ބައިނަލްއަގްވާމީ ޕްލެޓްފޯމްއެއްގައި މުޅި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ފުރަހަމަ ފަހަރަށް ލިބިގެން ދިޔައެވެ. ރާއްޖެތަމްސީލްކޮށް ބޭރުގެ ބަޔަކަށް ދިވެހި ސަގާފަތް ދައްކާލަން ލިބުނު އެ ފުރުސަތަކީ ހަޔާތުގެ އެތައް ހާސް ސަފްހާތަކުގެ ތެރެއިން އެންމެ ހާއްސަ ވަގުތުކޮޅުގެ ގޮތުގައި ޝަމްބެ އެ ވަގުތުކޮޅު ސިފަކޮށްލިއެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ރަސްމީ ފާކަސަނިސްޓްއެއްގެ ގޮތުގައި ހަރަކާތްތެރިވި ޝަމްބެ ބުނި ގޮތުގައި އޭނާގެ ހޭންގް ޑްރަމްގެ ސޯލޯ ހުށަހެޅުންތަކެއް ވަރަށް އަވަހަށް ފެނިގެންދާނެއެވެ. އިތުރު ހާއްސަ މަސައްކަތްތަކެއް ވެސް ރޭވިފައި ހުރި ކަން ފާހަގަކޮށް އޭނާ ބުނި ގޮތުގައި މިއުޒިކް ހަޔާތުގައި ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބައިނަލްއަގްވާމީ ބޮޑު ކޮންސެޓެއްގައި އޭނާގެ ހުނަރު ދައްކާލެވޭނެ ދުވަހެކެވެ.

މިހާރު ރިސޯޓު މިއުޒިކްގައި ފުންނާބު އުސްކޮށް ފިޔަޖަހަމުން އަންނަ ޝަމްބެ ވަނީ މިއުޒިކްގެ ދާއިރާގައި ކުރިއަށް ދާން ބޭނުން، އަދި އެ ދާއިރާއިން އާމްދަނީ ހޯދަން ބޭނުންވާ ޒުވާނުންނަށް ހާއްސަ މެސެޖެއްވެސް ދީފައެވެ.

"ކުރަން ކެރިއްޖި ނަމަ މީ ވަރަށް ރަނގަޅު މަސައްކަތެއް. ކޮންމެ ކަމެއްގަ ވެސް ކުރިއަރާ ކާމިޔާބީ ހޯދަންޏާ ބޭނުންވަނީ ހިތްވަރު. މިކަމުގަ ވެއްޖިއްޔާ ވާ ގޮތަކީ މިކަމުގެ އެބަޖެހޭ ވަރަށް ޓައިމް ދޭން. މިކަމަށް ބޭނުންވަނީ ކެރުންތެރިކަމާއި ހިތްވަރު. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބުނެލާނީ މަސައްކަތް ކުރުން ހުއްޓާނުލައްޗޭ. ކުރިއަށްދާން ބޭނުންވާ ކޮންމެ މީހަކަށް ޝަމްބެގެ އެއްބާރުލުން ލިބޭނެ" ޝަމްބެ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ާިަައައިންތު

  ހެޔޮ ވިސްނުން ދެއްވާށި އާމީން

  17
  4
 2. Anonymous

  ދިވެހިސަމާ ގްރޫޕްއަލުން ނެރެންވީނު ވ ފައްކާ ސަގާފީ ކުޅިވަރު ރިޒޯޓް ތަކުގަކުޅުން ހާދާންވޭ ވަރައް ފުރިހަމަ ސާބަސް ބެގޯނިޔާ ސަރީފް ‘

  14
  1
 3. ޖޫން

  ނަރަކައގެ ވެސް އެންމެ ފުނަށް. ހޮޔިވިސްނުން ދެއްވާށި.

  5
  7
  • ާަޖުލަަަަޔި

   Kaley dhany konthaakah

   5
   4
  • އޮގަސްޓް

   ކަލޭ ހާދަމޮޅޭ. ދެން މާބޮޑަށް އިނގުނީމަ ވެސް ކަޑަ ދޯ.

