ގދ.ވާދޫގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާ، މުޅިން އަލަށް ގޯލްޑެން ފުޓްސަލް މުބާރާތުގައި ބައިވެރިވި އައްޑޫ ސިޓީ ހިތަދޫން ޒޯން 7 ގެ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

އެންމެ ފަހުގެ ޒޯން ޗެމްޕިއަން ވާދޫއާއި ހިތަދޫ މިރޭ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ރަފާހް (ޓޫޓޫ) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލު ތެރެއަށް ފޮނުވާލައިގެން ހިތަދޫގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު ސަބާހް މަންސޫރެވެ. ފުރަތަމަ ގޯލު ޖަހިތާ މާގިނައިރުތަކެއް ނުވަނީސް ހިތަދޫ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 2-0 އަށް ހަދާފައެވެ. މި ގޯލު ހިތަދޫ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސަބާހު މަންސޫރު ފަހަތުގައި ހުރެ، މަތިން ވައްޓާލި ބޯޅައަކުން ހުސެއިން ރާއިފް އަހްމަދު (ހަންނަ) އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ވާދޫ އާއި ހިތަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ދެވަނަ ހާފް ފަށައިގެން ވެސް މާ ގިނަ އިރުތަކެއް ނުވަނީސް ހިތަދޫގެ ޓީމުން ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަފާހު ތަނަވަސްކޮށްދިން ބޯޅައަކުން ރާއިފް އަހުމަދު (ހަންނަ) އެވެ.

ހިތަދޫން ބޮޑު ތަފާތަކުން މެޗުގެ ލީޑު ނަގާފައިވާއިރު، ވާދޫ ޓީމުން ވެސް ވަނީ ނުރައްކާތެރި ކުޅުމެއް ކުޅެ، ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ނަތީޖާއަކަށްވީ ވާދޫން ހިތަދޫ ކޮޅަށް ލަނޑެއް ކާމިޔާބު ކުރުމެވެ. މި ލަނޑު ވާދޫ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު އިޔާދު އަލީއެވެ.

ވާދޫ އާއި ހިތަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ހިތަދޫ ޓީމުގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ކެޕްޓަން ހާޒިމް ފައުޒީއެވެ. ހާޒިމް މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެދުގެ އެންމެ ފަހުގެ ވަގުތު ވާދޫގެ ކީޕަރު ކައިރިން ނައްޓުވާލައިގެންނެވެ.

ހިތަދޫން ވާދޫގެ މައްޗަށް ކުރި ހޯދާފައިވާއިރު، މިރޭ ދަނޑިމަގު ޓީމުން ގެމަނަފުއްޓާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. ތާވަލުގެ އެއްވަނައިގައި ދަނޑިމަގު އޮތީ ކުޅުނު 4 މެޗުން ލިބުނު 12 ޕޮއިންޓާއިއެކީ އެވެ. ތާވަލުގެ ދެވަނައަށް ހިތަދޫ ޖެހިލާފައިވަނީ ކުޅުނު 4 މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ.

ދަނޑިމަގާއި ގެމަނަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ހިތަދޫއާއި ވަދޫ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހާޒިމް ފައުޒީ ހޮވިފައިވާއިރު، ގެމަނަފުއްޓާއި ދަނޑިމަގު ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލީ ޝަމާލް އަބްދުاللهއެވެ.

ކިޔުންތެރިންގެ ހިޔާލު