(އައްޑޫ ސިޓީ، ހިތަދޫ) ނޭޗާ ޕާކަކީ ހިތްފަސޭހަ އަދި ޖަޒީރާ ކުލަތަކަކުން އަމުނާލެވިފައިވާ ގުދުރަތީ ގޮތުން މުއްސަނދި ސަރަހައްދެކެވެ. ފެހިކަންގަދަ ގަސްތަކުން ވަށާލެވިފައިވާ އިގްތިސާދީ ރަން ހަޒާނާއެކެވެ. އީދިގަލި ކިޅިން ފެށިގެން ކޯއްޓޭއާ ހިސާބަށް އޮތް މި ސަރަހައްދު ޕާކަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެން ދިޔައީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން އެ ސަރަހައްދު އޮތީ ބިޔަ ބޯ މާ ސިންގާ ވަލެއްގެ ގޮތުގައި ދޫކޮށްލެވިފައެވެ. އެގޮތުން އީކޯ ޓުއަރިޒަމް ފުޅާކުރުމަށްޓަކައި ކުރެވުނު މި މަސައްކަތް ނިމި، އެތަން އާންމުކޮށް ހުޅުވާލެވުނީ 2018 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ޕާކާއެކު ވަޅުޖެހިފައި އޮތް އައްޑޫގެ ފަތުރުވެރިކަން ކޮޅަށް ޖެހިދާނެ ކަމުގެ އުންމީދު އާވެގެން ދިޔައެވެ. ދެކުނުގެ ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ދޮރެއް ހުޅުވިގެން ދިޔުން ވެގެން ދިޔައީ އައްޑޫ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަޖެހިގެން ދިޔަ ކަމަކަށެވެ.
ބޮޑު ވަލެއް ޕާކަކަށް ތަރައްގީ ކުރެވުނީ ކިހިނެއް؟
ބޮޑު ވަލެއްގެ ގޮތުގައި އޮތް މި ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމުގެ ބޭނުމުގައި އެތަން ޕާކަކަށް ބަދަލު ކުރެވުނީ ވޯލްޑް ބޭންކުން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއު އެއްގައެވެ. އެ ޕްރޮޖެކްޓްއަކީ ގުދުރަތީ މުއްސަދިކަން ހިމާޔަތްކޮށް އެއިން އިގްތިސޯދީ ފައިދާ ހޯދުމުގެ މަގު ތަނަވަސްކުރުމަށްޓަކައި ކުރިޔަށް ގެންދެވުނު މަސައްކަތެކެވެ.
ދެ ފިޔަވައްސަށް ބަހާލައިގެން ކުރިޔަށް ގެންދެވުނު މި މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީތެރިކަން ލިބިފައިވެއެވެ. އަދި އޮސްޓްރޭލިއަން އެއިޑުންވެސް ފަންޑުކޮށްފައިވެއެވެ. ނަމަވެސް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތުގައި ރާއްޖެ އިން އިސްކޮށް އުޅެފައި ވަނީ އެންވަޔަރްމެންޓް މިނިސްޓްރީ އިންނެވެ.
ނޭޗާ ޕާކްގެ ތެރޭގައި ހިމެނެނީ ކޮން ތަން ތަނެއް؟
އައްޑޫ ނޭޗާ ޕާކުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 1،145 ހެކްޓަރު ހުރެއެވެ. އެ ސަރަހައްދުގެ ތެރޭގައި ހިމެނެނީ އީދިގަލި ކިޅި އާއި ކޯއްޓޭގެ އިތުރުން ފަޅު ރަށްރަށް ކަމަށްވާ މާހެރަ އާއި ކުޑަމާހެރަ އާއި ދީރޮނޑި، އަދި ކޯހެރައާއި ކައްބޯހެރައެވެ. މީގެ އިތުރުން މަންޓާ ޕޮއިންޓާއި ބްރިޓިޝް ލޯޔަލްޓީ ނައު ފެތިފައި އޮންނަ ސަރަހައްދުވެސް ހިމެނެއެވެ.
