މި ކަމެއް ހިނގައި ދިޔައީ އޭޕްރީލް 2017 ގައެވެ. މައްސަލަ ތަހުގީގު ނިންމައި، ހަ މީހަކަށް ދައުވާ އުފުލަން ސެޕްޓެމްބަރު 2017 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އޭގެ ފަހުން ހަތަރު އަހަރާއި އަށް މަހެއްހާ ދުވަސް ފަހުން މައްސަލައިގެ ހުކުމް އިއްޔެ އިއްވިގެން ދިޔައެވެ. ހުކުމުން ފެންނަނީ މުޅިން ވެސް އިހުމާލުތަކެކެވެ.

އެއީ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައެވެ. އޭނާ މަރާލީ އޭނާގެ އެކުވެރިޔާ، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލިގެން ވީނުވީއެއް ނޭނގި އުޅެނިކޮށް އެ ވާހަކަ ދައްކަމުން ދަނިކޮށެވެ. ޔާމީންގެ މަރުވެފައި ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ގޭގައި އުޅޭ ބަޔަކަށެވެ. އެ ކަން ކުރީ ދުރާލާ ރާވައިގެނެވެ.

ހަ މީހެއްގެ މައްޗަށް ދައުވާ އުފުލުނު ނަމަވެސް ދައުވާ ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ ދެ މީހުން އުމުރު ދުވަހު ޖަލަށް ލުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ އެއް އަހަރު ތެރޭ ދައްކަން ހުކުމް ކުރިއެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން ހުކުމް ކުރިއެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު އިއްޔެ ހުކުމް އިއްވުމުގެ ޝަރީއަތް ފެއްޓެވީ ހެނދުނު 11:30 ހާއިރުއެވެ. ހުކުމުގެ ފުރަތަމަ ބައި އިއްވައި ނިމުނީ ހަވީރު 4:30 ހާއިރުއެވެ. އޭގެ ފަހުން ވާރިސުންގެ ބަސް ނެގުމަށް ފަހު، އަދަބު ކަނޑައެޅުމުގެ ހުކުމް އިއްވައި ނިމުނުއިރު ރޭގަނޑު 9:00 ޖަހާ ބޮޑުވެއްޖެއެވެ.

ދުވަހުގެ ބޮޑު ބައެއް ހޭދަކޮށްގެން އިއްވި ހުކުމުގެ ދެލިކޮޕީއެއް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި މިހާރު އާންމުކޮށްފައިވެއެވެ. 120 ސަފްހާގެ އެ ހުކުމުގައި އެންމެ އަޅައިގަންނަ ކަމަކީ އަރިމަތީ ބައެއް ސުރުޚީތަކެވެ. އޭގެ ތެރޭގައި ސީދާ ފުލުހުންނާއި ދައުލަތަށް އަމާޒުވާ ބައެއް ސުރުޚީތައް ހިމެނެއެވެ.

"ފުލުހުންގެ ފަރާތުން ފާހަގަވި އުނި ކަންތައް"

ހުކުމުގެ ގާތްގަނޑަކަށް ފަސް ސަފްހާއެއް މި ކަމުގެ ނުކުތާތައް ބުނެދޭން ޚާއްސަ ކޮށްފައި އޮތެވެ. އަރިމަތީ ސުރުޚީން އެކަނި މެސެޖްގެ ބިރުވެރިކަން އިހްސާސް ވެއެވެ. އަރިމަތީ ސުރުޚީއަކަށް ލިޔެފައި އޮންނަނީ "މި މައްސަލައިގެ ފުލުހުންގެ ފަރާތުން ފެނުނު އުނިކަންތައް" މިހެނެވެ.

ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައި އޮންނަނީ ޝަރީއަތަށް ހެކިބަސް ދިން ފުލުހެއްގެ ވާހަކައިގައި ހުރި ފުށު އެރުންތަކެވެ. ޝަރީއަތުގައި އޭނާ ބުނަނީ ޔާމީން މަރުވި ތަނަށް އޭނާ ދިޔަޔަސް ހޮސްޕިޓަލަށް ނުދާ ކަމުގައެވެ. އެކަމަކު އައިޖީއެމްއެޗްގެ ރެކޯޑުތަކުގައި އޮންނަނީ ޔާމީން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާ ކަމުގައެވެ.

