ނ. ހޮޅުދޫ މޭނާ ސްކޫލަށް އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ ކުޅަދާނަ ޅެންވެރިޔާ ޅ. ނައިފަރު މުހައްމަދު ހުސެއިން (މުހައްމަދުފުޅު) އަންގާރަ ދުވަހުގެރޭ އަވަހާރަވި ޚަބަރުން އެންމެ ބޮޑު ހިތާމައެއް ލިބުނު އެއް ބަޔަކީ ހޮޅުދޫ ދަރިވަރުންނެވެ. މިއަދު މީސް މީޑިއާ ފުރާލާފައި ވަނީ އެތައް ދަރިވަރުންނެއްގެ ލޯބި ހޯދާފައިވާ މުދައްރިސްގެ ވަކިވުމުގެ ވާހަކަ އިންނެވެ. އެތައް ބަޔަކަށް ކުރުވީ ފުން އަސަރުތަކެކެވެ.
ދިވެހި ތައުލީމަށް ހިދުމަތްކުރުމުގެ ރޮނގުން 1984 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމް ހާސިލްކުރައްވާފައިވާ މުހައްމަދު ހުސެއިނަކީ މޭނާ ސްކޫލްގެ އިތުރުން ނ. އަތޮޅުގެ އެތައް ސްކޫލަކަށް އެތައް ގޮތަކުން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ފާހަގަކޮށްފައިވާ ގޮތުގައި މުހައްމަދު ހުސެއިނަކީ މޭނާ ސްކޫލަށް 59 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި ރަށުގެ ކުދިބޮޑު އެންމެންގެ އިހްތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާއަކީ ތަފާތު އެކި ހުނަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަލީ ހުސެއިން ނައިފަރީއާ އެއްބަނޑުއެއްބަފާ ބޭފުޅެއް ކަމަށްވާ މުހައްމަދު ހުސެއިން އަކީ ޅެންވެރިކަމުގައި އަދަބީ ތަރިއެކެވެ. އޭނާގެ އެންމެ މަޝްހޫރުވި ޅެމަކީ، "މުސްކުޅިކަމާ، މަރާ" އެވެ. އޭނާ ވަނީ އަދަބީ ހަޔާތުގައި އެކިއެކި މައުޟޫއުތަކަށް ޅެން ލިޔުއްވައިފައެވެ.
މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްތަކުގައި ކިޔަވައި ދެއްވުމާއި ދަރިން ތަރުބިއްޔަތު ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ދީނީ ނަސޭހަތް ދެއްވުމުގެ ޕްރޮގްރާމްތައް ވެސް މުހައްމަދު ހުސެއިން ހިންގެވިއެވެ.
ދަރިވަރުން ފުން ހިތާމައެއްގައި!
މުހައްމަދު ހުސެއިން އުނގަންނައި ދިން ދަރިވަރެއް ކަމަށްވާ ޔޫސުފް ސިދުގީ "ވަގުތު"އަށް ބުނީ މުހައްމަދު ހުސެއިނަކީ މަޑުމައިތިރި، މައުލޫމާތު މުއްސަނދި، ތަޖުރިބާހުރި ޓީޗަރެއް ކަމަށެވެ. ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ފޮތްތަކުން ލިބެން ހުރި މައުލޫމާތުގެ ބޭރުންވެސް އެތައް މައުލޫމާތެއް ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ގްރޭޑް އަށަކުން ފެށިގެން 10 އާ ހިސާބަށް ސިދުގީމެންގެ އިސްލާމް މުދައްރިސްއަކީ މުހައްމަދު ހުސެއިން ކަން ފާހަގަކޮށް އޭނާ ބުނެ، މުދައްރިސް އަވަހާރަވި ހަބަރަކީ ލިބުނު ވަރަށް ހިތާމަވެރި ހަބަރެއް ކަމަށެވެ.
މޭނާ ސްކޫލުން ތައުލީމް ހާސިލްކޮށްފައިވާ މުހައްމަދު ހުސެއިންގެ ދަރިވަރެއް ކަމުގައިވާ މުހައްމަދު ނަސީރު ބުނީ މުދައްރިސް އަކީ ހޮޅުދޫގެ ތައުލީމުގެ އެންމެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅާ ކަމަށެވެ. އަދި އެއީ ރަށުގެ ތައުލީމް މިހާ ހިސާބަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތެއްކަން ފާހަގަ ކުރެއްވިއެވެ.
"މުދައްރިސް އަވަހާރަވި ހަބަރު އިވުމުން ވަރަށް ދެރަވި. ވަރަށް ބޮޑު ޝޮކެއް ލިބުނު. ހާއްސަކޮށް ތައުލީމީ ދާއިރާއަށާއި، ހޮޅުދޫއަށާއި، ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް އެއީ. އެހެންވީމަ އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ ވަރަށް މުހިންމު ފަރާތެއްކަން އިހުސާސްކުރެވުން" މުހައްމަދު ހުސެއިންގެ ވަކިވުމާ ގުޅިގެން ކުރި އިހުސާސްތައް ތަފްސީލްކޮށްދީ ނަސީރު ކިޔައިދިނެވެ.