GALLERY: Nala Nala Addu Nature Park ah Kuri Ziyaaraiy https://t.co/bvldcn28Fh pic.twitter.com/lr8ayTLcOc
— Vaguthu Online (@VaguthuOnline) April 10, 2021
މި ސަރަހައްދުތަކުގެ ތެރެއިން އީދިގަލިކިޅި އާއި މަންތާ ޕޮއިންޓުގެ އިތުރުން ބްރިޓިޝް ލޯޔަލްޓީ ނައު ފެތިފައި އޮންނަ ސަރަހައްދަކީ މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއިން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނެވެ.
އައްޑޫ ނޭޗާ ޕާކުން ލިބޭ ހިދުމަތްތައް
- ނޭޗާ ޕާކްގެ އެކި ސަރަހައްދުތަކަށް ގެންދިއުމާއި އެ ސަރަހައްދުތަކެގެ ތާރީޙް ކިޔައިދިނުމުގެ އިތުރުން ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުން (ޓުއާ ގައިޑް)
- ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކަށް ޑައިވިންއަށް ގެންގޮސްދިނުން
- ސްނޯކަލިންއަށް ގެންދިއުން (ގައިޑެޑް ސްނޯކަލިން)
- ކެނޯ ދުއްވުން
- ކޯއްޓޭ ކޮޅަށް ޕިކްނިކް ގެންގޮސްދިނުން
ޓުއާ ގައިޑެއް ނަންގަވާ ފަރާތްތަކަށް ޕާކުގެ ހާއްސަ އެކި ސަހަރަހައްދުތަކަށް މަޑުކޮށް އެތަންތަނުގެ މައުލުމާތު ދެއެވެ. މި ހިދުމަތް ނަންގަވާ ފަރާތްތަކަށް ހަތަރު މީހުންގެ ޖާގައިގެ ބަގީއެއްގައިވެސް ދެވިދާނެއެވެ. ނުވަތަ ބައިސިކަލުގައި ވެސް ދެވިދާނެއެވެ. ޓުވާއަކަށް ދިވެހިންގެ އަތުން ނަގާ އުޅެނީ ފަސް ރުފިޔާއެވެ. ބިދޭސީއެއްގެ އަތުން ނަގަނީ ހަތް ޑޮލަރެވެ.
އައްޑޫ ނޭޗާ ޕާކުގެ ތާރީހީ ބައެއް ސަފްހާތަކަށް ނަޒަރެއް!
ޓުއާގެ ތެރެއިން ޕާކުގެ ހާއްސަ އެކި ސަހަރަހައްދުތަކަށް މަޑުކޮށްލާ އިރު އެ ތަންތަނު މައުލޫމާތު ލިޔެފައި ހުންނަ ބޯޑުތައް ވެސް ބަހައްޓާފައި ހުރެެއެވެ. ނޭޗާ ޕާކް ބަލާލުމަށް "ވަގުތު" ހޭރިޔާގައި ކުރި މި ދަތުރުގައި އަހަރެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ އެ ތަނާ ގުޅުވައިގެން ޓުއާ ގައިޑުން ދެއްކި ތާރީހީ ވާހަކަތަކަށެވެ. އެގޮތުން ޕާކް ހިމެނޭ އެ ސަރަހައްދުގައި މީގެ 500 އަހަރު ކުރިން މީހުން ދިރިއުޅުން ކަމަށް ބުނެ ދެއްކި ވާހަކައަށް ޝައުގުވެރިވިއެވެ.
ޓުއާ ގައިޑުން ކިޔައި ދިން ގޮތުގައި އެ ސަރަހައްދުގައި އޭރު އުޅުނީ އައްޑޫގައި ގާއިމްވެ ތިިބި އިނގިރޭސިންގެ ތެރެއިން ބަޔެކެވެ. އެމީހުން އުޅުނު ކަމުގެ ބައެއް ނިޝާންތައް މިހާރުވެސް ޕާކު ތެރެއިން ފެންނަން އެބަހުރިއެވެ.
