ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ އެންމެ ގިނަ ޒުވާނުން ފެނިގެންދާ އެއް އިންތިޚާބެވެ. ސިޔާސީ މައިދާނުގައި ހުރި ބޯދާ ވިސްނުންތަކާއި ވަކި މީހެއްގެ ރުހުން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށް ގަބޫލުކުރާ ކުރުން ނިމުމަކަށް ގެނައުމަށް މި ފަހަރުގެ އިންތިޚާބުގައި އެތައް ޒުވާނުންނެއް ވަނީ ވާދަކުރަން ނިންމާފައެވެ. އަދި ޒުވާން ފިކުރާއި ޚިޔާލާތައް އެންމެ ތަނަވަސް ގޮތުގައި ފުރުސަތު ހޯދާ ދިނުމަށް އެ ފަދަ ޒުވާނުންގެ ހިތްވަރު ހުރިކަން މިފަހަރު އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަންތަކުގެ ލިސްޓަށް ބަލާލުމު އެނގެއެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބަށް ތޮށިގަނޑު ފަޅާލާފައި ނުކުތް ނޫކަށިފުރައިގެ ޒުވާނުންގެ ތެރެއިން އެކަކީ ހިތަދޫ މެދެވައު ދާއިރާ އަށް ވާދަކުރައްވާ ހުސެއިން ރަޝީދެވެ.

ކެރުމާއި ހިތްވަރާއެކު ކައުންސިލް އިންތިޚާބަށް ފައި ނެގިއިރު އޭނާ އެ މަސައްކަތް ފެއްޓެވީ އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތަކުން ނޫނެވެ. ހުސެއިން ގިނަބަޔަކަށް އެނގެނީ އިޖުތިމާއީ ގޮތުން އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެއަށް ވުރެ ވެސް ބޮޑަށް ހުސެއިން އެނގެނީ އޭނާގެ ސާދާ މިޒާޖާއި މީހުންނާ ބާއްވާ ގާތް ރަހުމަތްތެރިކަމުގެ ސަބަބުންނެވެ.

ކެރޭ، ބަސްމޮށުންތެރި ޒުވާނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ހުސެއިން އަބަދުވެސް ފެންނަނީ ހިނިތުން މޫނަކާ އެކުގައެވެ. ރަށުގެ ކުދި ބޮޑު މީހުންގެ ތެރޭގައި ހުސެއިން ނުދަންނަ މީހަކު މަދޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންކަމުން އެކި މީހުންގެ ޝަކުވާތަކާއި، އެ މީހުންގެ ޚިޔާލާއި ފިކުރުތަކާއި ހުސެއިން އާއި ހިއްސާކޮށްލުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ހުސެއިންއަކީ ރަށުގެ ގިނަ ބަޔަކު ދެނެފަރިތަ ރަހުމަތްތެރި މީހަކަށް ވީނަމަވެސް، އައްޑޫ ސިޓީ އާއި ގައުމަށްޓަކައި ބަސްބުނަން ޖެހޭ ހާލަތުގައި ބުނަން ޖެހޭ އެއްޗެއް ބުނުމުގައި އޭނާ އަކީ ފަހަތު ފަޔަށް ބުރަ ނުވާނެ މީހެއްކަން އެނާގެ ކުރު ސިޔާސީ ހަޔާތުގައި ވެސް އެނާ ވަނީ ސާބިތުކޮށްދީފައަވެެ.