ދަރިވަރުން އިސްލާހު ކުރުމުގައި މުހިންމު ދައުރެއް
ޅ. ނައިފަރަށް އުފަން މުހައްމަދު ހުސެއިން ތައުލީމް ހޯއްދެވީ ނައިފަރު މަދަރަސަތުލް އިފްތިތާހުންނެވެ. ކިޔަވާ ވިދާޅުވުމަށް ފަހު މުހައްމަދު ހުސެއިން ފާހަގަ ކުރެވިފައިވަނީ އަތޮޅުތެރޭގެ ރަށްތަކުގައި ތައުލީމް ފެތުރުއްވުމަށް މަސައްކަތް ކުރެއްވި އެއް "ލީޑަރު" ގެ ގޮތުގައެވެ. ހޮޅުދޫ އަށް ވަޑައިގެން އެންމެ ފުރަތަމަ ކިޔަވައިދެއްވީ އެ ރަށު މަކުތަބުގައެވެ. ފަހުން އެ ރަށުގައި ވަޒަންވެރިވ ެރަށު މޭނާ ސްކޫލަށް ރަސްމީކޮށް ހިދުމަތްކުރައްވަން ފެއްޓެވީއެވެ.
"ރަށަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ ހުރީ. ވަރަށް ގިނަ ޖީލު ތަަކަކަށް ކިޔަވައިދީ، ގިނަ ޖީލުތައް ތަރުބިއްޔަތު ކޮށްފަ ހުރީ. ހޮޅުދޫ އަކީ އަހުލާގު ރަނގަޅު ތައުލީމީ ޖީލެއް އޮތް ރަށެއް، އޭގެ ކްރެޑިޓް އަޅުގަނޑުމެން ދޭން ޖެހޭނެ މުހައްމަދު ހުސެއިން އަށް" ސިދުގީ ބުންޏެވެ.
މޭނާ ސްކޫލުން ނެރުން ބަޔާނެއްގައި ބުނެފައިވަނީ މުހައްމަދު ހުސައިން އަކީ ހޮޅުދޫ ރައްޔިތުން ގަދަރާއި އިހްތިރާމްކުރާ، އަދި ލޯބިވާ މުދައްރިސެއް ކަމަށެވެ.
މޭނާ ސްކޫލުން ތައުލީމް ހާސިލްކުރި ގިނަ ދަރިވަރުންތަކެއްގެ މުރުޝިދެއްގެ ގޮތުގައި މުހައްމަދު ހުސައިން ފާހަގަ ކުރެވިފައިވާއިރު، މިއީ އިހްލާސްތެރިކަމާއެކު ހިދުމަތް ކުރައްވާފައިވާ ހާދިމެއްކަމާއި، ދަރިވަރުންނަށް ދީނީ އިލްމާއި ތަރުބިއްޔަތު ދެއްވި މުރައްބީއެއްކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވެސް ފާހަގަ ކުރި ގޮތުގައި މުހައްމަދު ހުސެއިން ވަކިވެ ދިއުމަކީ ތައުލީމީ ދާއިރާ އަށް ލިބުނު ފުން ހިތާމައަކާއި ފަޅު ކަމެކެވެ.
މުހައްމަދު ހުސެއިން އަވަހާރަވި އިރު، އަންބަކާއި ނުވަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
މަރްޙޫމަށް ފާފައްސަވައި ރަޙްމަތްލައްވާށިއެވެ. މުޙައްމަދު ފުޅުބޭ އަކީ ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ވަރަށް ދިގުމުއްދަތަށް ކުރެއްވި އަގުހުރި ދަރިއެކެވެ. އަޅުގަނޑަށްވެސް މީގެ ވިއްސަކަށް އަހަރު ކުރިން މުޙައްމަދު ފުޅުބެއާ ބައްދަލުވުމުގެ ނަޞީބު ލިބުނެވެ. ވަރަށް ހިތްތިރި އުޅުއްވުން ރިވެތި ސާދާ ބޭކަލެކެވެ. އެފަދަ ޝަޚްޞިއްޔަތުން މިފަހަކަށް އައިސް ވަރަށް މަދުންނޫނީ ނުފެނެއެވެ. މާތްﷲ މުޙައްމަދު ފުޅުބެ ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ ހެޔޮ ބަދަލު ދެއްވަވާށިއެވެ. އާމީން!
މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އާމީން . ނޭފަރުން ކިޔަވާފިއްޔާ އެނގޭނެ! ތަފާތު ވޭ. މަދަރުސަތުލް އިފްތިތާހް އަކީ ވަރަށް ކުރިއަރާ ޢިލްމީ މަދަރުސާއެއް!