"ފުލުހެއްގެ ފަރާތުން ހެކިބަސް އަދާކުރާއިރު، ކަން ހިނގައިދިޔަ ގޮތް ތެދު ބަހުން ކިޔައިދިނުމުގައި ފަރުވާތެރިވާން ޖެހޭ މިންވަރަށް ފަރުވާތެރިވެފައި ނުވާ ކަން ޝަރީއަތަށް ފާހަގަ ކުރެވެއެވެ." ފުލުހެއްގެ އެ އަމަލާއި ގުޅިގެން ގާޒީ އެ އަމަލު ސިފަ ކުރައްވައި ހުކުމުގައި އޮންނަނީ މިހެނެވެ.

ދައުވާ ލިބޭ ހަ މީހުންނާ މެދު ތައްޔާރު ކޮށްފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓްތައް ތައްޔާރު ކުރި ފުލުސް އޮފިސަރު ވެސް ފަރުވާ ކުޑަކަމަށް ޝަރީއަތުން ވިދާޅުވިއެވެ. ސިސްޓަމް ޖެނެރޭޓް ކުރާ ރިޕޯޓް ޝަރީއަތަށް ޚިއްސާ ނުކުރުމާއި، ދިފާއުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ނުލިބުން ފާހަގަ ކުރެއްވިއެވެ.

ފިންގަޕްރިންޓް ރިޕޯޓްގައި ވެސް ހެކި ދިން ފަރާތް ނޫން އެހެން ފަރާތެއްގެ ނަން ހިމެނުމަށް ފަހު، ފަހުން އަނެއްކާ ވެސް އެ ރިޕޯޓް އިސްލާހުކޮށް އެ ރިޕޯޓަށް ގިނަ ބަދަލުތަކެއް ގެނައުމުން އިތުރަށް ތަހުގީގާ މެދު ސުވާލު އުފައްދަން ޖާގަ ލިބުނު ކަމުގައި ގާޒީ ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ފަރާތުން ފެނުނު މި އަމަލުތަކަކީ ފަރުވާ ކުޑަ އަމަލުތަކެއްގެ ގޮތުގައި ގާޒީ ސިފަ ކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ޖިނާއީ މައްސަލަތަކުގެ ތަހުގީގުގެ މައި ތަނބު ގޮތުގައި ފާހަގަ ކުރައްވައި، ފުލުހުންގެ ފަރާތުން ފެނުނީ "އެންމެ ބެސްޓް (ރަނގަޅު) ޕްރެކްޓިސްއެއް ނޫން" ކަމަށް ގާޒީ ވިދާޅުވިއެވެ.

ހެކި ހުރި ވަރަށް ބަލާފައި، ކުރީ ނުބައި ދައުވާއެއް

މިއީ މި މައްސަލަ ފެށުނު އިރުން ފެށިގެން ފާހަގަ ކުރާ ކަމެކެވެ. ޔާމީން މަރާލަން ތަނަށް ދިޔަ ދެ މީހުނަށް ކުށް ސާބިތުވިއިރު ދެން ދައުވާ އުފުލި ހަ މީހުންނަށް މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލޭ ވަރުގެ ހެކި ގަރީނާ ނެތް ކަމުގައެވެ.

މި މައްސަލާގައި ދައުވާ އުފުލި ހަތަރު މީހަކު ޔާމީން މަރާލުމުގެ މަޝްވަރާތަކާއި ރޭވުންތަކުގައި ބައިވެރިވި ކަމާއި، ޔާމީނަށް ފަރާލުމުގައި ހަރަކާތްތެރިވި ކަމުގައި ދައުލަތުން ވިދާޅުވެއެވެ. އެ ކަމަށް ވެސް އެކަށޭނަ ހެކި ނެތް އިރު، އެ ވަރު އަމަލަކަށް ކުރެވޭނެ ދައުވާ އަކީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

މި ކަން ޝަރީއަތުގެ މެދުތެރެއިން ވެސް މައްސަލަ ބައްލަވާ ގާޒީއަކު ފާހަގަ ކުރައްވައި، ދައުވާއަށް އިސްލާހު ގެންނަން ފުރުސަތު ދެއްވިއެވެ. ނަމަވެސް ދެވުނު ފުރުސަތުގެ ބޭނުން ހިފުމުގެ ބަދަލުގައި، ދައުލަތުން ނިންމެވީ ކުރިން ވެސް ކުރި ދައުވާއާއެކު ކުރިއަށް ދިއުމަށެވެ.

