“ކުރިއަށް މި ދާ ހަނގުރާމައިގެ ސަބަބުން އަހަރެންގެ ދަރިފުޅަށް އަދި ނަމެއް ނުކިޔޭ. އެ ދަރިފުޅަށް 4 ދުވަސް ވެއްޖެ.” ކިފާއިއާ އަބޫ އައްސާރު ބުންޏެވެ. ޣައްޒާގެ އެންމެ ދެކުނުގެ ރަފާހު ގައި އދ އިން ހިންގާ ސުކޫލު ހިޔާވެއްސެއްގެ ކަނެއްގައި، ކުނަލެއް މަތީގައި އިނދެ، ކިފާއިއާ ދިޔައީ ރަތް ކުލައިގެ ރަޖައެއްގައި އޮޅާލާފައި އޮތް އޭނާގެ ތުއްތު އަންހެން ދަރިފުޅު މަސަލަސް ކުރަން މަސައްކަތް ކުރަމުންނެވެ.

ކަންބޮޑުވުމާއި ވަރުބަލިކަން އޭނާގެ މޫނުމަތިން ސާފު ކޮށް ފެންނަމުން ދިޔައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް، އަލަށް މަންމަ އަކަށް ވުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ކިފާއިއާ އަށް މި ތަޖުރިބާ ކުރަން ޖެހިފައި ވަނީ އާންމު މީހެއްގެ ހިތަށްވެސް ގެންނަން އުނދަގޫ ފަދަ ހާލަތެއްގައި، އިންތިހާ ބިރުވެރިކަމާއި، އުނދަގުލުގައެވެ.

އުތުރު ޣައްޒާއަށް ނިސްބަތްވާ 24 އަހަރުގެ ކިފާއިއާވެސް ވަނީ، އަމިއްލަ ރައްކާތެރިކަން ބޭނުން ނަމަ ޣައްޒާގެ އުތުރުގައި ދިރިއުޅެމުން ދިޔަ އެންމެން ދެކުނަށް ދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން އިންޒާރަށް ފަހު، ރައްކާތެރިކަން ލިބޭނެ ކަމުގެ އުންމީދުގައި އާއިލާ އާއި އެކު ދެކުނަށް ދަތުރު ކޮށްފައެވެ. އޭރު ކިފާއިއާ އިނީ ބަނޑަށް ދުވަސްފުރި، ވިހަން ކައިރި ވެފައެވެ.

”އަހަންނަށް ޖެހުނީ އެއްތަނުން އަނެއް ތަނަށް ދުވަން. އަހަރެން ހުރީ އިންތިހާއަށް ވަރުބަލިވެފައި. ފުރަތަމަ އަހަރެމެން ދިޔައީ ނުސެއިރަތް ކޭމްޕަށް. އެކަމަކު އަހަރެމެން ތިބި ހިސާބާއި ކައިރިއަށް އިސްރާއީލުން ބޮން އެޅި. ބައިތައް ވަކިވެ، ވީދިފައިވާ ހަށިތައް އަހަރެން ދުށިން. އެމަންޒަރު ބެލުމަކީ ވަރަށް އުނދަގޫ ކަމެއް.” ކިފާއިއާ ބުނެފައި ވެއެވެ.

ކިފާއިއާ އާއި އޭނާގެ އާއިލާއަކީވެސް އިސްރާއީލުގެ އިންޒާރާއި އެކު އުތުރު ޣައްޒާ ދޫކޮށް ދިޔަ އެތައް ސަތޭކަ ހާސް އާއިލާގެ ތެރެއިން އެއް އާއިލާއެވެ. އެ ދަތުރު މަތީގައިވެސް ޔަހޫދީން ދެންމެ ދެންމެ ބޮން އަޅާފާނެ ކަމުގެ ބިރުވެރިކަން މަތީގައި ކިފާއިއާ އަށް ވަނީ އެތައް މޭލަކަށް ހިނގަން ޖެހިފައެވެ.

”އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށް އެއީ ނުރައްކާތެރި ހާލަތެއް. ހުރިހާ ވަގުތެއްގައިވެސް އަހަރެން ހުރީ ބިރުވެރިކަން މަތީގައި.”އޭނާ ބުންޏެވެ.

