(ހދ.ކުޅުދުއްފުށި) ރާއްޖޭގެ ބައެއް ރަށްރަށުގައި، ޢީދުގައި ކުޅެ އުޅޭ ކުޅިވަރުތަކަކީ، އާއްމުކޮށް އެހެން ރަށްރަށުން ފެންނަ ކުޅިވަރުތަކެއް ނޫނެވެ. މިފަދަ ގިނަ ކުޅިވަރުތަކަކީ، އެރަށަކަށް ޚާއްޞަ، ހަމައެކަނި އެރަށުގައި ކުޅެވޭ ކަންކަމެވެ. މިފަދަ ކަންކަމާ ގުޅިފައިވާ އެތައް ވާހަކަތަކެއްވެސް ހުންނައިރު، މިކަންކަމުގެ މުއްސަނދި ތާރީޚެއްވެސް ވެއެވެ.

އަޟުހާ ޢީދުގައި އަބަދުވެސް އެންމެ ތަފާތު ކުޅިވަރުތައް ފެންނަމުންދާ ހދ. ކުޅުދުއްފުށީގައި ބާއްވާ "ހިއްޗަށް ވަޑައިގަތުމުގެ" ހަރަކާތަކީވެސް ތަފާތެވެ. މިއީ، ކުރިން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ކޮށް އުޅުނުކަމެއްކަމަށްވިޔަސް، އެންމެ ރޭވުންތެރިކަމާއެކު، ޤަވާއިދުން ޢީދު ކުޅިވަރެއްގެ ގޮތުގައި މިކަން ކުރެވޭ ހަމައެކަނި ރަށަކީ ކުޅުދުއްފުއްޓޭ ބުނުމަކީ ދޮގަކަށް ނުވާނެކަމަށް ހީކުރަމެވެ.

ރާއްޖޭގެ ތާރީޚީ ލިޔުންތައް ހެކިދޭ ގޮތުން، ހިއްޗަށް ވަޑައިގަތުމަކީ ރަސްމަތިފުށުމުގެ ހަރަކާތެކެވެ. ނުވަތަ، އެއިރެއްގައި ރާއްޖޭގެ ތަޚުތުގައި އިންނެވި ރަސްކަލަކަށް ޚާއްޞަ ކަމެކެވެ. ލިބެން ހުރި ތާރީޚީ ލިޔުންތައް ބުނާގޮތުން، ހިއްޗަށް ވަޑައިގަތުމަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ތެރޭގައި އަންނަ 22، 24، 26 އަދި 28 ވަނަ ދުވަހުގެ ހަވީރު ނުވަތަ އެދުވަސްތަކާ ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީ ކަންތައްތައް އަދާ ކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ޚާއްޞަވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީ ގޮތުގައި ވަޑައިގަތުމެވެ. މިހާރު ގޮތުންނަމަ މިއީ ރައީސަކަށް ހުންނަ ބޭފުޅަކަށް ނުވަތަ އެފަދަ އިސް ބޭފުޅަކަށް ދެއްވާ އެސްކޯޓު ނުވަތަ ޒަމާނީ ގޮތުންނަމަ މޮޓޯކޭޑް އެކެވެ.

ކުރިން މިކަން ކޮށް އުޅުނީ ވަރަށް ކުރީ ޒަމާނެއްގައިކަމުން، މިކަންކަމުގެ ފޮޓޯ އާއި ވީޑިޔޯ ފެންނާކަށް ނެތެވެ. އެހެންކަމުން، މިއަދުގެ ޖީލަށް، މިކަންތައްތައް ސީދާ ހިނގައިގެން ދިޔައީ ކިހިނެއްކަމެއް އެނގޭކަށް ނެތެވެ.

އެހެންނަމަވެސް، ކުޅުދުއްފުށީގައި މިކަން ކޮށް އުޅޭގޮތަށް ބަލާލާނަމެވެ.

މި ރަށުގައި ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތް ކުރިއަށް ގެންދާއިރު، ރަސްކަލެއް ހުރެއެވެ. ރަސްކަލުގެ މަޤާމުގައި ހުންނަ މީހަކު، ހުދު ކުލައިގެ ޖުއްބާއެއް ލައިގެން ހުންނައިރު، ކައިރީގައި ބޮޑުވަޒީރަކު ހުރެއެވެ. ހަމައެހެންމެ، ބައެއް އަހަރުތަކުގައި އަރިހުގައި ރާނީއަކާއި އަމީރަކުވެސް ހުރެއެވެ. އަދި، ރަސްގެފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް، ކަނޑި އައްޑަނައާއެކު ހަށިފާރަވެރިން ތިބޭއިރު، ފިނިކޮށްދޭ މީހުންނާއި ބެރުވެރިންވެސް ތިބެއެވެ. ރަސްގެފާނު ހިނގާނީ، އޭނާއަށް ޚާއްޞަކޮށްފައިވާ ހަތްކޮޅެއްގެ ދަށުންނެވެ.

ހިއްޗަށް ވަޑައިގަތުމުގެ ތެރެއިން ރަސްގެފާނު- ފޮޓޯ: ވަގުތު އިމޭޖަސް

ރަދުން މެދުގައި ހުންނަ ގޮތަށް، ދެފަރާތުގައި ދެ ސަފަކަށް މީހުން އެތުރިގެން ތިބެއެވެ. މިހެން އެތުރިގެން ތިބޭ ކޮންމެ މީހެއްގެ އަތުގައި ނުވަތަ ބައެއް މީހުންގެ އަތުގައި ލޮންސިއެއްފަދަ ހަތިޔާރެއް އޮވެއެވެ. އެހެންނޫންކަމުގައިވާނަމަ، ދުންމާރިއެއްފަދަ އެއްޗެއް އޮވެއެވެ. ކުޅުދުއްފުށީގައި މިކަން ކުރާއިރު، ދެ ސަފުގައި ތިބޭ މީހުން ތިބެނީ ހުދުކުލައިގެ ގަމީސް ލައިގެން ފޭލި އަނދެގެންނެވެ. އަދި، މޫނުގައި ހުދު ފުށް ޖަހާ، އައިނު އަޅައިގެން ތިބެއެވެ.