ދައުލަތުން ހަ މީހުންގެ މައްޗަށް އުފުލީ ޖަމުއުކޮށް އެއް ދައުވާއެވެ. ޝަރީއަތް ހިނގަނީ ވެސް އެއް ގަޒިއްޔާއެއްގެ ގޮތުގައެވެ. މި ކަން ގާޒީ ސިފަކުރެއްވީ ވެސް "ދައުލަތުން ހުށަހެޅި ހެކި ގަރީނާތައް އެންމެނަށް ވިއްސިވިހާލި ވެގެންދާ ގޮތަށް" ކަމަށެވެ.

ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދިމާވި ގޮންޖެހުންތަކެއް ވެސް ގާޒީ ހުކުމުގައި ފާހަގަ ކުރައްވާފައިވެއެވެ. އެ ގޮތުން ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް ދައުލަތުން ދައުވާ އުފުލި ގޮތެވެ. މިއާއި އެކު ދިފާއަށް ލިބުނު އެންމެ ބޮޑު ނުކުތާއަކަށްވީ ވެސް ދައުވާ ކުރި ގޮތާއި، ފުލުހުންގެ ތަހުގީގެވެ.

އާއިލާއަށް ވެސް ގަބޫލު ކުރެވުނީ އެ ގޮތަށެވެ. ޝަރީއަތް ހިނގުމުގައި މައްސަލައެއް ނެތް ކަމުގައި ޔާމީން ރަޝީދުގެ މަންމަ، ޝަރީއަތުގެ ހުކުމް އިއްވުމަށް ފަހު، ނޫސްވެރިންނާއި ބައްދަލުކޮށްފައި ބުންޏެވެ. އޭނާއަށް ވެސް ފެނުނީ ތަހުގީގު އަދި ދައުވާ ކުރުމުގެ މަރުހަލާ ތެރޭ ހުރި އެތައް ގޯހަކާއި އިހުމާލެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކަހުރަބު

  ބަލަ އޭނާ މަރާލީ ކީއްވެގެންކަން އެކަކުވެސް ނުލިޔަނީ ކީއްވެ؟

  27
  2
 2. ބަދަންއަލީ

  ސަލާމަތީ ބާރުތަކޭ ކިޔާފަ ދައުލަތުން 1 ބިލިއަނަށްވުރެ ގިނަރުފިޔާ ކޮންމެ އަހަރަކު ތިތަންތަނަށް ޚަރަދުކުރުމުގެ މާބޮޑު ބޭނުމެއް ނުފެނޭ ފުލުހުންނަށް ރައްޔިތުން ބޭނުންވާ ރައްކާތެރިކަމެއް ހޯދައެއް ނުދެވޭ މަގުފޭރެނީ މަގުމަތިން ފޮށެނީ ބޮއިގެން މަގުމަތީ މީހުން ހުއްޓުން އަރައިފަތިބެނީ ދައުލަތުން މިކުރާ ޚަރަދުގެ ބޭނުމެއް އެބައޮތްތަ

  19
  3
  • ފުއާދު

   ބޮއިގެން މަގުމަތިން ބަދަންއަލީގެ ދަރިޔަކު ފުލުހުން ހައްޔަރު ކުރާއިރަށް ބަދަންއަލީ ދުވަންފަށާނެ ސިޔާސީ މީހުން ފަހަތުން. ފުލުހުންނަށް ޕުރެޝަރު ކުރާނެ ދޫކޮށް ނުލައިގެން. ސިޔާސީ ފިއްތުންތަކާހުރެ ރަނގަޅަށް އެއްކަމެއްވެސް ނުކުރެވޭނެ.