ގައްޒާގެ ހޮސްޕިޓަލެއްގައި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ —- ފޮޓޯ: ބީބީސީ

އެ އާއިލާ އެންމެ ފަހުން ރަފާހް ގައި ހުންނަ ކުވައިތީ ހޮސްޕިޓަލަށް ފޯރިއެވެ. ނަމަވެސް އޭރު އެ ހޮސްޕިޓަލުގެ މާބަނޑު މީހުންގެ ވޯޑު ވަނީ ބަންދު ކޮށްފައެވެ. އެހެން ކަމުން އޭނާ ދެން ދިޔައީ ކައިރީގައި ހުރި އެމިރާތީ ހޮސްޕިޓަލަށެވެ.

”ވިހަން ތިބި މީހުންގެ އަދަދު ގިނަ ކަމުން ވަރަށް އުނދަގޫވި. އެމީހުން ދިޔައީ ޣައްޒާގެ ހުރިހާ ހިސާބަކުން އަންނަމުން، އުތުރުންނާއި ދެކުނުންނާއި އޭގެ ދެމެދުގައިވާ ހުރިހާ ހިސާބަކުން.” ކިފާއިއާ ބުނެފައި ވެއެވެ.

“ތަދު ކަނޑުވާ ބޭސްވެސް އެކަށީގެންވާ ވަރަކަށް ނެތް. އެހެންކަމުން އެމީހުން ބޭސް ދިނީ ކެތް ނުވާ ވަރަށް ތަދުވަންޏާ އަދި ހަމައެކަނި ބޭސް އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް.” ކިފާއިއާ ބުންޏެވެ. ކިފާއިއާ ވިހާފައި ވަނީ ބޭހާއި ނުލައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ތެޔޮ ހުސްވުމުގެ ސަބަބުންނާއި، ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ ހޮސްޕިޓަލު މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި ޣައްޒާގައި 50،000 އެއްހާ މާބަނޑު އަންހެނުން އެބަ ތިބި ކަމަށް އދ އިން ލަފާ ކުރެއެވެ. އަދި ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައި އޮތް މިހާލަތުގައިވެސް ދުވާލަކު ގާތްގަނޑަކަށް 180 އަންހެނުން ވިހާނެ ކަމަށް އެ ޖަމިއްޔާއިން ލަފާ ކުރެއެވެ.

ޔަހޫދީ ނިރުބަވެރިންގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވެފައި ވުމުންނާއި، ޖަނަރޭޓަރު ތައް ހިންގާނެ ތެޔޮ ހުސްވެފައި ވުމުންނާއި، އަދި ބޭހާއި ސިއްހީ ފަރުވާދޭނެ ޒަރޫރީ އާލާތްތައް ނެތުމުގެ ސަބަބުން މާބަނޑު އެތައް އަންހެނުންނެއް ވަނީ ރައްކާތެރިކަމާއި އެކު ވިހެއުމުގެ ހިދުމަތުން މަހުރޫމު ވެފައެވެ.

އަލް ޝިފާ ހޮސްޕިޓަލުން ތެޔޮ ހުސްވުމުން އެ ހޮސްޕިޓަލުގައި ތިބި ދުވަސް ނުފުރާ ވިހާފައި ތިބި ކުދިން އެކުގައި ބައިތިއްބާފައި —-ފޮޓޯ: ރޮއިޓާަސް

އޭގެ ތެރެއިން އެކަކީ އުލާ އަބޫ އާލީ އެވެ.

”އަހަރެންގެ ދަރިފުޅަށް މިހާރު ދެ ހަފްތާ ވެއްޖެ. އެ ކުއްޖާފުޅު އުފަންވީ ހަނގުރާމައިގެ ތެރޭގައި، މި ތަނުގައި، މި ސުކޫލުގެ ތެރޭގައި.” އުލާ ބުނެފައި ވެއެވެ.

އުލާގެ އަދި އިތުރު ކުޑަ ފިރިހެން ދަރިފުޅެއް ހުރެއެވެ. އެމީހުން މިވަގުތު ދިރިއުޅެމުން ދަނީ ރަފާހް ގައި އދ އިން ހިންގާ އެހެން ބައިބޯ ސުކޫލު ހިޔާވެއްސެއްގައެވެ.