އެ މީހުންގެ ބޭސްއެެއްގެ ގޮތުގައި އެ ދުވަސްވަރު ހިތަދޫ ކޯއްޓޭ ސަރަހައްދު ބޭނުންކޮށްފައިވެއެވެ. އެގޮތުން އެ ސަރަހައްދުގައި އިނގިރޭސީންގެ ދުވަސްވަރު ހެދި މަޝްހޫރު "ރަނިންހަނާ" ފެންގަނޑާއި "ދިއްވާ ފެންގަނޑު" ގެ ވާހަކަތައް ފާހަގަކޮށްލެވެއެވެ. "ރަނިންހަނާ" ފެންގަނޑުން ޕަރީ ފެންނަ ވާހަކައަކީ އައްޑޫގައި މަޝްހޫރު ފޯކުލޯރު ވާހަކައެކެވެ. އަދި އެ ފެންގަނޑުން ރަސްރަސްކަނބަލުން ފެންވަރާ އުޅުނު ކަމަށްވެސް އުމުރުން ދުވަސްވީ އައްޑޫ މީހުން ކިޔައި އުޅެއެވެ. ނަމަވެސް ތުންތުން މަތިން ފެތުރެމުން އައި މި ވާހަކަ މިހާރު ވަނީ އެކި ގޮތްގޮތަށް ބަދަލުވެފައެވެ.
"ބައެއް މީހުން ކިޔައި އުޅޭ ދިއްވާ ފެންގަނޑުން ފެން ވެރީމާ މުސްކުޅި ނުވާނެއޭވެސް. ރަނިންހަނާ ފެންގަނޑުން ޕަރީ ފެނެއޭވެސް. ދެން މިއީ ހުސް އޭރުގެ ވާހަކަތައް. ދިއްވާ ފެންގަނޑު ހުރަސްކުރަން އޭރު އިނގިރޭސިން މަގެއްވެސް ހެދި. އެ މަގުން މިހާރު ޕާކްތެރޭ ހުރަސްކޮށް މި އުޅެނީ" ޓުއާ ގައިޑް ކިޔައިދިނެވެ.
މީގެ އަހަރުތަކެއް ކުރިން އެ ޕާކުގައި މީހުން ދިރިއުޅެފައި ވާތީ، ބައެއް މީސްމީހުންގެ މަހާނަތަކާއި ބުދު ފައްޅިތަކުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ޕާކު ތެރެއިން ފެނިފައިވެއެވެ. އެގޮތުން ބައެއް މަހާނަތައް ވީރާނަވެ ގޮސްފައިވާ އިރު އެ މަހާނަ ގާތަކުގައި ދިދަ ވެސް ޖަހާފައި ހުރިއެވެ.
އައްޑޫ ނޭޗާ ޕާކުން ފެންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހިތްގައިމުކަމެވެ. އިވިގެން ދަނީ ގުދުރަތުގެ ތަފާތު ދިރުންތަކުގެ މިއުޒިކީ ގޮވުންތަކުގެ އަޑުތަކެވެ. ނޭޗާ ޕާކްގެ އެންމެ ހިތްގައިމު އެއް ތަނަކީ މާ ސިންގާ ބޮޑު ކުޅިއެވެ. އީދިގަލި ކިޅި ތެރެއިން ތަފާތު އެކި ވައްތަރުގެ ދޫނި ސޫފާސޫފިތައް އުޅޭއިރު އެ ދިރުންތައް ބަލާލުމަށް ޕާކް ތެރޭގައި "ބާޑްވިއުތަކެއް" ތަރައްގީކޮށްފައިވެއެވެ. ކުޅި ތެރެއަށް ވާ ގޮތަށް ބްރިޖެއްހެން އަޅާފައިވާ ދިގު ލަކުޑި ފާލަމުން ހިނގާލާފައިގޮސް އެންމެ ކޮޅަށް ދެވޭއިރު ކުޅި ތެރެއަށް ނަޒަރު ހިންގާލެވޭ ގޮތަށް ލޯޖަހާގެން ބަލަން ހުރެވޭނެ ގޮތަށް ތަނެއް ހަދާފައި ހުރެއެވެ. އެ ތަނުގައި ހުއްޓިލައިގެން ހުރި އިރު އަހަންނަށް ފެނުނު ބައެއް ދޫނިތަކުގެ ތެރޭގައި ރާބޮނދި، ބުޅިތުނބި، ފުރެއްދެ އިލޮހި އާއި އައްޑޫ އަށް ހާއްސަ ދޮންދީނި އަދި މާކަނާ ހިމެނެއެވެ.