މިފަދަ ގިނަ ދަނދިވަޅުތަކުގައި ހުސެއިންގެ ޚިޔާލާއި އުސޫލުތައް ބަންޑުންކޮށްލާ ތަނަކީ މީސްމީޑިއާއެވެ. އެގޮތުން މިހާރު ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، އައްޑޫ ސިޓީ އާއި ގުޅިފައިވާ ކަންކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިނގާ ނޭއްގާނީ ކަންކަމާ މެދު ފާޅުގައި މީސްމީޑިއާ މެދުވެރިކޮށް އޭނާގެ ޚިޔާލު ބަންޑުކޮށްލަނީ އެ ކަންކަމުގައި އާއްމުންގެ ބަސް އިއްވުމުގެ ޕްލެޓްފޯމަކަށް ވަމުންނެވެ. އެފަދަ ކޮންމެ ކަމެއްގައި ވެސް ހުސެއިން އިސްކުރައްވާފައި ވަނީ ރައްޔިތުންގެ މަސްލަހަތެވެ. ވަތަނިއްޔަތަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި އެފަދަ ކޮންމެ ދަނޑިވަޅެއްގައި ވަރަށް ރަނގަޅަށް ތަމްސީލުކޮށްދެއްވިއެވެ.

ވިޔަފާރި އާއި ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި ޒުވާނެއް

ހުސެއިންގެ ޕްރީސްކޫލް ހަޔާތް ހޭދަކުރެއްވީ މެދުވަލި ސްކޫލްގައެވެ. އަދި ޕްރައިމަރީ ތައުލީމް ހާސިލްކުރެއްވީ ސ. އެޓޯލް އެޑިއުކޭޝަން ސެންޓަރު (އެސްއޭއީސީ)އެެންނެވެ. އޭގެފަހުން އޭނާ ސާނަވީ ތައުލީމް ހާސިލްކުރެއްވީ އިސްލާމިއްޔާ ސްކޫލްއިންނެވެ. އޭލެވެލްގައި ތައުލީމް ހާސިލްކުރައްވަން އުޅުއްވުމަށް ފަހު ހުސެއިން ޚިޔާރުކުރެއްވީ އާއިލީ ވިޔަފާރި އާއި ގުޅިވަޑައިގެން އެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާށެވެ.

"މަންމަ އާއި ބައްޕަ އާއި ވިޔަފާރި އާއި ދުރަށް ޖެހުމުން ނިންމީ އާއިލީ ވިޔަފަރި ތެރެއަށް ވަދެ އޭގެ ތެރޭގައި މަސައްކަތް ކުރަން. ބިޒްނަސް ހޭންޑަލް ކުރީ. ވިޔަފާރި ތެރޭގައި ހުރެގެން 15 ވަރަކަށް އަހަރު ތައުލީމީ ދައިރާ އަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތުގައި ހުރީ. އިޖުތިމާއީ ހިދުމަތްތަކުގައި އުޅެވޭތޯ ބަލަން. ކޮންމެ ކަހަލަ ހާދިސާއެއް ދިމާވިޔަސް ކަމެއް ވިޔަސް ބައިވެރިވާން ބޭނުންވޭ. އެކަން ކުރެވޭތޯ ވެސް ބަަލަން. ދެން . ސިޔާސީ މަގާމެއް ފުރަތަމަ ވެސް ހަވާލު ކުރީ ރައީސް ޔާމީން ވެރިކަން ނިމެނިކޮށް. އެއީ ޔޫތް ކޯޑިނޭޓަރުކަން." އޭނާ ވިދާޅުވިއެވެ.

ޔޫތް ކޯޑިނޭޓަރުގެ މަގާމުގައި ތިން މަސްދުވަހު ހޭދަކުރެއްވި މުއްދަތުގައި އެތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭތޯ ހުސެއިން ވަނީ މަސައްކަތް ކުރައްވާފައެވެ. ހުސެއިން އެތަނާ ހަވާލުވި އިރު އެތަނުގައި ޖިމެއްވެސް ނެތެވެ. ނަމަވެސް ހުސެއިން ވަނީ އޭނާގެ ޔޫތް ކޯޑިނޭޓަރުކަމުގައި އެތަނުގައި ޖިމެއް އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްދީފައެވެ.