”އަހަރެންގެ ދެ ކުދިންވެސް ވަނީ ބަލިވެފައި، އެކުދިންގެ ބަނޑު ވަނީ ފުއްޕާފައި، އަދި އެކުދިން ދަނީ ބޭރަށް ހިންގަމުން. އަހަރެންގެ ތުއްތު ދަރިފުޅަށް ގާތުން ދޭ ކޮންމެ ފަހަރަކު އެ ކުއްޖާ ހޮޑުލާ. އައިވީ އެއް ގުޅުމަށްޓަކައި އަހަރެންގެ އަނެއް ދަރިފުޅު ތިން ފަހަރު މަތިން ހޮސްޕިޓަލަށް ގެންގޮސްފިން، އެކަމަކު އެ ކުއްޖާގެ ހާލަތު ރަނގަޅެއް ނުވޭ.” އުލާ ބުންޏެވެ.

ޣައްޒާގައި މަގުމަތިވެފައިވާ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސާފު ފެން ނުލިބުމެވެ. “އަހަރެމެން އަތުގައި ފެނެއް ނެތް. އަހަރެންގެ ދަރިފުޅަށް ދޭނެ ކިރެއް ނެތް. އަދި ފާހާނާތަކުގެ ހާލަތު ކެތްކުރެވޭ ވަރަށްވުރެ ގޯސް. އެތަނުގައި ވަނީ ނުބައި ވަސް ހަރުލާފައި. އަދި އަހަރެމެންނަށް ޖެހެނީ ފާހާނާ ބޭނުންކުރަން އަހަރެމެންނާއި ޖެހެންދެން އިންތިޒާރުގައި ތިބެން.” އުލާ ބުނެފައި ވެއެވެ.

ވަފާ ޔޫސުފް ފަޚްރީވެސް ދަނީ އުލާ ދިރިއުޅެމުންދާ ސުކޫލުގައި ހިޔާވަހިކަން ހޯދަމުންނެވެ.

”އަހަރެން ބަނޑުބޮޑު. އަހަރެންގެ ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް އަހަރެން ބިރުގަނޭ. އަހަރެން ވިހާ ދުވަސް ކައިރިވަމުންދާއިރު، އަހަރެން އުޅެން ޖެހިފައިމިވާ މާހައުލުގެ ހާލަތާއި މެދު އަހަރެން ކަންބޮޑުވޭ. ބަލިވެދާނެތީ އަހަރެން ކަންބޮޑުވޭ. ޒަރޫރީ ސާފުޠާހިރުކަމަށްވެސް އަހަރެމެން އަތުގައި ފެނެއް ނެތް.” ވަފާ ބުނެފައި ވެއެވެ.

ޣައްޒާގެ އުތުރު ބޯޑަރު ކައިރީގައި އޮންނަ ބައިތު ހަނޫން އަށް ނިސްބަތްވާ ވަފާއަކީވެސް ރައްކާތެރި ތަނެއްގެ އުންމީދުގައި އުތުރުން ދެކުނަށް ދަތުރު ކުރި މީހެކެވެ.

“ފުރަތަމަ އަހަރެމެން ދިޔައީ އަލް މުއާސްކަރް ސަރަހައްދުގައި ހުރި ސުކޫލަކަށް. އަހަރެމެން ކައިރީ ބުނީ އެތަނުން ދާން، އެހެންވެ އަހަރެމެން އަނެއްކާވެސް ދެކުނަށް މިސްރާބު ޖެހީ. ދަތުރުގެ އެކި ހިސާބުތަކުގައި އަހަރެމެން ގާޑިޔަލާއި ހިމާރުގެ ބޭނުން ހިފިން، އެކަމަކު ދަތުރުގެ ބޮޑު ބައި ކަޑައްތު ކުރީ ފައިމަގު ގައި. އަހަރެމެން އަތުގައި ބޯނެ ފެނެއް ނެތް، އެހެންކަމުން އަހަރެމެންނަށް އޮތް ހަމައެކަނި ގޮތަކީ މޫދުން ލޮނު ބުއިން. އަހަރެމެން ބޯން އެންމެ ފެން ފުޅިއެއްވެސް ލިބޭތޯ އަހަރެންގެ ފިރިމީހާ ވަރަށް މަސައްކަތް ކުރި.” ވަފާ ބުންޏެވެ.