 4. Anonymous

  ތިޔަ އެއްޗެއް ޖެހުން ޙަރާން ކަމަށް ސައްޙަ ހަދީޘެްގަ ވަރަށް ސާފުކޮން އޮވޭ.

  13
  3
 5. ހައްޤު ބަސް

  ﷲ ގެ ފޮތާއި (ޤުރުއާނާއި) ޝައިޠާނާގެ ޤުރުއާނާއި (ލަވަޔާއި މިޔުޒިކް) މި ދެ އެއްޗަކީ އެއް އިންސާނެއްގެ އެއް ހިތުގައި އެއްފަހަރާ ޖަ މާކުރެވޭނެ ދެ އެއްޗެއް ނޫނެވެ. މުސްތަޙީލު ކަ މެކޭ އެއީ. (އެބަހީ ﷲ އަށް އުރެދެ މުން (ލަވަޔާ މިޔުޒިކް) ކުޅެ މުން ﷲ ގެ އަ މުރަށް ކިޔަ މަންވާ ކަ މުގެ ދަޢުވާ ތައުހީދުގެ ދައުވާ އިސްލާ މްކަ މުގެ ދައުވާ އެއީ ދޮގު ދައުވާއެކޭ.(އިބްނުލް ޤައްޔި މް ރަހި މަހުއްﷲ ޢަންހު)

  10
  1
 6. އ . ޖ . އ

  މާދަމާ ލިޔާތި ލަވައޭ މިއުޒިކޭ ދީނޭ ނަރަކައޭ ފުނޭ... ނިއުޝާ އަށް ހެޔޮ ވިސްނުން ދެއްވާށި... ހަމަ ހެޔޮ ދުއާއެއް އިނގޭ...

  3
  3
 7. ފޭނެއް

  ތީހަމަ އެއްވަނައިގެ މީހެއް. އެހެން ކުދިންނަން ވަރަށް ބޮޑު އިންސްޕިރޭޝަންއެއް. ލަވްޔޫ ޝަމްބޭ. ތިގޮތުގަ އަބަދުވެސް ހުންނާތި. ޔޯރ ފޭންސް އާރ ވިތް ޔޫ.♥️

  6
  7
 8. ސަމްވަން

  ސޯމަޗް ޓެލެންޓް. ޕްރައުޑް އޮފް ޔޫ. ކީޕް އިޓް އަޕް ޝަމްބެ.

  6
  6
 9. މީ ކޮންކަހަލަ ބައެއް

  މިހެން އުޅޭ ކޮންމެ "ހައްކާޅެއް" ލަވަކިޔުން ބެރުޖެހުން ހުއްޓާލާފަ ދެން އެކަމާއިގެން އުޅެވުނީތީ ރޮއި ހިތާމަކޮށް، ކިޔާފަވާ ލަވަތައް ނުޖަހަންގޮވާ، ހުއްޓާލެވުނީތީ އުފާކުރާއިރު، އަސްލު މި މުޑުދާރު ވަޙުޝީ ޢަމަލު ހިންގާއިރުވެސް އެގޭނެ މީ ގޯހެއްކަން، އެކަމަކު ހަމަ ލަވަކިޔަނީ ބެރު ޖަހަނީ. މީނަވެސް ބަލަން ތިބޭތި އެހެން ހަމަ ވާނި... މިހާރު ހަމަ އަވަހަށް ހުއްޓާލަފަ ތަޢުބާވެ އަޅުކަމާއިގެން މަޝްޣޫލުވުމަށް ނަސޭހަތްތެރިވަން. ރިސޯޓް ތަކުގައި ބެރުޖަހައިގެން ކާފަރުން އުފާކޮށްދީގެން ހޯދާ ހަރާމް ފައިސާ، ތިމާގެ ލޯބިވާ އަނބިދަރިންނަށް ކާންދޭންހެޔޮވާނެތަ.. އެތިބަ ލޯބި ލޯބި ތުއްތު ތުއްތު ދަރިން.. އަޅެ ފުންކޮށް ވިސްނާލަބަލަ. ޕްލީޒް ވިސްނާލަބަލް. ތިކަމުގަ ކޮން ހުނަރެއް، ކޮން ފޯރިއެއް ކޮން މަޖަލެއް އޮތީއަޅެ.

  1
  2