ވަރަށް ތަފާތު ކެމްޕެއިން އެއް - މުޅި ކެމްޕެއިން ފަތުރާލީ މީސްމީޑިއާގައި

ހުސެއިންގެ ކެމްޕެއިން އަކީ މުޅި ކައުންސިލް އިންތިޚާބުގައި ވެސް ފެނުނު އެންމެ ތަފާތު އެންމެ ނަމޫނާ އެއް އިންތިޚާބަށް ވާނެއެވެ. ކަންދިމާކުރި ގޮތުން މި ކައުންސިލް އިންތިޚާބު ހޭދަކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ހުރެ އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރަމުން ދިޔަ ދުވަސްވަރާއިއެވެ. އަދި އައްޑޫސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރުމަށް ފުރުސަތު ނުލިބުނެވެ.

އެކަމުގެ ނައްސި ވިސްނުން ގެނެސް އިސްދަށަށް ޖެހުމުގެ ބަދަލުގައި ހުސެއިން ކެމްޕެއިން ކުރިއަށް ގެންދެވީ މާތަފާތު ގޮތަކަށެވެ. ސިޔާސަތުތަކާއި ފިކުރާއި ވައުދުތަކަށް ދާންދެން މީސްމީޑިއާ މެދުވެރިކޮށް ގެނެސް ދެއްވި އިރު، އޭނާ ކެމްޕެއިން ކުރެއްވީ ވަކި ވަކި ގޭބީސީތަކަށް ވެސް އަމާޒުކުރައްވައިގެންނެވެ. ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ.އާސިޔަތް މުހައްމަދު ދީދީ އާއި ޝަރަފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަހުމަދު އަދީލް ނަސީރު އާއި ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާ އާއި އާއްމުންގެ ތާޢީދު އޭނާ އަށް ވަނީ ލިބިފައެވެ.

ހުސެއިންގެ ވައުދުތަކަށް ބަލާނަމަ އިގްތިސާދީ ދާއިރާއިން މަސްވެރިކަމުގެ ނަފާ ސިޓީ އަށް ހޯދާ ދިނުމުގެ ވައުދު ފާހަގަކޮށްލެވެއެވެ އެ މަގްސަދު ހާސިލްކުރުމަށް ހިތަދޫ ބަނދަރުގެ ފިއުލް ޝެޑް ގާއިމްކުރުމާއި، ނެރު ބައްތި އާއި ބޮއިތައް މޮނީޓަ ކުރެވޭނެ ގޮތެއް ހޯދުމާއި މަސްމާރުކޭޓުގެ މަސައްކަތް އަލަސް ފެށުމާއި، މަސްވެރިންގެ ބައިނަލްއަގުވާމީ ފެންވަރުގެ ފެެއަރ އެއް ބޭއްވުމުގެ އިތުރުން ވިޔަފާރިތަކަށް ނުކުންނަ ފަރާތްތަކަށް ލޯން ސްކީމެއް ތައާރަފްކުރުން ހިމެނެއެވެ.

އަދި ދަނޑުވެރިންނަށް ޚާއްސަ ޑެސްކެއް ގާއިމްކުރުމާއި، ގަސްކާނަ ފަދަ ބޭސް އަތްފޯރާ ފަށުން ލިބުމާއި، މޭވާ ގަނެ ހެޔޮ އަގުގައި ލިބޭނެ މަގުފަހިކޮށްދިނުން، ދަނޑުވެރިން ތަމްރީންކުރުން، ބެކްޔާޑުގާޑެން އެވެއަނެސް ޕްރޮގްރާމް ހިންގުން އަދި ދަނޑުވެރިކަމަށް ބިންދޫކޮށް ލުއިލޯނު ތައާރަފްކުރުން ހިމެނެއެވެ.

މީގެ އިތުރުން ކުދި އަދ މެދު ފަންީގެ ކޮންސްޓްރަކްޝަން އާއި ވިޔަފާރިތައް ކުރިއެރުވުމާއި އުމްރާނީ އަދި އިޖްތިމާއީ އަދި ކުޅިވަރާއި މުނިފޫހި ފިލުވުުމުގެ ދާއިރާއިން ވެފައިވާ ވައުދުތައް ފާހަގަކޮށްލެވެެއެވެ.