ވަފާ ޔޫސުފް ފަޚްރީ އޭނާގެ ދަރިންނާއި އެކު —- ފޮޓޯ: ބީބީސީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެކަށީގެންވާ ފަރުވާ ލިބެން ނެތުމުގެ ސަބަބުން މަރުވާ މާބަނޑު މީހުންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު އިތުރު ވެގެންދާނެއެވެ. އަދި އޭގެ އިތުރުން ޣައްޒާގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ހާސްކަން އިތުރުވުމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅު ބައިގެން ދިއުމާއި، ބަނޑުގައި މަރުވުމާއި، އަދި ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތުވެސް ބޮޑެވެ.

ޣައްޒާ ސިޓީ އަށް ނިސްބަތްވާ މާބަނޑު އަންހެނެއް ކަމަށްވާ އަސްމާ އޭނާގެ ތިން ދަރިންނާއި އެކު މިހާރު ދިރިއުޅެމުންދަނީ ދީރުލް ބަލަހްގައި ހުންނަ އަލް އަޤުޞާ ހޮސްޕިޓަލުގެ ގޯތިތެރޭގައި ޓެންޓެއް ޖަހައިގެންނެވެ. އޭނާގެ ގެއިން ނުކުންނަން ޖެހުމުގެ ކުރިން އޭނާ ވަނީ ޗެކަޕެއް ހެދުމަށް އަލް ޝިފާ ހޮސްޕިޓަލަށް ގޮސްފައެވެ.

”މެދުނުކެނޑި އިވެމުންދާ ބޮންތަކުގެ އަޑުގެ ސަބަބުން އަލް ޝިފާގައި އެތައް އަންހެނުންނެއް ވަނީ ބައިގެން ގޮސްފައި. މިއީ ކެތްކުރަން އުނދަގޫ ހާލަތެއް، ހާއްސަކޮށް މާބަނޑު އަންހެނުންނަށް. އަހަރެންވެސް އަހަރެންގެ ބަނޑުގައިވާ ދަރިފުޅާއި މެދު، އަދި ބައިގެން ގޮސްދާނެތީ ވަރަށް ކަންބޮޑުވޭ. މުޅި ގައިގައި ހުންނަ ނުފިލާ ރިހުމާއި އެކީ ހޭލުން މިވަނީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ހަގީގަތަށް ވެފައި. އަހަރެމެން މިވަނީ ނުސާފު މާހައުލަކަށް ހުށައެޅިފައި. އަދި އަހަރެމެންނަށް ތަކުރާރު ކޮށް މިދަނީ މަރުވެފައިވާ މީހުންގެ ހަށިތަކުގެ މަންޒަރުތައް ލޯ ކުރިމަތިން ފެންނަމުން.” އަސްމާ ބުނެފައި ވެއެވެ.

އަސްމާ ބުނެފައިވަނީ އޭނާ ވަނީ ވަރުބަލިވެފައި ކަމަށާއި، މި ހަނގުރާމަ ނިމުމަށް އޭނާ އެދޭ ކަމުގައެވެ.

”ހަމަލާތައް ހުއްޓާލުމަށް އަހަރެން އާދޭސް ކުރަން. މިހާ ވޭން ތަހައްމަލު ކުރަން ކުޑަކުދިންނަށް ޖެހެނީ އެކުދިންގެ ކޮން ކުށެއް އޮވެގެން؟ އަދި މި ދުނިޔެއަށް އުފަންވެސް ނުވާ އަހަރެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟“

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގތގތގތ

    ހަމަލާތައް ހުއްޓާލުމަށް އަހަރެން އާދޭސް ކުރަން. މިހާ ވޭން ތަހައްމަލު ކުރަން ކުޑަކުދިންނަށް ޖެހެނީ އެކުދިންގެ ކޮން ކުށެއް އޮވެގެން؟ އަދި މި ދުނިޔެއަށް އުފަންވެސް ނުވާ އަހަރެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟
    އިޒުރޭލު ބަކަރިން ބިރުގަންނަނީ ، އެނޫން ދެން ކޮން ކަމެއް؟