  • ބަދަނާ

   ދިވެހިރާއްޖޭގެ ޤާނޫނުތަކުން ފުލުހުންނަށް މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ގައިގާ އަތްލުން އިންތިހާއަށް އުދަނގޫ.. ބަދަނޭމެން ވޯޓް ގަނެވިއްކާ އުސޫލުން ޤާނޫނު ހަދާ މަޖިލީހަށް ތަނެއް ދޮރެއް ނުދަންނަ ވިޔަފާރިވެރިން ހޮވީމަ ވާނެއެތި މިފެންނަނީ.. ޤާނޫނު ދަންނަ މަދު މީހަކު މަޖިލީހުގައި ހުރީ.. އަނެއް ބަޔަކު މަސައްކަތްކުރަނީ އިލްމުވެރިންގެ އަގުވައްޓަން..މީހުންގެ ހާލަތަކީ މީ..މިހާރު އިލްމު ވެރިންނޭ ކިޔައިގެން ނުދައްކާ ދޮގުވާހަކައެއް ނެތް.. ނަތީޖާއަކީ އެއްކަލަ ނުބައި ނުކިޔަވާ އެތި މަޖިލީހުގައި އިނުން.. ހޮޅި ޤާނޫނު ހެދުން.. ފަރަންޖީންގެ އުނގަށް ވެއްޓުން ފައިސާއަށް ދަހުވެތިވުން.. ދެން ކޮން ފުލުހުންނޭ ސަންދޯކު ކޮޅުފިލައޭ ސަލާމަތީ ބާރޭ ކިޔަން

   8
   1
 3. އެމްޑީޕީ ބުރޯ

  މިފަދަ ކޮންމެ ޖަރީމާއެއްގެ ފަހަތުގަ ފުލުހުންގެ ދިގު އަތެއް ވެއެވެ. އެހެންވީމަ މިކަމާ ހައިރާން ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

  19
  1
 4. ބެއްޔާ

  އެއީ އިހުމާލެއްނޫން ގަސްދުގައި ވަކިބައެއްގެ ބޮލުގައި އަޅުވަން ސަރުކާރުން އަންގައިގެން ކޮށްފައިވާކަންކަން. ފުލުސް މީހާ ކަނޑައެޅިގެން ދޮގެއް ހަދާފައިވާކަން ހެކިތަކުންސާބިތުވާ އިރު ފަނޑިޔާރުވެސް މިބުނަނީ ފުށުއެރުންތަކެކޭ. އެމީހާހެދީ ދޮގެކޭ ބުނާކަށް ފަނޑިޔާރަކަށްވެސް ނުކެރުނު. އަހަރެންގެ ނަޒަރުގައި މައްސަލަބެއްލެވި ފަނޑިޔާރުންވެސްވަނީ އިހުމާލުވެފައި.

  26
  1
 5. ހަސްނާނު

  ބަލަ ތި ބުލަގަރެއް ކޯއްޗެއްތަ ލިޔަނީ ކޮންފަރާތަކައްތަ ހަޖޫޖަހާ ފުރައްސާރަ ކުރީ

  10
  1
 6. ފުއާދު

  2017 ގަ ހިނގި ކަމެއް ތަޙުޤީޤު ކޮށް ހަމަ އެއަހަރު ކޯޓަށް ހުށަހެޅުމުން 4 އަހަރާ 8 މަސް ވަންދެން ކޯޓުގައި މައްސަލަ ނުނިންމާ ބޭއްވުމަކީ ކޯޓުގެ އިހުމާލެއްކަން ކޯޓުން ފާހަގަ ނުކުރީ ކީއްވެބާ. އަބަދުވެސް ފުލުހުންތަ ގޯސްވަނީ.

 7. ހިމާރުލްގައުމު

  ފުލުހުންގެ ތަހުގީގަށް "ހިޔަނި ސަރުކާރެއް" އޮންނަކަމީ އެންމެން ދަންނަ ކަމެއް.

  މިހާތަނަށް މިގައުމަށް އެތެރެކުރި ހުރިހާ މަސްތުވާ ތަކެތި އެތެރެކުރި ބޮޑުންތަކުގެ ތަހުގީގަށް ވީ ކިހިނެއް؟

  10