ޓުއާ ގައިޑުން ބުނާ ގޮތުގައި މި ޕާކުން ކޮންމެ އަހަރަކު ވެސް 180 ބާވަތުގެ ވައްތަރުގެ ދޫނި ފެންނަ ކަމަށްވެއެވެ. އަދި ހާއްސަކޮށް ޑިސެމްބަރު މަހު ގިނަ ބާވަތްތަކުގެ ދޫނިސޫފާސޫފި ބިސް އަޅަން އަންނަކަންވެސް އޭނާ ފާހަގަކުރިއެވެ.
އައްޑޫ ނޭޗާ ޕާކް ނުބެލެހެއްޓި ހަލާކުވެގެން ދަނީ
އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ހެދި އައްޑޫ ނޭޗަ ޕާކަކީ ޗުއްޓީ ހޭދަ ކުރުމަށް އައްޑު އަށް ދާ ގިނަ ބަޔަކު މޫދަށް އެރިލުމަށާއި ޕިކްނިކް ހެދުމަށާއި ކެނޯ ޕެޑަލް ބޯޓު ދުއްވުން ފަދަ ކަންކަމަށް ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ. އެއީ މީސް މީޑިއާގައި އެތައް ބައެއްގެ ތައުރީފު އޮހުނު، ރީތި، ހިތްފަސޭހަ ތަނެކެވެ. އަދި އެއީ އައްޑޫ އަށްދާ ފަތުރުވެރިންނަށް ވެސް ވަރަށް މަގުބޫލު ތަނެކެވެ.
އެހެންކަމުން ކުރިން ވަލަށް ދޫކޮށްލެވިފައިވާ އެ ސަރަހައްދުން މިއަދު ފައިސާ ލިބެއެވެ. އައްޑޫ ސިޓީގެ ގުދުރަތީ ރީތިކަން ވިއްކައިގެން އެ ސިޓީގެ ރައްޔިތުންނަށް އާންމުދަނީ ލިބެއެވެ. ވުމާއިއެކު އިކޯ ޓުއަރިޒަމް ތައާރަފް ކުރުމަށް ހެދި ޕާކްއަކީ އިގްތިސާދީ މަންފާ ހޯދިދާނެ ތަރައްގީގެ ޒަމާނީ މޮޑެލްއެކެވެ. ބޭރު ދުނިޔެއަށާއި ރާއްޖެއަށް ރަގަޅަށް އިސްތިހާރު ކުރުމުން އެތަަނަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ތަނެކެވެ.
ނަމަވެސް އައްޑޫއަށް މިހާރު ވަންނަ ފައިސާ އިތުރު ކުރުމަށް މި ޕާކްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ހިފޭ މަންޒަަރެއް ނުފެނެއެވެ. އެގޮތުން ރެސްޓޯރެންޓުތަކާއި ފިހާރަތައް ޕާކަތެރޭގައި ގާއިމް ކުރެވިއްޖެ ނަމަ ޕާކްއަށް އިތުރު ފައިސާ ވަންނާނެ މަގުތައް ފަހިވެގެން ދާނެއެވެ. އެހެންކަމުން ދެކުނުގެ ފަތުރުވެރިން ފުޅާ ކުރުމަށް މި މާ ސިންގާ ބިޔަ ޕާކް އަކީ އިގްތިސޯދުގެ ރަން ތަޅުތަޑީގެ ގޮތުގައި ސިފަކުރެވިދާނެއެވެ.