ލަޝްކަރުގެ ގޮތަށް ސިފަކޮށްފައި އޮންނަ މި ދެ ސަފުގެ ކުރީގައި ދިދަ ހިފައިގެން ދާ މީހަކު ހުރެއެވެ. ލަޝްކަރުގެ މެމްބަރެއްގެ ގޮތަށް އޭނާވެސް ހެދުން އަޅައިގެން ހުންނައިރު، އަތުގައި މައްޗަށް ނަގާފައި ހުންނަނީ ދިވެހި ޤައުމީ ދިދައެވެ.

މި އަހަރުގެ ޢީދުގައި، މި ހަރަކާތް ފެނިގެން ގޮސްފައިވަނީ، މިކަން ކުރާ އެންމެ ރަސްމީ ގޮތުގައެވެ. އެއީ، މި ހަރަކާތް، ފުރިހަމައަށް ދައްކާލާފައިވާތީއެވެ.

އެގޮތުން، ރަސްގެފާނުގެ ލަޝްކަރު ގޮސްފައިވަނީ، އެހެން ޤައުމެއްގެ ރަސްކަލަކާ ބައްދަލު ކުރުމަށެވެ. މި އަހަރުގެ ބޮޑު ލަޝްކަރަކީ މަހަލްދީބު (ރާއްޖެ) ގެ ލަޝްކަރެވެ. އަނެއްކޮޅުން ބައްދަލުކުރި ޤައުމުގެ ރަސްގެފާނަކީ ޖަޒާއިރުގެ ރަސްގެފާނެވެ.

މިކަންތައް ކުރިއަށް ދިޔަ ގޮތަށް ބަލާއިރު، ކުޅުދުއްފުށީގެ އަމީނީ މަގުގެ މެދަށްވުރެ ދުރަށް، މަހަލްދީބުގެ ރަސްގެފާނާއި ލަޝްކަރު ދިޔައެވެ. ރަސްގެފާނުގެ ދަތުރަކީ އެހެން ޤައުމެއްގެ ރަސްގެފާނާ ބައްދަލުކުރަން ކުރި ދަތުރެކެވެ. ވަކި ހިސާބަކަށް ލަޝްކަރު އައުމަށްފަހު މަޑުކުރިއެވެ. އެއަށްފަހު، ޖަޒާއިރުގެ ރަސްގެފާނަށް، މަހަލްދީބުގެ ރަސްގެފާނު ފަތްކޮޅެއް ފޮނުވިއެވެ. މަހަލްދީބުގެ ފަތްކޮޅާއެކު ދިޔައީ ބޮޑުވަޒީރެވެ.

މަހަލްދީބުގެ ބޮޑުވަޒީރު، ފަތްކޮޅާއެކު ވަޑައިގަންނަވަނީ- ފޮޓޯ: ވަގުތު އިމޭޖަސް

އެއަށްފަހު، އެއްވެސް ނުރައްކަލެއް ނެތްކަން ޔަޤީންވުމުން، ހަށިފާރަވެރިންގެ ފުރިހަމަ ހިމާޔަތުގައި، މަހަލްދީބުގެ ރަސްގެފާނު، ޖަޒާއިރުގެ ރަސްގެފާނުގެ އަރިހަށް ދިޔައެވެ. ރަސްމީ މަޝްވަރާތަކުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. އެއަށްފަހު މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، އެކަމުގެ މެދުވެރިންނަކީ، ދެ ޤައުމުގެ ބޮޑުވަޒީރުންނެވެ.

މަޝްވަރާތައް ނިންމާލުމަށްފަހު، ބޭރު ބަހަކުން ކުރި މަޝްވަރާތަކުގެ ދިވެހި ތަރުޖަމާއެއް، ބެލުންތެރިންނަށް އިއްވާފައިވެއެވެ. މި ބަޔާނުގައި ހުރި ގިނަ ކަންކަމަކީ ޖޯކު ނުވަތަ ސަމާސާ ކަންކަމެވެ. އެއަށްފަހު، މަހަލްދީބުގެ ރަސްގެފާނު، ލަޝްކަރާއެކުވަނީ އެނބުރި ގޮސްފައެވެ.

ދެ ރަސްކަލުގެ މަޝްވަރާ ކުރިއަށް ގެންދަނީ- ފޮޓޯ: ވަގުތު އިމޭޖަސް

މިއީ، ތަފާތު ހަރަކާތެއްކަމަށްވާއިރު، މިއީ ދިވެހީންގެ މުއްސަނދި ސަޤާފަތް، ނުހަނު ފުރިހަމައަށް ދައްކުވައިދިން ހަރަކާތެކެވެ. ހަމައެހެންމެ، ރަސްކަމުގެ ހައިބަތާއި، ޚާރިޖީ ގުޅުންތަކުގެ ވަރުގަދަކަންވެސް، މި ހަރަކާތުން ދައްކުވައިދީފައިވެއެވެ.

މި ހަރަކާތް ބަލާލުމަށް، ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެފައިވެއެވެ. މިއީ ބަލާ ނުލައި ދޫކޮށްލާ ވަރުގެ ކަމެއްވެސް ނޫނެވެ.