"ވަގުތު" ހޭރިޔާ ޓީމުން އައްޑޫ ނޭޗާ ޕާކަށް ކުރި މި ދަތުރު ތެރެއިން މި ޕާކްގެ ތާރީޚީ އަދި ގުދުރަތީ މުއްސަނދިކަން އޮތް މިންވަރު ދެނެގަނެވުނެވެ. އެ ހިތްގައިމުކަން ތަޖުރިބާކޮށްލެވުނެވެ. ނަމަވެސް ހިތާމައަކީ ނޭޗާ ޕާކްގައި ލަކުނޑިން ހަދާފައި ހުރި ގިނަ ތަންތަނުގެ ލަކުޑިތައް ފީވެ ބިންދައިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމެވެ. އެތަން ރަނގަޅު ނުބެލެހެއްޓުމުގެ ސަބަބުން ބައެއް ސަރަހައްދުތައް ފަނާވެ ދާތީއެވެ.
Addu Nature Park: Nubelehehti Nethi Fanaavegen Dhanee! https://t.co/4bIwWZEYrB
— Vaguthu Online (@VaguthuOnline) September 7, 2020
އައްޑޫ ނޭޗަ ޕާކްގައި ޖުމްލަ ތިން ބްރިޖަކާއި އެއް ޕްލެޓްފޯމެއް ހަދާފައި ހުރެއެވެ. އެތަނުން ހުރިހާ ބްރިޖުތަކުގައި އަޅާފައިވާ ވަކަރުގަނޑުތައް ވަނީ ފީވެ ހަލާކުވެފައެވެ. އަދި ޕްލެޓްފޯމުގެވެސް ބައެއް ތަންތަން ވަނީ ހަލާކުވެގެން ގޮސްފައެވެ. އެހެންކަމުން މިތަން މަރާމާތު ކުރުން އަވަހަށް ނުފެށިއްޖެނަމަ، ތަން އެއްކޮށް ވީރާނާވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ލިބިފައިވާ ގުދުރަތުގެ ރިޒްގުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ބޭނުންކޮށް ރަނގަޅު އިގްތިސާދެއް ބިނާ ކުރެވޭނީ މި ސަރަހައްދަށް ފާރަވެރިވެ، ރަނގަޅަށް ބަލަހައްޓައިގެންނެވެ.
ތިވަރުގެ ތަނެއް ނެތިގެން އުޅޭ ބަޔަކު މި ރާއްޖޭގައިވެސް މި ދުނިޔޭގައިވެސް ނެތް. މަމޮޅުވެފައި މަމޮޅު ވާހަކަދައްކާފައި ތިހެން ތިބެވިދާނެ. އަޅާފައިވާ ވަކަރުތަކާއި ހަދާފައިވާ ބުރިޖުތައް ފީވެ ހަލާކުވެގެންދިޔައިރުވެސް ތިތަނަށް ދިޔައީ ކިތައް ދިވެހިންބާ! ބޭރުން އައީ ކިތައް މީހުން ބާ! ކައުންސިލެއް 12 އަހަރުވަންދެން އޮވެގެން ކުރީ ކީއްބާ! ހައްތާވެސް ސަޅިބައިސާ ކަނޑާފައި ވަރަށް މޮޅޭ ވަރަށް ރީއްޗޭ ގޮވިޔަކަސް ތިއީ މާމުހިންމު ތަނެއް ނޫން.
މުޅި ދެކުނު އިގްތިސާދުގެ ތަޅުދަނޑިއަށްވީ ކިހިނެއް. ތީ އައްޑޫއަށް ލިބޭ ކުރިއެރުމެއް. ތިތަން ބަލާލަން އެހެން ރަށްރަށުން ދިޔުމަކީ އެހެން މީހުން ޖީބަށް އެއްޗެއް ވަންނަ ކަމެއްތަ؟